އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލީ އިމްރާންގެ ތާއީދާއެކު ޝިފާން ހިމެނޭހެން 2 މީހުން

މިހާރު އެ ޕާޓީގެ ނައިބު ރައީސްކަން ކުރައްވަމުން އަންނަ ޝެއިޚް މުހައްމަދު ޝިފާން --

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ދެ ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.

އެ ޕާޓީން މިދިޔަ މަހުގެ 29ވަނަ ދުވަހު ކުރި އިއުލާނެއްގައި ވަނީ، އެ މަގާމަށް ކުރިމަލެވޭނީ އަދާލަތު ޕާޓީގެ ދަފުތަރުގައި އެ މަހުގެ 28އާ ހަމައަށް ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް ބުނެފައެވެ.

އެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް، އިއްޔެ ހަވީރު 16:00ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުއްދަތު ހަމަވިއިރު އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ދެ ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ.

އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ މިހާރު އެ ޕާޓީގެ ނައިބު ރައީސްކަން ކުރައްވަމުން އަންނަ ޝެއިޚް މުހައްމަދު ޝިފާންއެވެ.

އޭނާ ވަނީ މަދީނާގެ އިސްލާމީ ޔުނިވާސިޓީން ބެޗެލާސް އިން ޝަރީއާ ހާސިލްކުރައްވައިފައެވެ. އަދި މޯލްޑިވްސް ބިޒްނަސް ސްކޫލުން ، ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާޒް ހާސިލްކުރައްވައިފައެވެ.

ޝެއިޚް ޝިފާން ކުރިމަތިލެއްވީ މިހާރުގެ ރައީސް އިމްރާން އަބްދުالله އާއި، ޝެއިޚް އިޔާޒް އަބްދުއްލަތީފާއި، ޝެއިޚް އިލްޔާސް ހުސައިންގެ ތާއީދާއެކުގައެވެ.

ދެން ވާދަކުރައްވަނީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ އިކްރާމް އަބްދުއްސައްތާރެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ވަކި ޝަރުތުތަކެއް އެ ޕާޓީން ވަނީ، ކަނޑައަޅާފައެވެ. މިގޮތުން:

އަދާލަތު ޕާޓީން ބުނީ، ރައީސް ކަމަށް އެންމެ މީހަކު ކުރިމަތިލައިފިނަމަ، އެ މަގާމަށް އެ މީހަކު ހޮވުމަށް އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެ ކަމަށެއެވެ. އެކަމަކު، އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ، ރައީސަކު އިންތިޚާބުކުރުމަށް ޕާޓީގެ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގަން އެ ޕާޓީން ވަނީ ނިންމާފައެވެ.

އެ އިންތިޚާބު އޮންނާނީ، އަންނަ މަހު 31ގައި ކަމަށްވާއިރު، އިންތިޚާބުގައި ވޯޓު ލެވޭނީ ވެސް އިއްޔެއާ ހަމައަށް އާދަލަތު ޕާޓީގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލިއިރު، މިދިޔަ އޭޕްރީލް 30ގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ، އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، ޕާޓީގެ ރައީސްކަމަށް ވާދަ ކުރައްވާނެކަން ހާމަކުރައްވާފައެވެ. ނަމަވެސް އޭނާ ވާދަނުކުރައްވައެވެ.

comment ކޮމެންޓް