އެމްޑީޕީއަށް އާދަނެއް ނޯޅޭނެ، ތަރައްގީގެ މަޝްރޫއެއްވިއަސް، މުޒާހަރާއެއްވިއަސް، އިސްކޮށް ހުރި: ޙުސައިން އިސްމާޢީލް

ޙުސައިން އިސްމާއީލް: އޭނާ ވިދާޅުވީ އެމްޑީޕީއަށް އާދަމް ޢާޒިމް ނޯޅޭނެ ކަމަށާއި، އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ޢާޒިމް ބައިވެރިވެވަޑައިގަންނަވައި ސަރުކާރު ޖަވާބުދާރީކުރެއްވުމަށްޓަކައި އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދެވީ މޭޔަރުކަމުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވަމުން ކަމަށް --- ސަން ފޮޓޯ: ޙަސަން ޙާފިޒް

އިދިކޮޅު އެމްޑީޕީއަށް މާލޭގެ މޭޔަރު އާދަމް ޢާޒިމް ނޯޅޭނެ ކަމަށާއި، އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ޢާޒިމް ބައިވެރިވެވަޑައިގަންނަވައި ސަރުކާރު ޖަވާބުދާރީކުރެއްވުމަށް ޓަކައި އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދެވީ މޭޔަރުކަމުގެ މަސްއޫލިއްޔަތު ވެސް އަދާކުރައްވަމުން ކަަމަށް، އެމްޑީޕީ ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޙުސައިން އިސްމާޢީލް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި "ދެންވެސް އާދަމް ޢާޒިމް"ގެ ނަމުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޙުސައިން ވިދާޅުވީ، އާދަމް ޢާޒިމް ހޮވަންވީ މާލެއާއި މާލެއަށް އަންނަ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ޓަކައި ކަމަށެވެ.

ޙުސައިން ވިދާޅުވީ، މޭޔަރު ކަން ކުރައްވާ ބޭފުޅަކީ ކޮންމެހެން ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭ ބޭފުޅެއްނޫން ކަމަށެވެ. އެއާއެކުވެސް، އިދިކޮޅު މެންބަރެއްގެ ހައިިސިއްޔަތުން ޢާޒިމް ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭ ކަމަށާއި، އެ މަސައްކަތް އޭނާ ކުރައްވަނީ މާލޭގެ ކަންކަން ރަނގަޅުކުރައްވަމުން ކަމަށް، ޙުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެމްޑީޕީގެ ކޮންމެ ހަރަކާތެއްގައި ވެސް ޢާޒިމް އިސްކޮށް ބައިވެރިވެވަޑައިގަންނަވައެވެ.

"މުޒާހަރާއެއް ކުރިޔަސް އާދަމް ޢާޒިމް ހުންނަވާ، އަދި އެކަމަށް ތައްޔާރުކުރަން އަޅުގަނޑުމެންނަށް ބޭނުންވާ އެހެނިހެން ހުރިހާ އެހީތެރިކަމެއްވެސް ދެއްވާ ބޭފުޅެއް އާދަމް ޢާޒިމަކީ، އެހެެންވީމާ އަޅުގަނޑު އާދަމް ޢާޒިމަށް މި ތާއީދުކުރަނީ،"ޙުސައިން އިސްމާޢީލް

އެއާއެކު، މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އެމްޑީޕީން އާދަމް ޢާޒިމާ ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމަށް ޙުސައިން ފާޑުވިދާޅުވިއެވެ.

އެގޮތުން ޢަލީ ޢާޒިމަށް ފާޑުވިދާޅުވެ، ޙުސައިން ވިދާޅުވީ، އެމްޑީޕީގައި ކޮޅުފައިން ޖަހައި ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅަކަށް ވޯޓުދޭން ދަތި ކަމަށެވެ. އެހެންވިޔަސް ޙުސައިން ވިދާޅުވިގޮތުގައި އާދަމް ޢާޒިމް ހުންނެވީ އެމްޑީޕީއާއެކު އެއްބައިވަންތަކަމާއެކު ގަދަކޮށެވެ.

"އަޅުގަނޑުމެންގެ ގައިގަ ކޮޅުފައިން ޖަހާފަ ގޮސްފަ އައިސްފަ ދެން އަޅުގަނޑުމެން އަނެއްކާވެސް އެ މީހުންގެ ބުރަކަށީގަ ފިރުމަންތޯވީ؟ ނޫން، އަޅުގަނޑުމެންނާ އެކީގަ މަސައްކަތްކޮށްގެން އެ އިތުބާރު އަޅުގަނޑުމެންނަށް އަލުން ދެއްވަންޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް