އަންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންވާ، ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ނަމަ އަންނަ ފެބްރުވަރީ މަހުގެ 23ވަނަ ދުވަހުގެރޭ 10 ޖެހުމުގެ ކުރިން 1414 އަށް ގުޅައި ދަފުތަރުވުމަށް އެދިފައެވެ.
އެ ކޮމިޝަނުން ބުނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9އިން ރޭގަނޑު 10އަށް، އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3އިން ރޭގަނޑު 10 ޖަހަންދެން 1414 އަށް ގުޅުމުން، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތަށް އެދި ރަޖިސްޓްރީވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ފެނުމުން މަހުރޫމުވެފައިވާ ފަރާތްތައް އަމިއްލައަށް ވޯޓު ކަރުދާހުގައި ޓެމްޕްލޭޓު ބޭނުންކޮށްގެން ފާހަގަ ޖެހުމުގެ ފުރުސަތު ދިނުމަށް ޓަކައި އެކަމަށް ޚާއްސަ ޓެމްޕްލޭޓެއް ތައްޔާރުކޮށް މަޖިލީހަށް އިސްލާހެއް ހުށަހެޅީ މެއި 29، 2023ގައެވެ.
އަދި ޓެމްޕްލޭޓު މެދުވެރިކޮށް، އެންމެ ފުރަތަމަ ވޯޓުލީ އެ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޓެމްޕްލޭޓު މެދުވެރިކޮށް 45 މީހަކު ވޯޓުލިކަމަށް، އިލެކްޝަންސް ކޮމިޝަނުން އޭރު އާންމުކުރި ތަފާސްހިސާބުތަކުގައިވެއެވެ.
ލޯފަން މީހުން އަމިއްލައަށް ވޯޓު ލުމަށް ބޭނުން ކުރި ޕްލާސްޓިކު ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ހާޑް މެޓީރިއަލްއަކުން އެތެރެ ފެންނަ ގޮތައް ފަރުމާކޮށްފައިވާ ޓެމްޕްލޭޓެކެވެ. މި ޓެމްޕްލޭޓުގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ކަނޑާފައި ހުންނަ އިރު، އަތްލުމުން އިހުސާސްވާނެ ފަދައިން ކެންޑިޑޭޓު ނަންބަރު ވެސް ހިމަނާފައިވެއެވެ.
އެއީ، އޭގެ ތެރެއަށް ވޯޓު ކަރުދާސް ލައްވާ ލެވޭ، ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ބާއްވާ ލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓެމްޕްލޭޓެކެވެ.
އަންނަ ލޯކަލް ކައުންސިލު އިންތިޚާބު އޮންނާނީ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ.