މި އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ، 479 ފަތުރުވެރިންނާއެކު ރާއްޖެ އަތުވެއްޖެ

މި އަހަރު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒްލައިނާ މާލެ ބޭރުގައި: އެ ކްރޫޒްލައިނާއިން އައި ފަތުރުވެރިންނަށް ވަނީ ކްލިއަރެންސް ދީފައި --- ފޮޓޯ/ އިމިގްރޭޝަން

މި އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ, 479 ފަތުރުވެރިންނާއެކު ރާއްޖެ އަތުވެއްޖެއެވެ.

އިމިގްރޭޝަނުން ބުނީ، 'އެމްއެސް ކްރިސްޓަލް ސިމްފަނީ' މިދިޔަ ހޯމަ ދުވަހު ރާއްޖެ އައީ، ސީޝެލްސްގެ މަހޭއިން ފުރައިގެން ކަމަށެވެ.

މިގޮތުން، އެ ކްރޫޒްލައިނާއިން ވަނީ، 479 ފަތުރުވެރިންނާއި 491 ކްރޫއިން އައިސްފައެވެ. އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުގެ އޮފިސަރުން އެ މީހުންނަށް ކްލިއަރެންސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މިއީ، މި އަހަރު ރާއްޖެ އައި ފުރަތަމަ ކްރޫޒްލައިނާއެވެ.

ކޮންމެ އަހަރެއްގެ ވެސް ފަހު ކޮޅާއި ކުރީކޮޅު ރާއްޖެއަށް ކުރޫޒު ލައިނާތައް އާދެއެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރަށް ވުރެން ގިނަ ދުވަސްވީއިރު އެ ކުރޫޒު ލައިނާތަކަށް ޚިދުމަތް ދެވޭނެ މާ ބޮޑު ވަސީލަތެއް ގާއިމު ކުރެވިފައެއް ނެތެވެ.

އެމްއެސް ކްރިސްޓަލް ސިމްފަނީގެ ފަޅުވެރިންނާ އެކު އިމިގްރޭޝަންގެ އޮފިސަރުން ---ފޮޓޯ/އިމިގްރޭޝަން

ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ، ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން މާލެއަށް ބާލާނެ ތަނެއް ނެތުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

https://sun.mv/214832

އެގޮތުން، އެކަން ކުރުމަށް ހުއްދަ ދީފައި އޮންނަނީ އެއް ނަންބަރު ޖެޓީއާއި މަސްވެރިންގެ ޕާކު ސަރަހައްދަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ތަންތަނުގައި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ ފަތުރުވެރިން އަޔަސް، މާލެއަށް ބާލާނެ ތަނެއް ނެތް ކަން ކަންބޮޑުވުމާއެކު، ނަޝީދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް