ކިޔުބާގެ ވެރިކަން ދޭނީ އެމެރިކާގެ ޚާރިޖީ ވަޒީރު ރޫބިއޯއަށް: ޓްރަމްޕް

ޓްރަމްޕް އާއި ރޫބިއޯ

ވޮޝިންޓަން (13 ޖަނަވަރީ 2026): ވެނެޒުއެލާގެ މިހާރުގެ ރައީސަކީ އޭނާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއަށް ވަރަށް އަވަހަށް ކިޔުބާގެ ވެރިކަން ދެއްވާނެކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތް ސޯޝަލްގައި ލިޔުއްވާފައިވާ ގޮތުގައި އޭނާއަކީ ވެނެޒުއެލާގެ ވަގުތީ ރައީސެވެ. މިއާއެކު ވެނެޒުއެލާގެ އެކްޓިން ރައީސަކީ އޭނާ ކަމަށް ކެޕްޝަން ޖައްސަވައި ފޮޓޯއެއް ވެސް ވަނީ ޕޯސްޓް ކުރައްވާފައެވެ.

ޓްރަމްޕް ވަނީ އދ.އަށާއި ބައިނަލްއަގުވާމީ ގާނޫނަށް ގޮންޖެހުމަށް ފަހު ވެނެޒުއެލާއަށް ސިފައިން ފޮނުވައިގެން އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސްފައެވެ. މިކަން ކުރީ މަދޫރޯގެ ސަލާމަތީ ކަންކަން ބަލަހައްޓާ ބާރުތަކުގެ އިސް އޮފިސަރުންނަށް އެމެރިކާއިން ރިޝްވަތު ދީގެންކަމަށް ރިޕޯޓްތައް ބުނެއެވެ.

މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ވަގަށް ނެގުމަށް ފަހު ޓްރަމްޕްވަނީ އެ ދެކަނބަލުންގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި ނިޔުޔޯކްގެ ކޯޓަކަށް ވެސް ހާޒިރުކޮށްފައެވެ. ނަމަވެސް، އެކޯޓުގެ ފަނޑިޔާރުންވަނީ މަދޫރޯގެ މައްޗަށް ޝަރީއަތް ހިންގާ ސަބަބާއި މަދޫރޯގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާފުކޮށް ދިނުމަށް އެދިފައެވެ.

ޓްރަމްޕްގެ ސަރުކާރުން މަދޫރޯ ވަގަށް ނެގުމުގެ ކުރިން އޭނާގެ މައްޗަށް ކުރީ އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ވަގު ވިޔަފާރިއަށް އެއްބާރުލުން ދިނުމާއި އެކަމުގައި މަދޫރޯ ބައިވެރިވާކަމުގެ ތުހުމަތެވެ. ހެއްކެތް ނެތިއެވެ.

ނަމަވެސް، މަދޫރޯ ވަގަށް ނަގައިގެން އޭނާ ނިޔުޔޯކަށް ގެންދިޔުމަށް ފަހު ޓްރަމްޕް ވަނީ މި ތުހުމަތުތައް ބަދަލުކުރެއްވުމަށް ފަހު، މަދޫރޯގެ މައްޗަށް ވެނެޒުއެލާގެ އިންތިޚާބު އޮޅުވާލައްވައިގެން ވެރިކަން ކުރެއްވި ކަމުގެ ތުހުމަތު ކުރައްވާފައެވެ. މިކަމާބެހޭ ހެއްކެތް ވެސް ޓްރަމްޕަށް ދެއްކިފައެއް ނުވެއެވެ.

މި ހިސާބުން ފަނޑިޔާރުންވަނީ ބޭރު ގައުމެއްގެ އިންތިޚާބާ ބެހޭ މައްސަލައެއް ބެލުމާބެހޭ ގާނޫނެއް އެމެރިކާގައި ނެތްކަމަށް ބުނުމަށް ފަހު، އެ މައްސަލަ ގެންދާނެ ގޮތަކާމެދު ސުވާލު އުފައްދަވާފައެވެ. އެމެރިކާގައި ނެތް ގާނޫނެއްގެ މައްޗަށް ޝަރީއަތް ހިންގާނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންތޯ ސުވާލު ކުރައްވާފައެވެ.

މި ހިސާބުން މި މައްސަލަ ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ. ނަމަވެސް، މަދޫރޯއާއި އޭނާގެ އަނބިކަނބަލުންވަނީ ނިޔުޔޯކްގެ ޖަލެއްގައި ބަންދުކޮށްފައެވެ.

އެއަށް ފަހު ޓްރަމްޕް ވަނީ މަދޫރޯއަށް ހެދިގޮތް ހަދަން ޖެހިދާނެކަމުގެ އިންޒާރު ކޮލަންބިއާއާއި މެކްސިކޯގެ ރައީސުންނަށް ވެސް ދެއްވާފައެވެ. އަދި، އެއަށް ފަހު ކިޔުބާގެ ވެރިކަން ވައްޓާލާނެކަމުގެ އިންޒާރު ވެސް ވަނީ ދެއްވާފައެވެ.

މި އިންޒާރު ދެއްވުމަށް ފަހު ޓްރަމްޕް ވަނީ ކިޔުބާގެ ވެރިކަން ދެއްވާނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއަށް ކަމަށް ވެސް ވިދާޅުވެފައެވެ.

ރޫބިއޯއަކީ ކިޔުބާ ދަރިކޮޅުގެ ބޭފުޅެކެވެ. ނަމަވެސް، ރޫބިއޯ ކިޔުބާގެ ރައީސްކަން ކުރައްވާނީ އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގައި ހުންނަވައިގެންކަން ނުވަތަ ނޫންކަން ޓްރަމްޕް ވިދާޅެއް ނުވެއެވެ.

comment ކޮމެންޓް