ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށްޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ފެށި އޮޕަރޭޝަނުގައި މާލެއާއި ގއ. އަތޮޅުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރި ހަތަރު މީހުންގެ ބޭންކު އެކައުންޓުތަކުގައި މިދިޔަ ފަސް އަހަރުތެރޭ 300 މިލިއަން ރުފިޔާއާއި ހަތަރު ލައްކަ ޑޮލަރު ދައުރުކުރި ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ:
- ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާޙް ލަޠީފް (28އ)
- މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަޙްމަދު މަދީޙު (33އ)
- އައިޒަން / ގއ. ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ)
- އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޡާމް (35އ)
އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެެރެއިން މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އަޙްމަދު އަނާމް އިބްރާހީމް ވަނީ އިއްޔެ މަގާމުން ވެސް ވަކިކޮށްފައެވެ. މި މައްސަލައިގައި ދެން ހިމެނޭ މީހުންގެ ތެރެއިން, ޝައްފާޙް ލަޠީފަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑައިރެކްޓަރެކެވެ.
ފުލުހުން ރޭ ބުނި ގޮތުގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙާއި މަދީޙާއި އަނާމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް، އަދި ނޫރު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށެވެ. އަދި މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ޚާއްސަ ތަހުގީގެއް ފަށާފައިވަނީ ނިމުނު އަހަރުގެ މާޗު މަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި މި ނެޓްވޯކްގެ މެންބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމީހުންގެ އެކައުންޓުތަކުގައި ދައުރުވި ފައިސާގެ ތެރެއިން، މިހާރު ފުލުހުންގެ ބަންދުގައި ހުރި އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) ދައުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 (ހަތަރުލައްކަ ތިރީސް ހާސް ހަ ސަތޭކަ ތިރީސް އަށް ރުފިޔާ ނުވަދިހަ ނުވަ ލާރި)އެވެ.
މީގެ އިތުރުން، އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 (ތިރީސްއަށް މިލިން އަށްލައްކަ ބާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި) ދައުރު ކޮށްފައިވާއިރު އެ މުއްދަތުގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 (ދެލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ތިރީސް ދޭއް ލާރި)އެވެ.
އަދި، ޝައްފާޙް ލަޠީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 (ހަ މިލިޔަން ނުވަލައްކަ ސޯޅަހާސް ހަތްސަތޭކަ ފަންސާ ދޭއް ރުފިޔާ އަށްޑިހަ ތިން ލާރި) ދައުރު ކޮށްފައިވާއިރު އެ މުއްދަތުގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 (ތިންލައްކަ ހަތްދިހަ އެއްހާސް ހަސަތޭކަ ތިރީސް ފަސް ރުފިޔާ ތިރީސް ހަ ލާރި)އެވެ.
މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަމައެއާއެކު މި ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީ ލޯންޑާކުރުމުގައި އެކި ގޮތް ގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނަކީ، ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެކެވެ.