ލޯނާއި ސްކޯލާޝިޕަށް މިދިޔަ 2 އަހަރު 1.72 ބިލިއަން ރުފިޔާ، 1،600އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވި

ދަރިވަރުންތަކެއް ދަސްވެނިވުމުގެ ތެރެއިން، މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ފާއިތުވެދިޔަ ދެ އަހަރު ސްކޯލާޝިޕްތަކަށާއި ލޯނަށް 1.72 ބިލިއަން ޚަރަދުކުރި ---- ފޮޓޯ: މިހާރު

ފާއިތުވެދިޔަ ދެ އަހަރު ދަރިވަރުންނަށް ލޯނުގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ، އަދި ސަރުކާރުގެ ސްކޯލާޝިޕްގައި ކިޔަވާ ދަރިވަރުންނަށް 471.09 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވެދިޔަ ދެ އަހަރު ސަރުކާރުގެ ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް 471.09 މިލިއަން ރުފިޔާ ދޫކުރިއިރު، މިދިޔަ އަހަރު އެކަނި ވެސް 222.17 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ހަމަ އެހެންމެ، ދަރިވަރުންނަށް ލޯނުގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ ދޫކުރިއިރު، މިދިޔަ އަހަރު 548.16 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރި ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.

މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ފާއިތުވެދިޔަ ދެ އަހަރު 411 ދަރިވަރަކު ސަރުކާރުގެ ސްކޯލާޝިޕްތަކުގައި ކިޔަވަމުން އަންނައިރު، 441 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އަދި, މިދިޔަ އަހަރު ސަރުކާރުގެ ސްކޯލާޝިޕްގައި 205 ދަރިވަރަކު ކިޔަވަމުން އަންނައިރު، 180 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މި ވަގުތު އެކަނި ވެސް 602 ދަރިވަރަކު، ސަރުކާރުގެ ސްކޯލާޝިޕްގައި 20 ގައުމެއްގައި އަންނަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.

އަދި، ފާއިތުވެދިޔަ ދެ އަހަރުން ފެށިގެން ސަރުކާރުގެ ލޯނުގައި 1،438 ކިޔަވަމުން އަންނައިރު، 1،211 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. މިދިޔަ އަހަރުން ފެށިގެން 596 ދަރިވަރަކު ލޯނުގައި ކިޔަވަމުން އަންނައިރު، 660 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

މި ވަގުތު އެކަނި ވެސް ސަރުކާރުގެ ލޯނުގައި 1،740 ދަރިވަރަކު ރާއްޖެއާއި ރާއްޖޭން ބޭރު 36 ގައުމެއްގައި ކިޔަވަމުން އަންނަ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، މަތީ ތައުލީމު ހާސިލުކުރާ ފިރިހެން ދަރިވަރުންނަށްވުރެ އަންހެން ދަރިވަރުން އިތުރެވެ.

https://sun.mv/215850

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ލޯނާއި ސްކޯލާޝިޕްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިނިސްޓްރީން ދަރިވަރުންނަށް ވެފައިވާ އިހުމާލެވެ. އެގޮތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދަށް ފޮނުއްވި ސިޓީއަކާ އެކު ހުށަހެޅުއްވި ރިޕޯޓުގައިވާ ގޮތުން:

  • ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް މަހުން މަހަށް ޖަމާވާން ޖެހޭ ފައިސާ ނުވަތަ ސްޓައިޕެންޑް ގަވައިދުން ނުލިބޭ، ނަތީޖާއެއްގެ ގޮތުން ދަރިވަރުންނަށް އަސާސީ ބޭނުންތަކަށާއި ކުއްޔަށް ޚަރަދު ނުކުރެވޭ
  • މިނިސްޓްރީން ދަރިވަރުން ފޮނުވާ އީމެއިލްތަކަށް ޖަވާބު ނުލިބޭކަމާއި ވަޓްސްއަޕް މެދުވެރިކޮށް ދެނީ ނުސާފު ޖަވާބުތަކެއް
  • ގަވާއިދުން ދަރިވަރުންނަށް ފައިސާ ނުލިބުމުގެ ސަބަބުން ބައެއް ދަރިވަރުންގެ ސްކޯލާޝިޕްތައް ކެންސަލްވާ ހިސާބަށް ގޮސް، ޔުނިވާސިޓީތަކުން ދަރިވަރުންނަށް ކިޔެވުމައިގެން ކުރިއަށް ނުދެވޭ ގޮތް ހަދާފައިވޭ

އޭގެ ފަހުން ހައިދަރު މިދިޔަ މަހުގެ ފަހުކޮޅު 'ސަން'އަށް ވިދާޅުވީ، ދަރިވަރުންނަށް މަހުން މަހަށް ގަވައިދުން ފައިސާ ނުދެވޭ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި، ދަރިވަރުންނަށް މަހުން މަހަށް ދޭ ފައިސާ ބޮޑުކުރަން ނިންމިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް