ސަރުކާރުގެ ޚަރަދުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓައިޕެންޑް ލަސްވުމުގެ މައްސަލަ މި ހަފުތާ ތެރޭ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫޫ) އޭނާއަށް ފޮނުއްވި ރިޕޯޓާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ. މި ރިޕޯޓުގައި މައިގަނޑުކޮށް ހިމަނާފައިވަނީ ސްޓައިޕެންޑާއި ޓިއުޝަން ފީ ލަސްވުމާއި، ރީއިމްބާސްމެންޓް ފައިސާ ޖަމާވެފައިނުވާ މައްސަލައިގެ އިތުރުން މިނިސްޓްރީއާ މުއާމަލާތްކުރުމުގައި ހުރި ދަތިތަކުގެ ވާހަކައެވެ. ކުޑޫ މި ރިޕޯޓު މިނިސްޓަރަށް ފޮނުއްވީ ބުރާސްފަތި ދުވަހެވެ.
"ސަން" އަށް މައުލޫމާތުދެއްވަމުން ހައިދަރު ވަނީ ރިޕޯޓުގައިވާ ގިނަ މައްސަލަތައް މި ހަފުތާ ތެރޭ ހައްލުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އެ ގޮތުން، މި ހަފުތާ ތެރޭގައި ސްޓައިޕެންޑްގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ލަފާކުރައްވައިފައެވެ. އެކަމަކު، ސްޓައިޕެންޑް ލިބޭނީ މައުލޫމާތު ފުރިހަމައަށް ހުރި ލިޔެކިޔުންތައް ހުށަހެޅި ދަރިވަރުންނަށްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު -- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
"ރިޕޯޓުގައިވާ ހުރިހާ ކަމަކަށް އެޑްރެސްކުރަމުން މި އަންނަނީ. މި ހަފުތާ ތެރޭގައި ވަރަށް ގިނަ ކަންކަމަށް ހައްލެއް ލިބޭނެ ކަމަށް ބެލެވޭ. މަސައްކަތް ކުރަނީ މައުލޫމާތު ފުރިހަމަކޮށްފައިވާ ދަރިވަރުންގެ ސްޓައިޕެންޑް މި ހަފުތާ ތެރޭގައި ހަމަޖައްސަން،" ހައިދަރު ވިދާޅުވިއެވެ.
ރިޕޯޓު ބިނާވެފައިވަނީ ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭ ދެ ލިޔުމެއްގެ މައްޗަށް ކަމަށް ކުޑޫ ވިދާޅުވެފައިވެއެވެ. ފުުރަތަމަ ލިޔުމުގައި ވަނީ ފައިސާގެ މުއާމަލާތްތައް ލަސްވާކަމަށް ބުނެފައެވެ. ޓިކެޓު ފައިސާއާއި އެހެނިހެން ޚަރަދުތަކުގެ ބަދަލު ހޯދަން ހުށަހެޅިތާ އެތައް މަހެއް ވީއިރު ވެސް ފައިސާ ޖަމާވެފައިނުވާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
އަދި، ދަރިވަރުން ކުރާ ރަސްމީ މުއާމަލާތްތަކަށް އެވުޒާރާއިން ޖަވާބު ނުދިނުމުގެ ކަންބޮޑުވުން ވެސް ހިއްސާކޮށްފައިވެއެވެ. ދަރިވަރުންގެ މެސެޖް "ސީން"ކުރުން ފަދަ ޝަކުވާތައް ރިޕޯޓުގައި ހިމަނާފައިވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހިމެނޭ ރިޕޯޓެއް ކުޑޫ ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދަށް ހުށަހަޅުއްވާފައި --- ފޮޓޯ/ މަޖިލިސް
މިހާރު ދެވޭ ސްޓައިޕެންޑަކީ މީގެ ގިނަ އަހަރުތަކެއް ކުރީގެ ރޭޓްތަކަކަށްވުމުން، މިހާރުގެ އިންފްލޭޝަނާ ގުޅިގެން އެ ފައިސާއިން ޚަރަދުތައް ހަމަނުޖެހޭކަން ދެވަނަ ލިޔުމުގައި ފާހަގަކޮށްފައެވެ.
އަދި، މިނިސްޓްރީން ކޯސް ފީ ނުދެއްކުމުގެ ސަބަބުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ އެކައުންޓުތައް ސަސްޕެންޑްކޮށް، ނަތީޖާ ނުފެނުމާއި ކްލާސްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވުމުގެ މައްސަލަތައް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ބައެއް ދަރިވަރުންގެ ސްކޮލަޝިޕް ކެންސަލްވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ދަރިވަރުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ގެއްލުމާއި، އެއް ލިޔުމެއް ތަކުރާރުކޮށް ހުށަހަޅަން އެންގުމާއި، އަދި ކަމާބެހޭ މުވައްޒަފުންނާއި ބައްދަލުނުވުން ފަދަ މައްސަލަތައް ރިޕޯޓުގައި ހިމެނެއެވެ.
ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ އަވަހަށް ޖަމާނުކުރުމުގެ މައްސަލަ އޮތީ ބޮޑުވެފައެވެ.
އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޙައިދަރު ވިދާޅުވީ, ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ.