ރޯދަ މަހުގެ ކުރިން "ދަނޑުވެރިޔާ" އެޕް ބޭނުންކުރެވޭ ގޮތް ހަދަން މަސައްކަތްކުރަނީ

އެގްރިކަލްޗާ މިނިސްޓަރު މާރިޔާ ދަނޑެއްގައި: ދަނޑުވެރިޔާ އެޕް އަންނަ ރޯދައިގެ ކުރިން ބޭނުން ކުރަން މަސައްކަތް ކުރަނީ -- ފޮޓޯ/ ހުވަދު އަތޮޅު ކައުންސިލް

އަންނަ ރޯދަ މަހުގެ ކުރިން ދަނޑުވެރިޔާ އެޕް ބޭނުންކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ދެހާސްތޭވީސް ވަނަ އަހަރު ވެބް އެޕްލިކޭޝަނެއް ގޮތުގައި އިފްތިތާހުކުރި، ދަނޑުވެރިޔާ އެޕް މިހާރު ވަނީ ފޯނުން ބޭނުންކުރެވޭ ގޮތަށް ހަދާފައެވެ.

އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލާދީ، ދައުލަތުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ދަނޑުވެރިޔާ އެޕުގެ ބީޓާ ވާޝަންގެ ޓެސްޓިން މަރުހަލާ ވަނީ ނިމިފައެވެ.

އެ މަރުހަލާގައި ދަނޑުވެރިން ފާހަގަކުރި ބައެއް ބަދަލުތައް ގެންނަން މަސައްކަތް ކުރާކަން ފާހަގަކޮށް، މިނިސްޓްރީން ބުނީ، އަންނަ ރޯދަ މަހުގެ ކުރިން ޕައިލެޓު ސަރަހައްދުތަކުގައި ދަނޑުވެރިޔާ އެޕް ބޭނުންކުރަން ފަށަން މަސައްކަތް ކުރަމުން ކަމަށެވެ.

ދަނޑަށް މީހަކު ފެން ޖަހަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މި އެޕް ތައްޔާރުކުރީ، ދަނޑުވެރިކަމުގެ ތަފާސްހިސާބުތައް އެއްކުރުމަށާއި ދަނޑުވެރި ރަށްތަކުން އިންވެސްޓަރުން ހޯދައި، ދަނޑުވެރިކަން ކުރިއެރުވުމަށް މަޝްރޫއުތައް ހިންގުމަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަނޑުވެރިޔާ އެޕް ބޭނުންކުރަން ތައްޔާރުވާއިރު، މިއަހަރުގެ ރޯދަ މަހަށް ދަނޑުތައް އޮތީ ފައްކާވެފައި ކަމަށާއި ދަނޑުތަކުން ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް، ދަނޑުވެރި މައިގަނޑު ދެ ރަށް ކަމަށްވާ އއ. ތޮއްޑުއާއި ތ. ކަނޑޫދޫން ވަނީ ބުނެފައެވެ.

ބައެއް ދަތިތަކާއެކުވެސް ރަމަޟާން މަހު ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް ތޮއްޑޫގެ ކައުންސިލަރު އަދި ދަނޑުވެރިއެއް ކަމަށްވާ ޢާއިޝަތު ޖުނައިދާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކިއުކަމްބާ ފަދަ ތަރުކާރީ ބޭރުކޮށްގެން ލިބޭ އާމްދަނީ ވެސް ރަނގަޅުވާނެއެވެ.

https://sun.mv/216526

ކަނޑޫދޫ ކައުންސިލުގެ ރައީސް އަޙްމަދު ރީޙާން 'ސަން'އަށް ވިދާޅުވީ، ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އެ ރަށުގެ ދަނޑުވެރިން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ބަރާބަރަށް ގެންގޮސް ރަނގަޅު އަދަދަކަށް އެ ރަށުން މިރުސް ބާޒާރަށް ނެރެވޭނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ދަނޑުވެރިން ވަނީ، ދަނޑުތަކުން ފައިދާއެއް ނުވި ކަމުގެ ކަންބޮޑުވުން މިދިޔަ އަހަރު ފާޅުކޮށްފައެވެ. އެގޮތުން ފައިދާއެއް ނުވިތާ ކުރި ޚަރަދު ވެސް ނުލިބުނުކަމަށް ބައެއް ދަނޑުވެރިން ބުންޏެވެ. ވަކިން ޚާއްސަކޮށް ބައެއް ދަނޑުތައް މިދިޔަ އަަހަރުކުރި ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވެސްވެއެވެ.

comment ކޮމެންޓް