މިފަހަރުގެ ރޯދައަށް ދަނޑުތައް ފައްކާވެފައި!

ދަނޑުވެރިއެއް ދަނޑު ހައްދަނީ: މިފަހަރުގެ ރޯދައަށް ދަނޑުތައް ވަނީ ފައްކާވެފައި -- ފޮޓޯ/ އިސްމާއިލް ޝަފީއު

މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ ރަމަޟާން މަހަށް ދަނޑުތައް އޮތީ ފައްކާވެފައި ކަމަށާއި، ދަނޑުތަކުން ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް، ދަނޑުވެރި މައިގަނޑު ދެ ރަށް ކަމަށްވާ އއ. ތޮއްޑުއާއި ތ. ކަނޑޫދޫން މިރޭ ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ރޯދަމަހާ ދިމާކޮށް، ދަނޑުތަކުން ފައިދާއެއް ނުލިބުނު ކަމުގެ ޝަކުވާ ގިނަ ދަނޑުވެރިން ކުރިއެވެ. އެގޮތުން ފައިދާއެއް ނުވިތާ ކުރި ޚަރަދު ވެސް ނުލިބުނުކަމަށް ބައެއް ދަނޑުވެރިން ބުންޏެވެ. ވަކިން ޚާއްސަކޮށް ބައެއް ދަނޑުތައް މިދިޔަ އަަހަރުކުރި ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވެސްވެއެވެ.

ދަނޑުވެރިންގެ ވިޔަފާރި ދަށްވިއިރު އެހެން ރޯދަ މަސް މަހާ ޚިލާފަށް މިދިޔަ ރޯދަމަހު މާރުކޭޓު ވިޔަފާރިތައް ވެސް ވަރަށް ބޮޑަށް ދަށްވިއެވެ. އެގޮތުން ދުވާލަކު 30،000 ރުފިޔާ ލިބޭ ވިޔަފާރިތައް 4،000 ރުފިޔާއަށް ވެއްޓުނެވެ.

ކަން އެހެން އޮއްވައި މިއަހަރުގެ ރޯދަމަސް މިހާރު މިވަނީ ވަރަށް ގާތްވެފައެވެ.

ދަނޑުތަކުގެ ހާލަތު ބަލާލުމަށް 'ސަން' އިން ސުވާލުކުރުމުން ތޮއްޑޫގެ ކައުންސިލަރު އަދި ދަނޑުވެރިއެއް ކަމަށްވާ ޢާއިޝަތު ޖުނައިދާ ވިދާޅުވީ، އެ ރަށުގެ ގިނަ ދަނޑުގެ ހާލަތު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް ބައެއް ކަރާ ދަނޑުތަކުގައި ބަލި އެބަ އުޅޭ ކަމަށާއި، އެގޮތުން އެ ދަނޑުތަކުގައި ފަނި އެޅުމުގެ މައްސަލަ އަދި މުޅިން ހައްލުނުވާ ކަމަށް ޖުނައިދާ ވިދާޅުވިއެވެ.

ތޮއްޑޫ ދަނޑެއްގައި، މައްޝޫރު ތޮއްޑޫ ކަރައެށް ކާން ތައްޔާރު ކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހަމައެއާއެކު، ދަނޑުތަކަށް ހޯދަންޖެހޭ ބޭސް ލިބެނީ އަގުބޮޑުކޮށް ކަމުން، ކަރާ ހައްދާ ދަނޑުތައް ރަނގަޅު ހާލަތުގައި ބެހެއްޓުމަށް ބޮޑެތި ޚަރަދު ހިނގާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ ބައެއް ދަތިތަކާއެކުވެސް ރަމަޟާން މަހު ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް ޖުނައިދާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކިއުކަމްބާ ފަދަ ތަރުކާރީ ބޭރުކޮށްގެން ލިބޭ އާމްދަނީ ވެސް ރަނގަޅުވާނެއެވެ.

"[އިރާދަކުރެއްވިއްޔާ ދަނޑުތަކުން ލިބޭ އާމްދަނީ] ރަނގަޅުވާނެ، ވަރަށް މަސައްކަތްކުރަން ތޮއްޑޫ ރައްޔިތުން ރޯދަ މަހަށް ތައްޔާރުވާން،" ދަނޑުވެރިކަން ވެސް ކުރައްވާ ޖުނައިދާ ވިދާޅުވިއެވެ.

ރާއްޖޭގައި ކަރާ ހެއްދުމަށް އެންމެ މަޝްހޫރީ ތޮއްޑުއެވެ. އަދި މިރުސް ހެއްދުމަށް އެންމެ މަޝްހޫރީ ކަނޑޫދުއެވެ. އާންމު ގޮތެއްގައި ދެ ރަށަށް ނަފާވަނީ ދެ ރަށުގެ ދަނޑުތަކުންނެވެ.

ކަނޑޫދޫ މިރުސް ދަނޑެއް: އެ ރަށުން ބުނީ ރޯދަމަހު، ދުވާލަކަށް ދެ ޓަނާ ގާތްކުރާ ވަރަށް މިރުސް ބޭރުކުރެވޭނެ ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

ކަނޑޫދޫ ކައުންސިލުގެ ރައީސް އަޙްމަދު ރީޙާން 'ސަން'އަށް ވިދާޅުވީ، ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އެ ރަށުގެ ދަނޑުވެރިން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ބަރާބަރަށް ގެންގޮސް ރަނގަޅު އަދަދަކަށް އެ ރަށުން މިރުސް ބާޒާރަށް ނެރެވޭނެ ކަމަށެވެ. އެގޮތުން ދުވާލަކަށް ދެ ޓަނާ ގާތްކުރާ ވަރަށް މިރުސް ބޭރުކުރެވޭނެ ކަމަށް ރީޙާން ވިދާޅުވިއެވެ.

"ދެން ބޭރުކުރާ ދުވަހެއްގަ ގާތްގަނޑަކަށް ދެ ޓަނާ ގާތްކުރާ އަދަދަށް ބޭރުކުރެވޭ،" ރީޙާން ވިދާޅުވިއެވެ.

ދަނޑުތަކަށް ބޭނުންވާ ބޭސް ލިބޭ އަގު ބޮޑުކަން ޖުނައިދާ މިރޭ ފާހަގަކުރެއްވިއިރު، މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ރީޙާން ވެސް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ކަނޑޫދޫ ރައްޔިތުންގެ ތެރެއިން 90 ޕަސެންޓު ރައްޔިތުން އާމްދަނީ ހޯދަނީ މިރުސް ދަނޑުތަކުންކަން، ރައީސް ޑ. މުޙައްމަދު މުޢިއްޒު އިންނެވި ބައްދަލުވުމެއްގައި އޭނާ ފާހަގަކުރެއްވިއެވެ.

https://www.sun.mv/211757

"ނަމަވެސް ދުވަހެއް ދުވަހަކަށް ދަނޑުވެރިކަމަށް ބޭނުންކުރާ ބޭސްތަކުގެ އަގު ބޮޑުވުމާއި ބޭސް ނުލިބުމާއި ރާއްޖޭގަ ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ވިޔަފާރިވެރިންނާއި ސަރުކާރުން އިމްޕޯޓުކޮށް ހެޔޮ އަގުގައި ވިއްކުމަކީ ދަނޑުވެރިންނަށް ނުހަނު ގެއްލުން ބޮޑު ކަމެއް،" އޭނާ ވިދާޅުވެފައިވެއެވެ.

ދަނޑުވެރިންނާއި ވިޔަފާރިވެރިންނަށް މިދިޔަ ރޯދަ މަހު ގެއްލުންވި އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި އެމީހުން ފާހަގަކުރީ، ގައުމުގެ އިގްތިސޯދު މިވަގުތު އޮތް ހާލަތާއި ވަކިން ޚާއްސަ ގޮތެއްގައި މާރުކޭޓުން ތަކެތި ގަންނާނެ މީހުން މަދުވެ، ޑިމާންޑު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމެވެ.

އަހަރުގެ މިހާ ހިސާބަށް އައިއިރު ތަކެތީގެ އަގު ބޮޑުވުމުގެ ޝަކުވާ ވަރަށް ބޮޑެވެ.

comment ކޮމެންޓް