ނުކުޅެދޭ ހާލަތުގައި ވެސް ގަދަކޮށް މަސައްކަތުގައި، މިއީ ހިތްވަރުގައި އެހެން ލެވަލްއެއް!

ޒަރީރު އޭނާގެ ދަނޑުގައި މަސައްކަތްކުރަނީ --

އެއީ، މީގެ ބާރަ އަހަރުކުރިއެވެ. ގިނަ މަސައްކަތްތަކެއް ކުރަމުން އައި އޭނާއަށް ދިމާވި ހިތާމަވެރި ހާދިސާއަކުން މުޅި ދިރިއުޅުން ބަދަލުކޮށްލިއެވެ. ކުއްލިއަކަށް އެނދުމަތިވެފައި އޮންނަން ޖެހި، ނުކުޅެދޭ މީހަކަށް ބަދަލުކޮށްލިއެވެ. ނުހިނގޭތީ، އެހެން މީހުންގެ އެހީއަށް ބަރޯސާވާން މަޖުބޫވެއްޖެއެވެ.

އެކަމަކު، އެ ހިތްދަތި ދަނޑިވަޅުގައި ވެސް އޭނާގެ އުންމީދެއް ނުގެއްލެއެވެ. އަޒުމު އާކޮށް، އެ އަޑިގަޑުން އަރައިގަންނަން މަސައްކަތް ފެށީ، ހިތްވަރާ އެކީގައެވެ. މިހާރު ވެސް ދެމި ހުރީ އެ ގޮތުގައެވެ.

މިއީ، ހދ. ވައިކަރަދުއަށް އުފަން އަބްދުﷲ ޒަރީރު އުޅެމުން އަންނަ ހިތްވަރުގަދަ ހަޔާތުގެ ވާހަކައެވެ. އަދި، އަމިއްލައަށް ދުއްވޭ ގޮނޑިއެއްގައި އިނދެ، މިހާރު ދަނޑުވެރިކަން ކުރާ ޒަރީރުގެ ދިރިއުޅުމުގެ ވާހަކައެވެ.

އަބަދުވެސް މަސައްކަތްތެރި ކަމުގައި، އެކަން ދޫކޮށްލުމުގެ ޚިޔާލެއް ނެތް

މަޖުބޫރު ހާލަތުގައި މަދަރުސީ ހަޔާތް އޭނާއަށް މެދުކަނޑާލަން ޖެހުނެވެ. އެކަމަކު، އުމުރުން ބާރަ އަހަރުގައި މަސައްކަތު މާހައުލަށް އޭނާ ނިކުމެއްޖެއެވެ. އޭރު މަހަށް ދިޔުމާއި ފަން ހޯދައި ރުކަށް އޭނާ އަރައެވެ. އެ ކަންކަމުން ލިބޭ އުޖޫރަ އޭނާ ހަވާލުކުރަނީ މަންމައާއެވެ. މަސައްކަތެއް ނުކޮށް ހުރުމަކީ ޒަރީރުގެ ހިތް އެދޭ ކަމެއް ނޫނެވެ. އެއީ، އޭނާގެ ހިތްހަމަ ޖެހުމާއި އުފަލެވެ.

ޒުވާން އުމުރު ފަހަނަ އަޅައި، އޭނާގެ މެދު އުމުރަށް އަޅައިފިއެވެ. ލިޔެ ކިޔުމާއި ކޮމްޕިއުޓަރުން ކުރާ މަސައްކަތެއް ނޫނީ އޭނާއަށް ކުރަން ނޭނގޭ ކަމެއް ނެތެވެ. މަހަށް ދިޔުމާއި ރޭނުމާއި ސިމެންތި ޖެހުމާއި ވަޑާން ކުރިއެވެ. މިއީ އަދި، މަދު ކަމެކެވެ. އަނެއް ގޮތަކަށް ބުނާނަމަ، އެ ލިސްޓުގެ ނުލިޔެވޭހާ ދިގެވެ. އެ ކަންކަން އޭނާ ދަސް ކުރީ، ކޯހެއް ހަދައިގެނެއް ވެސް ނޫނެވެ.

ޒަރީރު އޭނާގެ ދަނޑުގައި މަސައްކަތްކުރަނީ --

އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަކީ، ޒަރީރަށް ލިބޭ އެންމެ ބޮޑު އުފަލެވެ. އޭރަށް ބޭކާރު ކަންކަމަށް ޚަރަދުނުކޮށް، ހޭދަކުރާނީ އެއިރެއްގައި ހުންނަ އެންމެ މުހިންމު ކަމަކަށް ކަމަށް އޭނާ ބުންޏެވެ.

އެންމެ ހާދިސާއަކުން ދިރިއުޅުން ބަދަލުވެ، ނުކުޅެދޭ ހާލަތަށް

ހަމަޖެހިގެން ދިރިއުޅެމުން އައި، ޒަރީރުގެ ހަޔާތް ބަދަލުކޮށްލީ ދިމާވި އެންމެ ހާދިސާއަކުންނެވެ. ލޯބިވާ ދަރިފުޅަކަށް ފޭރެއް ބިންނަން ގަހަށް އަރައި އުޅެނިކޮށް ވެއްޓުނީއެވެ. ގޭތެރޭގައި ކިޔަވަން އިން ދަރިފުޅަށް ފޭރެއް ބިނދެދޭން އޭނާ ގަހަށް އެރީ، އެ ދުވަހުގެ ހަވީރު ފަހެއް ޖަހާފައި ހުއްޓައެވެ. އެއީ، މުސާރައަށް ތަނެއްގައި މަސައްކަތެއްގައި އުޅުމަށް ފަހުގައެވެ.

ގޭގައި ހުރި އެ ގަހުގެ ހަ ވަރަށް ފޫޓު މައްޗަށް އަރައިފިއެވެ. އެ ގަހުގައި ފާވެފައި އިން އެ ފޭރު ބިންނަން އޭނާ އަތް ދިއްކޮލިއެވެ. މަދު ވަގުތުކޮޅެއް ތެރޭ ދެން އެވީ ގޮތެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. ގަހުގެ އެތައް ތަނެއްގައި ޖެހި، އޭނާ ބިންމައްޗަށް ވެއްޓިއްޖެއެވެ.

ޒަރީރު އޭނާގެ ދަނޑުގައި މަސައްކަތްކުރަނީ --

ވެއްޓި ޖެހުނީ ވެސް އެކޮޅުކޮޅުންނެވެ. އޭރު ކަނދުރާ ބިންދައިގެން ގޮއްސިއެވެ. ދެފައި އޮތީ، މޭ މައްޗަށް ކުރުގެޅިފައެވެ. ބޯ އޮތީ ދަށުވެފައެވެ. އެތައް ވޭނެއް އެވަގުތު އެޅިޔަސް، އޭނާގެ ހޭވެރިކަމެއް ނުގެއްލެއެވެ. ވީ ގޮތްވެސް އޭނާއަށް އެނގުނެވެ.

އެ ހާދިސާ އެންމެ ކައިރިން ފެނުނު ޒަރީރުގެ ދަރިފުޅު ވަގުތުން ރޯން ފަށައިފިއެވެ.

"އެތާ ކިޔަވަން އިނދެފައި [ދަރިފުޅު] ރޯން ފެށީމައި އަޅުގަނޑު ބުނެފިން ބައްޕަ ފޯނުގައި އިންނާނެޔޭ އެންމެ ފަހުން މަސައްކަތްކުރި މަންމަ ފަރާތު ބޮޑުބޭބެގެ ނަމްބަރު. ގުޅާށޭ" ދަނޑުގައި ކެޔޮނިރެއް ނެގުމުގެ މަސައްކަތް ކުރަމުން އެސްއެސްޓީވީއަށް ޒަރީރު ކިޔައިދިނެވެ.

އެހެން ބުނެ ނުނިމި އުޅެނިކޮށް، އޭނާއާ އެއްބަޑު އެއްބަފާ ކުއްޖެއްގެ އަނބިމީހާއަށް އެތަނަށް އާދެވިއްޖެއެވެ. ޒަރީރު އޮތް ގޮތް ފެނި އޭނާވެސް ހާސްވެއްޖެއެވެ. ހަދާފައި ނަހަދާނެ ގޮތެއް އޭނާއަށް ވެސް ނޭނގުނެވެ.

ޒަރީރު އެސްއެސްޓީވީއަށް އިންޓަވިއޫ ދެނީ --

ޒަރީރު އޮތް ގޮތް ފެނި، އެންމެ ފުރަތަމަ ވެސް ބޭނުންވީ ބިންމަތިން ނަގާށެވެ. ނަމަވެސް، ޒަރީރު އެންގީ އެ ކަން ނުކުރުމަށެވެ. އެހެން ބުނެވުނުކަން އޭނާއަށް އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

މިހާރު ދެއަތްބަށް ކައިވެނި ކޮށްގެން އުޅޭ ޒަރީރުގެ ކުދިންތައް އޭރު ބޮޑެއް ވެސް ނުވެއެވެ. ބުރަ މަސައްކަތުން ބޮޑުކުރަމުން އައި، ޒަރީރަށް އެ ހާދިސާއާ ލިބުނީ ކުއްލި ސިހުމެކެވެ. އެހާ ބޮޑަށް ދެރަ ވެސްވިއެވެ. ދަރިން ބޮޑު ނުވަނީސް، އެވަރުގެ ކަމެއް ދިމާވުމުންނެވެ. އެ ވަރުން ވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ.

ހިނގުމުން މަހުރޫމްވެ، ދެ އަހަރު ވަންދެން އޭނާ އޮންނަން ޖެހުނީ ބަލި އެނދުގައެވެ. ނަމަވެސް އެ ގޮތުގައި ދާއިމަށް އޮންނަން އޭނާ ބޭނުމެއް ނުވިއެވެ. އެއީ، އޭނާގެ ހިތުގައި މަސައްކަތް ކުރުމަށް އޮންނަ ޚާއްސަ ލޯތްބަކުންނެވެ. އެ ކަން ނުކޮށް އޮތުމަކީ، ޒަރީރަށް 'ވޭނެއް' ކަހަލަ ކަމެކެވެ. ހިތްވަރު އާކޮށް، ކަސްރަތު ކޮށް މިހާރު އޭނާ ކުރިއަށް ވުރެ ރަނގަޅެވެ.

ކުރިން ނަމަ، އެހެން މީހެއްގެ އެހީއާ ނުލާ އެއްކަމެއް ވެސް ނުކުރެވެއެވެ. މިހާރު ޅަފުރައިގެ ބޮޑެތިވާ ކުޑަކުދިން ގޮތަށް ދެއަތާއި ދެފައި ޖައްސައިގެން ފިރުކިފައި އޭނާއަށް އުޅެވެއެވެ. ނުވަތަ ހަތަރު މޮއްގަނޑު ޖަހައިގެން އޭނާއަށް އުޅެވެއެވެ. މާބޮޑަށް ވަރުބަލި ނުވާނަމަ، އަމިއްލައަށް ވެސް ގޮނޑިއަށް އަރައެވެ. އެވަގުތު ދެ ފައިގައި ކުޑަ ތުރުތުރު އެޅުމެއް ހުރެއެވެ. ޒަރީރު ގަބޫލުކުރި ގޮތުގައި، އެއީ ވެސް އޭނާއަށް ލެއްވި ރަހުމަތެކެވެ. އެނބުރި، މަސައްކަތަށް އައުމުގެ ރޫހު އޭނާގެ އާލަވިއެވެ.

ޒަރީރު އޭނާގެ ދަނޑުގައި މަސައްކަތްކުރަނީ --

ދަނޑުވެރިކަމުން ލިބޭ އާމްދަނީއިން މިހާރު ތަނަވަސް ދިރިއުޅުމެއްގައި، ބޭނުމީ ހައްޖަށް ދާން

މަސައްކަތެއް ހޯދަން އުޅެނިކޮށް، އޭނާގެ ނަސީބު އަތުގައި ހިފައިފިއެވެ. މީހެއްގެ ގެވަޅު އާމްދަނީއަކަށް ބަލަހައްޓައިދިނުމުގެ ފުރުސަތު ލިބިއްޖެއެވެ. ދުއިސައްތަ ވަރަކަށް ރުފިޔާ އޭރު އެކަމުން ލިބުނެވެ.

އެ ތަނުގައި ދަނޑުވެރިކަން ކުރުމަށް ވަޅުކޮނުމުގައި ޒަރީރު ހަރަކާތްތެރިވެއެވެ. ނަމަވެސް ފުރަތަމަ އެކަންވެސް ވީ ބޮޑު ގޮންޖެހުމަކަށެވެ. ލިބިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ. ފަކީރާ ހިފައި އަތް ހިތްލާލާއިރަށް، ގަޔަށް ބޮޑު ކަމުދެވެއެވެ. އެކަމަކު ވެސް އޭނާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. މަސައްކަތް ވެސް ދޫކޮށްލާ ޚިޔާލެއް ނުކުރިއެވެ.

"އެ ތަނުން ގެޔާ ނުލާހިކު ކައިރި. ގެ ކައިރިވީމަ އަނެއްކާ ތާހިރުވެގެން އެހެން ހަވީރަށް އޮންނާނީ އެނދުގައި. އޭރުގައި މި ގޮނޑިއެއް ވެސް ނުހުރޭ ދުއްވާކަށް. ދެން ބޭރަށް ނިކުންނަ ހިތްވީމަ ދަރިންނާއި އެއްބަނޑު ކުދިންގެ ދަރިންނަށް މެޓާ ދީގެން ގޮތް ގޮތް ހަދައިގެން [ފުރޮޅުލީ އާދައިގެ] ގޮނޑި ދުއްވަން އަތިރިއަށް ނިކުންނަނީ" މާޒީގެ ހަނދާންތައް އާކޮށް ޒަރީރު ކިޔައިދިނެވެ.

ޒަރީރު އޭނާގެ ދަނޑުގައި މަސައްކަތްކުރަނީ --

އެއްބަނޑު މީހުންނާއި އާއިލާގެ އެހީއާ އެކީގައި ދަރިން ބޮޑެތި ކުރީ، އޭނާގެ އަމިއްލަ މަސައްކަތުންނެވެ. ރައްޓެހިންގެ ފަރާތުން ލިބުނު އެހީ ވެސް މަދެއް ނޫނެވެ. މިހާރު ޒަރީރު އަމިއްލައަށް ދުއްވާ ގޮނޑިއަކީ ވެސް އޭނާގެ ރައްޓެއްސަކުން ދިން ހަދިޔާއެކެވެ.

އެ ގޮނޑި ލިބުނު ދުވަހު ވަރަށް އުފާވި ކަމަށް ޒަރީރު ބުންޏެވެ.

"ފުރަތަމަ މި ގޮނޑި ގެނައި ދުވަހު ގޮނޑި ގެނައި ކުދިންނާ ދިމާލަށް ބުނިން ތިއެއް ބޭނުމެއް ނޫނޭ. އަޅުގަނޑު ބޭނުމީ މަސައްކަތް ކުރެވޭ ކަހަލަ އެއްޗެއްކޭ. އެކަމަކު، މިއަށް ފަރިތަވީމައި ވަރަށް މަސައްކަތްކޮށްލެވޭ. މީގެ މަތީގައި އިނދެގެން ހުރިހާ ކަމެއް ވެސް ކުރެވޭ. ނަމާދު ވެސް ކޮށްލެވޭ"

މިހާރު ދެ ކައިވެނި ކޮށްގެން އުޅޭ ޒަރީރުގެ ނުވަ ދަރިން އެބަ ތިއްބެވެ. އެ ކުދިން މިހާރު ބޮޑެތިވެ، ވަޒީފާ ވެސް އަދާކުރެއެވެ. ކޮންމެ މަހަކު އެ ކުދިން ދޭ އުޖޫރަ ވެސް މަދެއް ނޫނެވެ. އެކަމަކު، އޭނާގެ 'ހިތުގެ ވިންދު' ކަމަށްވާ މަސައްކަތް ކުރުން ދޫކުރުމުގެ ޚިޔާލެއް ނެތެވެ.

މިހާރު ވައިކަރަދޫގައި ވަރަށް ފުޅާ ދާއިރާއެއްގައި 57 އަހަރުގެ ޒަރީރު އަންނަނީ ދަނޑުވެރިކަން ކުރަމުންނެވެ. ފަތްކޭލާއި ބައްޓާއި އެކި ބާވަތްތައް އޭނާ ހައްދައެވެ. އެ ބާވަތްތައް ހެއްދުމުގައި އަމަލީ ގޮތުން އޭނާ ހަރަކާތްތެރިވެއެވެ. ވަޅު ކޮނުމާއި ނިރު ނެގުމާއި އުފުލުމަކީ، އޭނާއަށް ބުރަ ކަންކަމެއް ނޫނެވެ. އެއީ، އެ ކަންކަން ކުރަނީ ކުރާ ހިތުން ކަމަށްވާތީއެވެ.

ޒަރީރު އޭނާގެ ދަނޑުގައި --

އޭނާގެ އެއް އަތުގައި އަދިވެސް އެހާ ވާތްގެއް ނުހުރެއެވެ. ޒަރީރު ކިޔައިދިން ގޮތުގައި، ވަޅުކޮންނަން އެއް އަތުން އަނެއް އަތުގައި ހިފަހައްޓައިގެން ނަގާއިރު، އަތް ނައްޓައިގެން ގޮސް ދަތްދޮޅީގައި ވެސް ޖެހެއެވެ. ތަދުވެސް ވެއެވެ.

އެކަމަކު، އޭނާ ހިތްވަރު ލިބިގަންނަނީ، ޔޫޓިއުބް ފަދަ ތަންތަނުން ފެންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުން އުޅޭ ގޮތްތައް ބަލައިގެނެވެ. އެފަދަ މީހުންނަށް ޒަރީރު ދިން ނަސޭހަތް އެކަނި ވެސް ހިތްވަރަކަށް ފުދެއެވެ.

"އަޅުގަނޑު ބުނެލަން އޮތީ ކަމެއް ދިމާވިޔަސް މާޔޫސްވެގެން އެއް ފަރާތަށް ނާރާށޭ އެއްވެސް ކުއްޖަކު. ހިތްވަރާއެކީ އެ ކުއްޖަކަށް ކުރެވުނު މަސައްކަތެއް ކުރެވުނު ގޮތަކަށް ކުރާށޭ. އަޅުގަނޑުމެނަށް އެބަ ފެނޭ ޔޫޓިއުބުން ދެ އަތް ނެތް މީހުން ވެސް ކަންތައް ކުރާތީ"

ދަނޑުވެރިކަމުން ހައްދާ ބާވަތްތައް އެކި ރަށްތަކަށް ވިއްކައިގެން މިހާރު އޭނާ އުޅެމުން އަންނަނީ ތަނަވަސް ދިރިއުޅުމެކެވެ. އޭނާގެ އުންމީދަކީ، މުސްތަގުބަލުގައި ހައްޖަށް ދިޔުމެވެ.

އިންސާނަކަށް ވީތީ، އޭނާގެ ވެސް ހިތްވަރު އެލެއެވެ. އެ ވަގުތުތަކުގައި އޭނާ ކުއްތަންވަނީ، މަތިވެރި މާތްﷲއަށެވެ. ޒަރީރުގެ އެދުމަކީ އެހެން މީހުން ވެސް އުންމީދު ކަނޑާނުލާ ކުރިއަށް ދިޔުމެވެ.

ޒަރީރުގެ މި ދިރިއުޅުމުން އެކަނި ވެސް އެންމެނަށް ހިތްވަރު ލިބެއެވެ. އޭނާއަށް ދިމާވި ހާދިސާއިން އަރައިގަންނަ ކުރާ މަސައްކަތާއި އުޅޭ ގޮތެވެ. ނިމުމެއް ނުވާ އަޒުމެވެ. އަދި، އޭނާގެ މަސައްކަތްތެރިކަމަށް ނިމުމެއް ނެތެވެ.

comment ކޮމެންޓް