މި އިންވެސްޓަރުން މި ގެންގުޅެނީ ރާއްޖޭގެ ދަނޑުވެރިކަމުން މިލިއަނުން އާމްދަނީ ނެރުމުގެ ފޯމިއުލާއެއް!

މޯލްޑިވިއަން މާމެއިޑްގެ އިންވެސްޓަރުން: މި އިންވެސްޓަރުން މި ގެންގުޅެނީ ރާއްޖޭގެ ދަނޑުވެރިކަމުން މިލިއަނުން އާމްދަނީ ނެރުމުގެ ފޯމިއުލާއެއް!

ރާއްޖޭގައި ދަނޑުވެރިކަން ކޮށްގެން މިލިއަނުން އާމްދަނީ ނެރެވިދާނޭ ބުނުމުން އެ ކަން ގަބޫލުކުރާނީ ކޮން ދިވެއްސެއް ހެއްޔެއެވެ. ފަތުރުވެރިކަމުގެ ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށްގެން މި ހޯދާ ނަފާގެ މައްޗަށް އިގްތިޞާދު ބިނާވެފައި އޮތްއިރު މާ ފުޅާ ދާއިރާގައި ދަނޑުވެރިކަމާ މެދު ވިސްނަންޖެހޭ ސަބަބެއް އަމުދުން އެބައޮތް ހެއްޔެއެވެ. ރަށުގައި ވެސް ފަތުުރުވެރިކަމެވެ. ފަޅުރަށްތައް ވެސް ތަރައްގީކުރަނީ ހަމަ ފަތުރުވެރިކަމަށެވެ.

އެކަމަކު, ބ. އަންހެންފުށީގައި ދަނޑުވެރިކަން ކުރަމުން އަންނަ "މޯލްޑިވިއަން މާމެއިޑު"ގެ މި އިންވެސްޓަރުންނަށް ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ފެންނަނީ ދުރު މުސްތަގްބަލުގައި އެތައް ސަތޭކަ މިލިއަނުން އާމްދަނީ ނެރެވިދާނެ ދާއިރާއެއްގެ ގޮތުގައެވެ. ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަންކޮށް، ފަތުރުވެރިކަމުގެ ލަގްޒަރީ ބްރޭންޑެކޭ އެއްފަދަ އަގުބޮޑު ބްރޭންޑެއް އުފެއްދޭނެ މަންޒަރެވެ.

ތޮއްޑޫގެ ފެހިކަން ގަދަ ދަނޑުތަކެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން މާމެއިޑްގެ ޗެއާމަން، ޕަރްތު އަމިންއަށް ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އިމްޕޯޓަށް އުުފުލާ ބުރައަކީ އޭނާ ރާއްޖޭގައި ކާބޯތަކެތީގެ ސިނާއަތެއް އުފައްދަން ޚިޔާލުކުރި އެއް ސަބަބެވެ.

"ރާއްޖެއަށް އަޅުގަނޑު މި އައި ގިނަ އަހަރުތަކުން ހާމަވީ އެއް ކަމަކީ، އެހެންވީމާ އެންމެ ފުރަތަމަ ވެސް ޚިޔާލަކަށް އައީ އަހަރެމެންނަށް ވާހަކަދެއްކިދާނޭ، އެކަމު ހިނގާށޭ ސިނާއަތެއް ބިނާކުރެވޭނެ ގޮތެއް، މި ތާ ކާބޯތަކެތި އުފެއްދޭނެ ގޮތެއް ބަލަން. އިމްޕޯޓަށް ބަރޯސާވުމަކީ ދެމެހެއްޓެނިވިގޮތެއް ނޫން ވަރަށް ނުރައްކާތެރި ކަމެއް އިގްތިޞާދަށް ވެސް،" މިއީ އޭނާގެ ދިވެހި އެކުވެރިއަކާއެކު މި ޚިޔާލު، މީގެ ދެ އަހަރުކުރިން ފުރަތަމަ އުފެދުނު ގޮތްކަމަށް ފާހަގަކުރައްވައި ޕަރްތު ވިދާޅުވިއެވެ.

އެހެންވެ، ރަށެއްގައި އިންވެސްޓުކުރަން ލިބޭތޯ މަސައްކަތް ފަށައި، މިހާރު ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަން މާމެއިޑްގެ ޗެއާމަން ޕަރްތު އަމިން -- ސަން ފޮޓޯ/ މުޙައްމަދު އަފްވާން

އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމުގެ ބޮޑު މަޝްރޫއެއް ފެށި އެއް ސަބަބަކީ، ރާއްޖޭގައި ހެއްދޭނެ ބާވަތުގެ ތަކެތި ވެސް ގިނަ އަދަދަކަށް ބޭރުން އެތެރެކުރުމުން، ރާއްޖޭން ބޭރުވާ ބޭރު ފައިސާ ގިނަވުން ކަމަށެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ތިމާވެށީގެ ވިސްނުމަކުން ބަލައިނަމަ، ބޭރުން ކާބޯތަކެތި އިމްޕޯޓުކުރުމުގެ މަރުހަލާގައި ކާބަން އެމިޝަން އިތުރުވުމަކީ ވެސް ނޭދެވޭ އަަސަރެއްކަމަށް ވިދާާޅުވިއެވެ.

"ރާއްޖެއަށް މި ކާބޯތަކެތި މި އަންނަނީ، އެތައް ޕެކޭޖެއްގައި ބަންދުކޮށްގެން. ޕްލާސްޓިކް، ކާޑްބޯޑް ކަހަލަ. ވަރަށް ބައިވަރު ކުނި. މި ހުރިހާ ކަމެއް ކޮންޓްރޯލްކޮށް، ވަރަށް ބޮޑަށް މަދުކުރެވޭނެ،" ޕަރްތު ވިދާޅުވިއެވެ.

ކުންފުނީގެ ސީއީއޯ ޖެޕްޖިޓް ސޮބްޓީ ވެސް ފާހަގަކުރެއްވީ މި މަސައްކަތުން އެނގޭ އެއް ކަމަކީ ބިމުގެ ޖާގަ ކުޑަ ނަމަވެސް ބައެއް ބާވަތުގެ މޭވާއާއި ތަރުކާރިއަކީ ރާއްޖޭގައި ހެއްދޭނެ އެއްޗެހިކަން ޔަގީންވުން ކަމަށެވެ.

ޕަރްތު ވިދާޅުވީ، ހައިޑްރޮޕޮނިކްސް މެދުވެރިކޮށް ރާއްޖޭގައި މިހާރު އެކި ބާވަތުގެ ތަރުކާރިއާއި މޭވާ ހައްދާނެ ގޮތް ދެނެގަނެވިފައިވާކަމަށެވެ. އަދި އެ ކަންކަން އެކި ރަށްރަށުގެ ދަނޑުވެރިންނަށް ހިއްސާކުރުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށާއި އެ ކަމަށް ޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަން މާމެއިޑްގެ ސީއީއޯ ޖެޕްޖިޓް ސޮބްޓީ -- ސަން ފޮޓޯ/ މުޙައްމަދު އަފްވާން

މޯލްޑިވިއަން މާމެއިޑުގެ ދަނޑުތައް ތިމާވެއްޓާ ރައްޓެހި

ޖެޕްޖިޓް ވިދާޅުވި ގޮތުގައި މޯލްޑިވިއަން މާމެއިޑްގެ ދަނޑުތަކުގައި ބޭނުންކުރަނީ އިރުގެ އަވިން ލިބޭ ހަކަތައެވެ. ދަނޑުތަކުގައި ބޭނުންކުރާ 50 ޕަސެންޓް ކަރަންޓަކީ އިރުގެ އަވިން ލިބޭ ހަކަތައިން އުފައްދާ ކަރަންޓެވެ. ހަމައެއާއެކު ދަނޑުތަކުގައި ބޭނުންކުރާ 80 ޕަސެންޓު ފެނަކީ ވާރޭ ފެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެެ. އެ ފެން ގަސްތަކަށް ދިނުމުގެ ކުރިން އަޅަނީ ގަހަށް ބޭނުންވާ ބައެއް ކަހަލަ ކާނާއެވެ.

ހަމައެއާއެކު ހައްދާ ތަކެތި އަޅަން ބޭނުންކުރާ ވަށިތަކަކީ ވެސް އަލުން ދޮވެގެން ބޭނުންކުރެވޭ ފަދަ ތަކެއްޗެވެ. އެހެންކަމުން ކަސްޓަމަރުންނަށް ސަޕްލައިކުރުމަށްފަހު އަލުން އެ ތަކެތި ހޯދައި ދޮވެ، އަލުން ބޭންކުރެއެވެ.

"އެހެންވީމާ އަޅުގަނޑުމެން ޕްލާސްޓިކް ކުންޏަކަށް އެއްވެސް އެއްޗެއް އިތުރެއް ނުކުރަން ހަގީގަތުގައި،"

މޯލްޑިވިއަން މާމެއިޑުން ރާއްޖޭގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށުގައި ބޭނުންކުރާ ކަރަންޓު އުފައްދަނީ އިރުގެ އަލިން -- ފޮޓޯ: މޯލްޑިވިއަން މާމެއިޑް

މިހާރު ވެސް ބ. އަތޮޅުގައި ހުރި ދަނޑުގައި 40 ބާވަތެއްގެ ތަރުކާރީއާއި މޭވާ އަދި ފަތްޕިލާވެލި އަންނަނީ މޯލްޑިވިއަން މާމެއިޑުން ހައްދަމުންނެވެ. އޭގެ ތެރެއިން 18ބާވަތަކީ އެކި ކަހަލަ ސެލެޑު ފަދަ ކެއުންތަކަށް ބޭނުންކުރެވޭ ފަތްޕިލާވެއްޔެވެ. ލެޓިއުސް، ކޮރިއަންޑާ، ކޮޕީފަތް، މިންޓް ފަދަ ބާވަތްތައް އޭގެތެރޭ ހިމެނެއެވެ. މީގެ އިތުރުން އެކި ބާވަތުގެ މެލަން އާއި، ކަރައާއި، ޓޮމާޓޯގެ އެކި ބާވަތްތަކާއި، ކެޕްސިކަމާއި، ފަޅޯ ވެސް ދަނޑުތަކުގައި އަންނަނީ ހައްދަމުންނެވެ.

އެ ކުންފުނިން އަންނަނީ، މި އުފެއްދުންތަކަށް ވެލިއު އެޑްކޮށްގެން ނުވަތަ، އުފެއްދުމެއް އުފައްދައިގެން ވިއްކޭނެ ގޮތްގޮތް ވެސް ބަލަމުންނެވެ.

ދިވެހި ދަނޑުވެރިންނަށް ވާނެ، އެކަމަކު ކުރިއަރުވަން ލުއި ބޭނުން!

ހައިޑްރޯޕޮނިކްސް ސެޓްއަޕެއް ގާއިމްކުރުމަށް މަސައްކަތް ފެށުމަކީ އެހާ އަގުހެޔޮ ކަމެއް ނޫން ކަމަށާއި އެ ކަމަށް ފައިސާ ބޭނުންވާނެ ކަމަށް ޖެޕްޖިޓް ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑަށް މި ކަމަށް ހައްލު ފެންނަނީ ދެ ކަމަކުން. އެއީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއްގެ ތެރެއިން މި ކަން ކުރުން އިންވެސްޓަރުން އެބަތިބި. އަޅުގަނޑުމެން ކަހަލަ ރަށްރަށުގެ ދަނޑުވެރިންނާއެކު ގުޅިގެން މަސައްކަތްކުރަން ބޭނުންވާ. އެކަމަކު އަޅުގަނޑަށް ހީވަނީ ސަރުކާރުން ވެސް އެބަޖެހެޔޭ ސަބްސިޑީތައް އުފައްދައި، ލޯންތަކެއް އުފައްދައި. އަދި އެބަޖެހެޔޭ ޓެކްނިކަލް މީހުންނަށް މަސައްކަތް ކުރަން ފުރުސަތު ދޭން،" އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަން މާމެއިޑްގެ ދަނޑުތަކުގައު ހައްދާ ބައެއް ފަތްޕިލާވެލީގެ ބާވަތްތައް -- ފޮޓޯ: މޯލްޑިވިއަން މާމެއިޑް

މަސްވެރިކަމަށް ވެސް ހަމަ ސަބްސިޑީ ދޭ އުސޫލުން ދަނޑުވެރިކަމަށް ވެސް ފަސޭހަ ފުރުސަތުތަކެއް ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ބާވަތްތަކުން ނަގާ ޓެކްސްތަކާއި އިމްޕޯޓް ޑިއުޓީތައް މާފްކޮށްދިނުމަކީ ވެސް މި ކަން ކުރިއަރުވާނަމަ ކުރުން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންވެސްޓަރުންނަށް ވެސް ރަނގަޅު ފުރުސަތުތައް އެބަހުރި ކަމަށާއި، ނަމަވެސް އެ ކަންކަން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހުންނަ ފުރުސަތުތައް ފަދައިން އެހާ ބޮަޑަށް ފާހަގަވާން ނެތް ކަމަށް މި ދެބޭފުޅުން ވެސް ދެކެވަޑައިގަންނަވައެވެ. އަދި އެ ކަަމަށް ޓަކައި ސަރުކާރުން، ފަތުރުވެރިކަން ކުރިއަރުވަން ދޭ ފަދަ ލުއިތައް، ދަނޑުވެރިކަމުގެ އިންވެސްޓްމަންޓުތަކަށް ވެސް ދިނުން އެއީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ ދެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

މޯލްޑިވިއަން މާމެއިޑްގެ ދަނޑުތައް ބަލައިލަން ބައެއް ދިވެހީން ޒިޔާރަތްކޮށްފައި -- ފޮޓޯ: މޯލްޑިވިއަން މާމެއިޑް

ދަނޑުވެރިކަމާ ދުރުން ގިނަ ދިވެހީން، ފަތުރުވެރިކަމުގެ ވަޒީފާތަކަށް ދާއިރު، ދަނޑުވެރިކަމަކީ ވެސް ބޮޑު އާމްދަނީއެއް ލިބޭނެ މަސައްކަތެއްކަން ދިވެހީންނަށް ވިސްނައިދެވޭނީ ކިިހިނެއްތޯ ޖެޕްޓިޕް ސުވާލު އުފެއްދެވިއެވެ. މިއީ ސަރުކާރުގެ ދައުުރު ބޮޑު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި އިންވެސްޓަރުން ތިބީ ބޮޑު އުންމީދެއްގައެވެ. ދިވެހި ދަނޑުވެރިކަން އެންމެ ޒަމާނީ ފެންވަރުގައި ކުރުމަށް ފަހިވާން ޖެހެނީ ފުރުސަތުތަކެކެވެ. އެ ކަންކަން ފަހިވުން މުހިންމު ކަމަށް މި އިންވެސްޓަރުން ދެކެއެވެ. ބޭނުންވަނީ މި ކަމަށް ދިވެހީންގެ ޝައުގާއި، ކެރުންތެރިކަމެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް މި ކަމަށް ފަހިކުރުމެވެ. އޭރުން މިއީ ވެސް މިލިއަން ރުފިޔާގެ އާމްދަނީ ނެރެވިދާނެ ސިނާއަތަކަށް މީގެ އަހަރުތަކެއް ފަހުން ނުވާންވީ ސަބަބެއް ނެތެވެ.

comment ކޮމެންޓް