އިސްރާއީލުން ސޮމާލީލޭންޑަށް އިއުތިރާފުވުން އިސްލާމީ ދުނިޔެއިން ކުށްވެރިކޮށްފި

ސޮމާލީލޭންޑްގެ ރައީސް އާއި ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ

ޖިއްދާ (28 ޑިސެމްބަރު 2025): އެފްރިކާގެ އިސްލާމީ ގައުމެއް ކަމަށްވާ ސޮމާލިޔާގެ ދައުލަތާ ދެކޮޅަށް ބަޣާވާތްކުރުމަށް ފަހު, އެ ގައުމުން ވަކިވެގަނެގެން އުޅޭ ބާޣީ ސަރަހައްދެއް ކަމަށްވާ "ސޮމާލީލޭންޑް"އަކީ މިނިވަން ގައުމެއްކަމަށް ޔަހޫދީ އިސްރާއީލުން ގަބޫލުކުރި މައްސަލަ އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ)އާއި އަރަބި ލީގާއި އިސްލާމީ އެތައް ގައުމުތަކުން ކުށްވެރިކޮށްފިއެވެ.

ޔަހޫދީ އިސްރާއީލުގެ މި އަމަލު ކުށްވެރިކޮށް މި ފަރާތްތަކުން ވަކިވަކިން ނެރުނު ބަޔާންތަކުގައި ބުނެފައިވަނީ މިއީ ސޮމާލިއާ ބާޣީންނަށް ހިތްވަރުދީ އެ ގައުމު ބައިބައިކުރުމުގެ އަމަލެއް ކަމަށާއި މިކަން ގަބޫލު ނުކުރެވޭނެ ކަމުގައެވެ. މިއީ ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމަށް އިސްރާއީލު ރާވަމުންދާ ރޭވުންތައް ތަންފީޒުކުރެވޭނެ ގޮތެއް ހޯދުމުގެ ނުބައި ރޭވުމުގެ ދަށުން ކުރި ކަމެއްކަމަށް ވެސް އޯއައިސީއާއި އަރަބި ލީގް އަދި އިސްލާމީ ގައުމުތަކުން ނެރުނު ބަޔާންތަކުގައި ވަނީ ފާހަގަކޮށްފައެވެ.

ސޮމާލީލޭންޑްއަކީ 1991 ވަނަ އަހަރު ސޮމާލިއާގެ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ވާދަވެރި ފަރާތްތަކުން ކުރި ބަޣާވާތާ އެކު އެގައުމު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ދިޔުމާއެކު ބާޣީ ޖަމާއަތްތަކުން ދައުލަތުގެ ނިޒާމާ ވަކިވެގަނެ އެ ގައުމުގެ އުތުރުގައި އުފެއްދި ބާޣީ އެންޓިޓީއެކެވެ.

ސޮމާލިއާއާއި އެގައުމުން ވަކިވެގަނެގެން އުޅޭ ބާޣީ ސަރަަހައްދު ކަމަށްވާ ސޮމާލީލޭންޑް

އެ ހިސާބުން މި އެންޓިޓީ ވަނީ ރިޕަބްލިކް އޮފް ސޮމާލީލޭންޑްގެ ނަމުން އެ ސަރަހައްދަށް ނަންދީ ޣައިރު ގާނޫނީ ގޮތުން މިނިވަންކަން އިއުލާނުކޮށްފައެވެ. ފާއިތުވި 34 އަހަރު ދުނިޔޭގެ އެއްވެސް ގައުމަކުން ސޮމާލީލޭންޑަށް އިއުތިރާފު ވެފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ ހަފުތާގައި އިސްރާއީލުން ވަނީ ސޮމާލީލޭންޑްއަކީ މިނިވަން ދައުލަތެއް ކަމަށް އިއުތިރާފުވެފައެވެ.

އިސްރާއީލުން ސޮމާލީލޭންޑަށް އިއުތިރާފުވެފައިވަނީ ސޮމާލިޔާގެ ބާޣީ ލީޑަރު އަދި ސޮމާލީ ލޭންޑްގެ ވެރިޔާ އަބްދުއްރަހްމާން މުހައްމަދު އަބްދުﷲ އިސްރާއީލަށް ގޮސް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގަދްއޫން ސާއިރާ ބައްދަލުކުރުމަށް ފަހު، މި ތިން މީހުން ސޮއިކޮށް ނެރުނު ބަޔާނެއްގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އަރަބި އިސްލާމީ ގައުމުތަކުން ރިޕަބްލިކް އޮފް ސޮމާލީލޭންޑް ނިކަމެތިކޮށް ބާކީކޮށްލާފައިވަނިކޮށް، އިސްރާއީލުން އެ ގައުމަށް އިއުތިރާފުވެ އެ ގައުމުގެ މުސްލިމު ރައްޔިތުން ބަލައިގެންފައިވާކަމަށް ބުނެ ވާހަކަދައްކާފައެވެ.

އިސްރާއީލުން ސޮމާލީލޭންޑަށް ޑިޕްލޮމެޓިކް ގޮތުންނާއި މާލީގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އެހީތެރިވެ މިނިވަން ގައުމެއްގެ ގޮތުގައި އެ ގައުމު ދެމަހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެއެވެ. ސޮމާލީލޭންޑުން އިސްރާއީލަށް އިއުތިރާފުވާކަން ވެސް މި ތިން މީހުން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން ސޮމާލީލޭންޑަށް އިއުތިރާފުވިއިރު އިސްރާއީލު ގެންދަނީ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފުވުމަށް އިންކާރު ކުރަމުންނެވެ. އަދި، އިސްރާއީލު ގެންދަނީ ފަލަސްތީނު އަޅުވެތިކޮށް ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަނެ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށްޓަކައި ގަތުލުއާންމުތައް ހިންގައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެން މަރަމުންނެވެ.

ސޮމާލީ ލޭންޑްގެ ވެރިޔާ އަބްދުއްރަހްމާން މުހައްމަދު އަބްދުﷲ ވަނީ އިސްރާއީލަކީ އޭނާގެ ގައުމު ބަލައިގަތް ފުރަތަމަ ގައުމުކަމަށް ވިދާޅުވެ، އިސްރާއީލުގެ ދައުލަތަށާއި ނަތަންޔާހޫއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މުހައްލިލުން ދެކޭ ގޮތުގައި އިސްރާއީލުން ސޮމާލީލޭންޑަށް އިއުތިރާފުވީ އަރަބި އިސްލާމީ ގައުމުތައް ބައިބައިކޮށް އިސްލާމީ އެއް ގައުމު އަނެއް ގައުމާ ޖައްސައި، ފިތުނަކުރުވުމަށް ޒަމާނުއްސުރެ އިސްރާއީލު ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

މީގެ އިތުރުން، ޣައްޒާގެ ރައްޔިތުން ސޮމާލީލޭންޑަށް ހިޖުރަކުރުވައި އެ ތަނުގައި ވަޒަންވެރިކުރުވުމަށް މަގުފަހިކުުރުވުމަކީ ވެސް އިސްރާއީލުގެ މަގުސަދެއް ކަމަށް މުހައްލިލުން ދެކެއެވެ.

ސޮމާލީލޭންޑް އޮންނަ ސަރަހައްދަކީ ޔަމަނާ ގާތް ސަރަހައްދެއްކަމުން ޔަމަންގެ ހޫޘީންނަށް ހަމަލާދީ ހޫޘީންގެ ދުވަސްދުއްވާލުމަށް މަގުފަހިކުރުމާއި ސޮމާލިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތަށް ސިއްރިޔާތުގައި އެހީތެރިވެ ސޮމާލިޔާ އެތެރެއިން ހަލާކުރުމަށް މަގުފަހިކުރުމަކީ ވެސް އިސްރާއީލުގެ މަގްސަދެއް ކަމަށް މުހައްލިލުން ފާހަގަކުރައްވައެވެ.

އައިއެސް ޖަމާއަތަކީ އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ އުފެއްދުމެއް ކަމަށް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ. އައިއެސް ޖަމާއަތުން ދުވަހަކު ވެސް އިސްރާއީލަށް އަދި އިސްރާއީލުގެ މަސްލަހަތު އޮތްތަނަކަށް ހަމަލާދީފައިނުވާއިރު އައިއެސްއިން ދުވަހަކު ވެސް ފަލަސްތީނުގެ ހައްގުތަކާމެދު ވާހަކަދައްކާފައެއް ނުވެއެވެ.

ނަމަވެސް، އިސްލާމީ ގައުމުތަކުގައި ބޮން ގޮއްވައިގެން މުސްލިމުން މެރުމާއި މުސްުލިމުންގެ މެދުގައި ފިތުނައުފައްދައި ތަކްފީރު ކުރުމާއި މިސްކިތްތަކުގައި ބޮންގޮއްވުމަކީ އައިއެސްއިން އެކަންކޮށް އެކަމުގެ ޒިންމާވެސް ނަގާކަންކަމެވެ.

comment ކޮމެންޓް