ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، އިންތިޚާބުތަކަށް ދިމާކޮށް، ނަހަމަ ގޮތުގައި ވަޒީފާ ދިނުން ފަދަ ކަންކަން މަދުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ލަފާކޮށްފިއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު ތަސްދީގު ކުރެއްވީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 14ގައެވެ. އޭގެ ތިން ދުވަސް ފަހުން، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ހުރިހާ ކައުންސިލްތަކަށް އަންގާފައެވެ.
އައު އިސްލާހުގައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭއިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށް އަންގައިފައެވެ. އޭގެ ތެރޭގައި ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން ހިމަނައިފައިވެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގުރާމެއްގައި އޭސީސީގެ ޕްރިވެންޝަން، އެޑިއުކޭޝަން އެންޑް އެޑްވޮކަސީގެ ޑިރެކްޓަރު އަލީ ޝަމީމް ވިދާޅުވީ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި، އިންތިޚާބުތަކާ ދިމާކޮށް ބޭނުންކުރާ މައްސަލަ ގިނަ އަދަދަކަށް އެ ކޮމިޝަނަށް ފާހަގަވާ ކަމަށެވެ.
މީގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅިފައިހުރި މައްސަލަތަކާ ހަވާލާދީ، ޝަމީމް ވިދާޅުވީ، އިންތިޚާބުތަކުގައި ކާމިޔާބު ހޯދުމަށް ނުވަތަ ގޮނޑި ހޯދަން ކައުންސިލަރުން އެ ކައުންސިލްތަކުގެ ވަސީލަތްތަކާއި މަގާމުތައް ބޭނުންކުރާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން --- ސަން ފޮޓޯ/ އަފުވާން ސޮލާހު
އެގޮތުން، އިންތިޚާބުތަކާ ދިމާކޮށް، ރަށްރަށުގައި ހުރި ބިންތައް ކުއްޔަށް ދޫކުރުމާއި އެއްބަސްވުންތައް އައު ކުރުމާއި ވަޒީފާތައް ދިނުން ފަދަ ކަންކަން ކައުންސިލަރުން ކުރާކަން ކަންބޮޑުވުމާއެކު، އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު މި އަމަލުކުރާ އިސްލާހަށް އިޝާރަތްކުރައްވައި ޝަމީމް ވިދާޅުވީ، ގާނޫނަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެއީ، ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ނަހަމަ ގޮތުގައި، ވަޒީފާ ދިނުން ފަދަ ކަންކަން މަދުވާނެ ކަަމަށް ބެލެވޭތީކަން ޝަމީމް ފާހަގަކުރެއްވިއެވެ.
"ރަށްރަށުގައި ހުރި ބިންތައް ކުއްޔަށް ދިނުމާއި، އެގްރިމެންޓްތައް އައު ކުރުމާއި، ވަޒީފާތައް ދިނުމާއި، މިކަހަލަ ކަންތައް ކުރެވިފައި ހުރީ. އެހެންވީމަ މި ޤާނޫނުގެ ސަބަބުން އެބައި ވަރަށް ބޮޑަށް މަދުވާނެ ކަމަށް މި ބެލެވެނީ" އޭނާ ވިދާޅުވިއެވެ.
އިންތިޚާބުތަކާ ދިމާކޮށް، ވަޒީފާތައް ބެހުމަކީ ވަރަށް އާންމު ކަމެކެވެ. ސިޔާސީ ބޭނުމަށް އެކި ތަންތަނަށް އެތައް ހާސް މުވައްޒަފުންނެއް ނަގާފައި އެބަހުއްޓެވެ.
މިދިޔަ ނޮވެންބަރު 15ގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު ބޭނުންވަނީ އެއްވެސް މަސައްކަތެއް ނުކޮށް ވަޒީފާ އަދާކުރާށެވެ. އެފަދަ ވަޒީފާއަށް މީހުން އެދޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ކުރިން ކައުންސިލްތަކަށް ދީފައިވާ ގިނަ ބާރުތަކެއް ވަނީ ހަނިކޮށްފައެވެ. މިގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭއިރު، އިތުރު ބާރުތައް ވެސް ވަނީ ހަނިކޮށްފައެވެ.
އެހެންވެ، އިދިކޮޅު ފަރާތްތަކުންނާއި ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރީ، އެއީ، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށާއި ސަރުކާރުން ނުފޫޒު ފޯރުވުމަށް ކުރި ކަމެއް ކަމަށް ބުނެއެވެ.