ރައީސްގެ މޭޔަރު ކަމުގައި މަސައްކަތެއް ނުނިމެނީސް، ގާތް ބޭފުޅެއްގެ ކުންފުންޏަކަށް ނުވަ މިލިއަން ދިން ކަމަށް ޒާޔާގެ ތުހުމަތެއް

ޒާޔާ: ރައީސްގެ މޭޔަރު ކަމުގައި ގާތް ބޭފުޅެއްގެ ކުންފުންޏަކަށް މަސައްކަތް ނުނިމެނިސް ނުވަ މިލިއަން ދިން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައި --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ކައުންސިލުން ހަވާލުކުރި މަސައްކަތެއް ނުނިމެނީސް އެ މަނިކުފާނުގެ ގާތް ބޭފުޅެއްގެ ކުންފުންޏަކަށް ނުވަ މިލިއަން ރުފިޔާ ދީފައިވާ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އިއްޔެ ތުހުމަތުކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ޒާޔާ ވިދާޅުވީ، އެ ކައުންސިލުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ރައީސްގެ 'އަރިސް ބޭފުޅެއް' ކަމަށްވާ މުހައްމަދު އަސްބާހުގެ ކުންފުނި، އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑާ ތިން ފަހަރެއްގެ މަތިން ހަވާލުކުރި ކަމަށެވެ.

އެންމެ ފުރަތަމަ ހަވާލުކުރި ތާރީޚެއް ކަމަށް ކައުންސިލަރު ވިދާޅުވީ، މެއި 17، 2022އިން އޮގަސްޓު 16، 2022ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމި، އޮގަސްޓު 15، 2022އިން ފެބްރުވަރީ 14، 2023އަށް ހަވާލުކުރިއެވެ. ނަމަވެސް، އެ މަސައްކަތް ނުނިމި، 14 ޖޫން، 2023ގެ ނިޔަލަށް މަސައްކަތް އެ ކުންފުންޏާ ހަވާލުކުރި ކަމަށް ޒާޔާ ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން --- ސަން ފޮޓޯ/ އަފުވާން ސޮލާހު

އެ މަސައްކަތްތައް ނުނިމެނީސް އެތައް މިލިއަނެއްގެ ފައިސާ އެ ކުންފުންޏަށް ދީފައިވާ ކަމަށް ޒާޔާ ވަނީ ތުހުމަތުކުރައްވާފައެވެ.

މި ދެންނެވި ތާރީޚުތައް ފަހަނައަޅައި، ދިޔައިރު ވެސް އެ މަސައްކަތް ވަނީ ނުނިމިފައި. އަދި އެ މަސައްކަތް ނުނިމެނީސް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ދެންނެވި ކުންފުންޏަށް މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައި

އެހެންވެ، އޭނާ ހުށަހެޅުއްވީ އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަން ފާސްކޮށްދިނުމަށެވެ. އަދި، އެ މައްސަލަ އަވަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަން އޭސީސީގެ މައްޗަށް އަމުރުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރު ކޮށްދިނުމަށް އޭނާ ހުށަހެޅުއްވިއެވެ.

އިއްޔެގެ ކައުންސިލުން ފާސްކުރީ، އެ މައްސަލަ ކަމާ ބެހޭ ކައުންސިލުގެ ކޮމިޓީއަށް ފޮނުވައި، ތަފުސީލުތަކާ އެއްކޮށް އަލުން ތަޅުމަށް ހުށަހަޅައިގެން މައްސަލަ ފާސްކުރުމަށެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން, އެ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް, އަދި މިހާރު ވެމްކޯގެ މޭނޭޖިން ޑިރެކްޓާ މުޖުތަބާ ޖަލީލް ވިދާޅުވީ, މާލެ ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއު ހަވާލުކުރި އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑަކީ ރައީސް މުއިއްޒާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫން ކަމަށެވެ.

ރައީސް މުއިއްޒުގެ މޭޔަރުކަމުގެ ދައުރުގައި ކައުންސިލުން ކުރިއަށް ގެންދަން ނިންމި އެއްވެސް މަޝްރޫއެއްގެ ޕްރޮކިއުމަންޓް މަރުހަލާގެ ތެރެއަށް އެމަނިކުފާނު ވަދެވަޑައިގެންފައި ނުވާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. ކައުންސިލްގެ މާލީ އަދި ޕްރޮކިއުމަންޓް ކަންކަން ހިނގަނީ ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ކަމަށާއި، އެއީ މޭޔަރަށް އަމިއްލަފުޅަށް ނިންމެވޭނެ ކަންކަން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނޮވެންބަރު 2021 އިން ފެށިގެން ނޮވެންބަރު 2023 ގެ ނިޔަލަށް މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި މުޖުތަބާ ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ހިމެނޭ މައިގަނޑު އެއް ސްޓްރެޓެޖީއެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކަމަށް އޭނާ ވިދާޅުވިއެވެ. މި މަޝްރޫއުގެ މަސައްކަތް ކުރާނެ ފަރާތެއް ކަނޑައެޅީ އާންމުކޮށް އިއުލާންކޮށްގެން، ކައުންސިލްގެ ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު މަސްމާރުކޭޓު ހިންގާ ކުންފުންޏަށް އެ ތަން ކުއްޔަށް ދީފައި އޮތީ ވެސް މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީން ކަނޑައެޅި އަގަށްވުރެ ކުޑަކޮށް ކަމަށް، މީގެ ކުރިން މޭޔަރު އާދަމް އާޒިމް ތުހުމަތުކުރައްވައިފައިވެއެވެ. މީގެ އިތުރުން، މާލޭގެ މަސްމާރުކޭޓު ތަރައްގީކުރުމަށް ހަދައިފައިވާ އެއްބަސްވުމާ ގުޅޭ ބޮޑު މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ. ނަމަވެސް އެ އެއްބަސްވުން ހަދައިފައިވަނީ ނޮވެމްބަރު 17، 2023ގައި މޭޔަރުކަމުގެ ގޮނޑި ހުސްވެ، އެ މަގާމާ އާޒިމް ހަވާލުވެވަޑައިގަތުމުގެ ކުރިން ކަމަށް ލިޔެކިޔުމުން ދައްކައެވެ.

comment ކޮމެންޓް