މިދިޔަ މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް، އެފަދަ މައްސަލަތައް ބަލާ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހު 179 މައްސަލައެއް ހުށަހަޅައިފައިވާއިރު، އެ މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިފައިވެއެވެ. އޭގެ ތެރެއިން 89 މައްސަލައެއްގައި ފައިސާ އެއްކޮށް އަނބުރާ ހޯދައިފައިވާއިރު، 45 މައްސަލައެއްގައި ފައިސާގެ ތެރެއިން ބައެއް ހޯދައިފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.
ފުލުހުން ވަނީ، އެހެން މަސްތަކުގައި ހުށަހަޅައިފައިވާ މައްސަލަތަކުގައި ގެއްލުނު ފައިސާ ހިމެނޭ ގޮތަށް، މިދިޔަ މަހު 4.6 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް ބުނެފައެވެ.
އެ މުއައްސަސާއިން ބުނީ، މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅައިފައިވަނީ، އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ދާއިރާއާ ގުޅުންހުރި ސްކޭމްތައް ކަމަށެވެ. އެގޮތުން އެފަދަ 80 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ދެވަނައަށް އެންމެ ގިނައީ، ފައިސާ މާރުކުރުމުގެ ނަމުގައި އޮޅުވާލުން ކަމަށްވާއިރު، އެފަދަ 31 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުން އެނގެއެވެ. އޭގެ އިތުރުން ހުށަހަޅައިފައިވާ މައްސަލަތަކަކީ:
- ޝަޚުސު އޮޅުވާލުން - 44 މައްސަލަ
- ފިޝިން، ވިޝިން، ޖޮބް ސްކޭމް - 16 މައްސަލަ
- އެހެނިހެން - 8 މައްސަލަ
ފުލުހުން ބުނީ ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި ފޯންކޯލާއި އައިބޭއާއި އޮންލައިން މެސެޖިން އެޕްތަކާއި ފިޝިން ލިންކުތަކާއި ފޭސްބުކް މާކެޓްޕްލޭސް ހިމެނޭ ކަމަށެވެ.
ރާއްޖޭގައި ގިނަ ބަޔަކު ސޯޝަލް މީޑިއާ ބޭނުންކުރާއިރު، އެފަދަ އެޕްތައް މެދުވެރިކޮށް އޮޅުވާލައި، ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ ވަރަށް ގިނަވެފައެވެ.
މީގެ ކުރިން ފުލުހުން ވަނީ، ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ މާރިޗު 17އާ ހަމައަށް، 6،000 މީހުންގެ އަތުން 110 މިލިއަން ރުފިޔާ ގެއްލުނުއިރު، އެންމެ ސްކޭމަރެއް ވެސް ނުހޯދޭ ކަމަށް ބުނެފައެވެ.