މި ސަރުކާރުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ ފަހުކޮޅު ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމުން، މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޑޮލަރުގެ މިންވަރު 37 ޕަސެންޓް އިތުރުވެއްޖެއެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހުގެ ދަށުން ގްރީން ޓެކްސްއާއި ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކުހުގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑުކުރިއެވެ.
އޭގެ ތެރެއިން ޑިޕާޗާ ޓެކުހާއި އެއާޕޯޓް ފީ ބޮޑުކުރީ ޑިސެންބަރު 1، 2024ގައެވެ. އެގޮތުން އިކޮނޮމީ ކްލާހުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހީންގެ އަތުން ޓެކްސް ނުނެގި ނަމަވެސް، ބިދޭސީންގެ އަތުން ނަގަމުން އައި ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރިއެވެ. އަދި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާ ފީ 120 ޑޮލަރަށް ބޮޑުކުރިއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 240އަށް ބޮޑުކުރިއެވެ.
އެއަށްފަހު، މިދިޔަ އަހަރު ގްރީން ޓެކްސް، ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރިއެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން، ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރިއެވެ.

ފަތުރުވެރިން ޖުމްހޫރީ މައިދާނުގައި: ޓެކްސްތައް ބޮޑުކުރުމުން، މިދިޔަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ 37 ޕަސެންޓު އިތުރުވެފައި -- ސަން ފޮޓޯ/ މުހައްމަދު އަފްވާން
މީރާއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ޑިޕާޗާ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު 123 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އެއާ އަޅައިބަލާއިރު، 2024ގައި ޑިޕާޗާ ޓެކުހަށް ލިބުނީ 74 މިލިއަން ޑޮލަރެވެ.
ގްރީން ޓެކުހަށް ބަލާއިރު، މިދިޔަ އަހަރު 146 މިލިއަން ޑޮލަރު ލިބުނެވެ. އެއީ މިދިޔަ އަހަރު ލިބުނު 70.5 މިލިއަން ޑޮލަރަށް ވުރެ 108 ޕަސެންޓް އިތުރު އަދަދެެކެވެ. އަދި ޓީޖީއެސްޓީން ޖުމްލަ 11 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ޑޮލަރުން ލިބުނު 714 މިލިއަން ހިމެނުނެވެ.
މީގެ އިތުރުން، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މީރާއަށް 347 މިލިއަން ޑޮލަރު ލިބިފައިވާއިރު، އޭގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު 124 މިލިއަން ޑޮލަރު ހިމެނުނެވެ. އެއާ އަޅައިބަލާއިރު، 2024ގައި އެއާޕޯޓް ޑިވެލޮޕްމެންޓް ފީއަށް ލިބުނީ 75.2 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ 1.47 ބިލިއަނަށް އަރާއިރު، އޭގެ ކުރީ އަހަރު ލިބުނީ 1.06 ބިލިއަން ޑޮލަރެވެ. އަދި ރުފިޔާއިން ލިބުނު އާމްދަނީ ހިމެނޭ ގޮތަށް، އެ އިދާރާއަށް މިދިޔަ އަހަރު 32.7 ބިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.
ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމުން، ފަތުރުވެރިކަމުގެ ދާއިރާއަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ބުނެ، އެ ދާއިރާގެ ބައެއް މާހިރުން ކަންބޮޑުވުން ފާޅުކުރިއެވެ.
އެ ޓެކްސްތައް ބޮޑުކުރީ، ރާއްޖޭގެ ދަރަނި ބޮޑުވެ، ޑޮލަރު ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޑޮލަރު އާމްދަނީ އިތުރުވި ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20.20 ރުފިޔާއަށެވެ. އެއީ، މި ފަހުގެ ތާރީޚެއްގައި ޑޮލަރުގެ އަގު އެރި އެންމެ މައްޗެވެ.