މިދިޔަ މަހު މީރާއަށް 3.2 ބިލިއަން ރުފިޔާގެ އާމްދަނީ ބަަލައިގަތް ކަމަށާއި، އޭގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީގެ ނިސްބަތް ބޮޑުކަމަށް ޓެކުހާ ބެހޭ އިދާރާ މީރާއިން މިއަދު ބުނެފިއެވެ.
މީރާއިން ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.24 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.7 އިތުރު އަދަދެކެވެ. އަދި މި އަދަދަކީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %17.4 އިތުރު އަދަދެކެވެ.
މީރާއިން ބުނިގޮތުގައި ޑިސެެންބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ޑިސެެންބަރު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
މިއީ، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހާއި އަޅައިބަލާއިރު، މި ދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %12.8އަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެއް ކަމަށް މީރާއިން ބުންޏެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި ގުޅިގެން، މިދިޔަ މަހުގެ އާމްދަނީ 2024 ޑިސެެންބަރުގެ އާމްދަނީއަށްވުރެ ވަނީ އިތުރުވެފައެވެ.
މީރާއިން ބުނިގޮތުގައި މިދިޔަ މަހަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %17.4 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އާއި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުން ހިމެނެއެވެ. މިއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިނުވާ އާމްދަނީތަކެވެ.
މީގެ އިތުރުން، މިދިޔަމަހު ލިބިފައިވާ އާމްދަނީގެ %21.2 އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %20.3 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.
ޑިސެެންބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 53.2 އިންސައްތަ ނުވަތަ 1.72 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ ޓެކުހުންނެވެ. އެއީ 16 އިންސައްތަ ނުވަތަ 519 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 218.7 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 191.3 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 176 މިލިއަން ރުފިޔާ، އަދި އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 160 މިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ.
މީރާއިން ބުނި ގޮތުގައި އެ އިދާރާ އަށް މިދިޔަ މަހު ބަލައިގެންފައިވާ ފައިސާގެ ތެރޭގައި 157.83 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.