އާސަންދަ އިސްލާހު ކުރަން އޮޑިޓުގައި ދިން ލަފައަށް ސަރުކާރުގެ ބަހެއް ނެތް!

މިނިސްޓަރު އައިޝަތު ޝިހާމާއި އާސަންދަ އެމްޑީ ޒީނިޔާ: އާސަންދަ އިސްލާހު ކުރަން އޮޑިޓުގައި ދިން ލަފައަށް ސަރުކާރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

އާސަންދަ އިސްލާހު ކުރަން އޮޑިޓު ރިޕޯޓެއްގައި ލަފާތަކެއް ދިން ނަމަވެސް، އެ ކަންކަމަށް އަމަލުކުރުމާމެދު ސަރުކާރުން ކަންކުރާނެ ގޮތެއް އެބައޮތްތޯ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދީފިއެވެ.

އާސަންދައިން ފަރުވާ ދިނުމަށް ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.

މިދިޔަ އަންގާރަ ދުވަހު، އާންމުކުރި، އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ވަނީ، ހަމައެކަނި ބޭނުން ޖެހިފައިވާ މީހުންނަށް އާސަންދަ ދިނުމަށާއި ރާއްޖޭން ބޭރުން އާސަންދަ ދޭއިރު، ބަލި މީހުންގެ އަތުން ކޮންމެވެސް އަދަދެއް ނެގުމަށް ލަފާ ދީފައެވެ.

https://sun.mv/216363

އެ ލަފައަށް އަމަލުކުރާނެތޯ 'ސަން'އިން ސުވާލުކުރުމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާއާއި ވިދާޅުވީ، އާސަންދައަކީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސްކީމެއް ކަމަށެވެ. އެހެންވެ، އެ އެޖެންސީގެ ބަހެއް ހޯދުމަށް ޒީނިޔާ އެދިވަޑައިގަތެވެ.

އާސަންދަ ކައުންޓަރު: އާސަންދަ އިސްލާހު ކުރަން އޮޑިޓުގައި ދިން ލަފައަށް ސަރުކާރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި -- ފޮޓޯ: އާސަންދަ

އެންސްޕާއާއި އާސަންދަ މިހާރު ހިންގަނީ ސޯޝަލް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުންނެވެ. އެހެންވެ، ސޯޝަލް އެންޑް ފެމިލިީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވެފައެއް ނުވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އޮޑިޓު ރިޕޯޓުގައި ވަނީ، ބައެއް ދާއިރާތަކުން ފަރުވާ ދިނުމަށް ވަސީލަތްތައް ރާއްޖޭގައި ގާއިމުކުރުމަށް ފަހު ވެސް އެ ފަރުވާއާ ގުޅޭ ގިނަ ކޭސްތަކެއް ރާއްޖޭން ބޭރަށް ފޮނުވަން ޖެހިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެން ދިމާވަނީ އެ ވަސީލަތްތަކުން ފަރުވާ ތަރައްގީކުރުމަށް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއެކު ވެފައިވާ އެއްބަސްވުންތައް ތަންފީޒުކޮށްފައި ނުވުމާއި ރާއްޖެއިން އެ ފަރުވާ ލިބުނަސް, ފަރުވާއާމެދު ރައްޔިތުން އިތުބާރު ކުޑަވުމުގެ ސަބަބުން ކަމަށް އެކަށީގެންވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް --ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އާސަންދައާއި އެންސްޕާއިން އެހީއަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ވެސް ކުރެއެވެ. އެ ގޮތުން، މިދިޔަ އަހަރު ވެސް ބަޖެޓުގައި ޖެހި 1.8 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރިއެވެ.

މިގޮތުން، 2019 އިން 2024 އަށް ވަނީ ރާއްޖޭން ބޭރުން ދިވެހީންނަށް ބޭސްފަރުވާ ކޮށްދިނުމަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަހަރަކަށް ވުރެ އަހަރެއް އެ ޚަރަދުތައް އިތުރުވެފައި ހުރިއިރު، އެންމެ ގިނައިން ޚަރަދުކުރީ، ރިޔާސީ އިންތިޚާބުގެ އަހަރު ކަމަށްވާ 2023 ވަނަ އަހަރެވެ.

އެ އަހަރު އެކަނި، ރާއްޖޭން ބޭރުން ދިވެހީންނަށް ފަރުވާ ކޮށްދޭން 448 މިލިއަން ހޭދަކުރިއެވެ. އޭގެކުރިން، 2022ގައި ޚަރަދުކުރީ، 333 މިލިއަނެވެ. އެ އަހަރާއި ބަލާއިރު 2023ގައި އެއީ، އައީ 35 ޕަސެންޓުގެ އިތުރުވުމެއް ވަނީ އައިސްފައެވެ.

https://sun.mv/216159

ދަރަނީގެ މައްސަލަތައް ބޮޑުވެ، ސަބްސިޑީއާއި ބޭސް ފަރުވާގެ އެހީ ޓާގެޓްކޮށްގެން ނިކަމެތިންނަށް އެކަނި ދޭން ބޭރުގެ މާލީ އިދާރާތަކުން ވެސް ލަފާދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.

އެކަމަކު، އެ ފިޔަވަޅުތައް ތަންފީޒުކުރަން ރާވާފައި، ސަރުކާރުން ފަހުުން ނިންމުން ބަދަލުކުރީއެވެ.

comment ކޮމެންޓް