ދިވެހީންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ދެމުން އަންނަ އާސަންދައިގެ ދަށުން ރާއްޖޭން ބޭރުން ޚިދުމަތް ދޭއިރު ބަލި މީހާގެ އަތުން ކޯޕޭމަންޓެއް, ނުވަތަ ކޮންމެ ވެސް އަދަދެއް ނެގުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވައިފިއެވެ.
އޮޑިޓް އޮފީހުން މިއަދު ވަނީ 2019 އިން 2024 އަށް އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓް ނެރެފައެވެ. އެ ރިޕޯޓް ބުނާގޮތުން އެ ހަ އަހަރު ތެރޭގައި ދައުލަތުން ވަނީ ބޭސްފަރުވާއަށް 35 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ އެވެރެޖުކޮށް އަހަރަކަށް 5.9 ބިލިއަން ރުފިޔާއެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ މި ނިޒާމުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ވިޒިޓިން ޑޮކްޓަރުންނަށް ވެސް ރާއްޖޭން ބޭރުން ބަލި މީހާ ފަރުވާ ހޯދަން ރިފާކުރެވޭ ގޮތަށް ނިޒާމު އޮތުން ފާހަގަކޮށްފައިވެއެވެ. އަދި، މި ސްކީމުގެ ހަރަދުތައް ދުވަހުން ދުވަހަށް އިންތިޚާއަށް އިތުރުވާ ގޮތަށް ނިޒާމު އޮތްކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން އާސަންދަ ސްކީމުގެ ދަށުން ރާއްޖޭން ބޭރަށް ފޮނުވާ ނިސްބަތް އަހަރުން އަހަރަށް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން 2019 އިން 2024 އަށް ރާއްޖޭން ބޭރުން އާސަންދަ ދިނުމަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މި ހަރަދު އެވްރެޖުކޮށް އަހަރަކު 14 ޕަސެންޓް އިތުރުވަމުން ގޮސްފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
މައްސަލަތައް ފާހަގަކުރުމުގެ އިތުރުން އޮޑިޓް ރިޕޯޓްގައި ވަނީ އިސްލާހު ކުރަންވީ ކަންކަން ވެސް ލަފާދީފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން އާސަންދައިން ހޯދާ ފަރުވާއަށް ކޯ ޕޭމަންޓެއް ނަގާ އުސޫލެއް ތައާރަފު ކުރުން ހިމެނެއެވެ. އެއީ ހުރިހާ ޚަރަދެއް ދައުލަތުން ކުރުމުގެ ބަދަލުގައި ބިލަށް އަރާ ޖުމުލަ އަދަދުގެ ވަކި ޕަސެންޓެއް ބަލި މީހާގެ ފަރާތުން ދެއްކުމެވެ.
މީގެ އިތުރުން ފަރުވާ ހޯދާ މީހުންގެ ފަރުދީ ޒންމާ އިތުރު ކުރުމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ލަފާ ދީފައެވެ.
ބޭސްފަރުވާގެ ކަންކަމުގައި ރާއްޖޭން ބޭރަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އެންމެ ގިނައިން ރާއްޖެއިން ބޭރަށް މީހުން ފޮނުވަން ޖެހޭ ދާއިރާތައް ފާހަގަކޮށް, އެ ދާއިރާތަކުން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ވެސް އޮޑިޓުން ވަނީ ލަފާ ދީފައެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ބައެއް ދާއިރާތަކުން ފަރުވާ ދިނުމަށް ވަސީލަތްތައް ރާއްޖޭގައި ގާއިމުކުރުމަށް ފަހު ވެސް އެ ފަރުވާއާ ގުޅޭ ގިނަ ކޭސްތަކެއް ރާއްޖޭން ބޭރަށް ފޮނުވަން ޖެހިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެން ދިމާވަނީ އެ ވަސީލަތްތަކުން ފަރުވާ ތަރައްގީކުރުމަށް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއެކު ވެފައިވާ އެއްބަސްވުންތައް ތަންފީޒުކޮށްފައި ނުވުމާއި ރާއްޖެއިން އެ ފަރުވާ ލިބުނަސް, ފަރުވާއާމެދު ރައްޔިތުން އިތުބާރު ކުޑަވުމުގެ ސަބަބުން ކަމަށް އެކަށީގެންވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
އިންޑިއާއާއި ސްރީލަންކާ ހިމެނޭގޮތަށް އެތައް ހޮސްޕިޓަލަކުން އާސަންދައިގެ ޚިދުމަތް ދެމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މި ޚިދުމަތް ބެންކޮކާއި ޔޫއޭއީއަށް ފުޅާ ކުރައްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ. އަދި އިންޑިއާ އާއި ލަންކާގެ އިތުރުން މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދަ ދެމުން ދަނިކޮށް މި ސަރުކާރުން ވަނީ އެ ލިސްޓަށް މިއަހަރުން ފެށިގެން ޕިލިޕީންސް ވެސް އިތުރުކޮށްފައެވެ.