ހުޅުމާލޭ އެޕާޓްމެންޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް، ފަސް މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފި

ވަން އެވެނިއުގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް: އެތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ --- ފޮޓޯ: އެންޑީއެމްއޭ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ވަން އެވެނިއު އެޕާޓްމެންޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެންޑީއެމްއޭއިން ބުނީ، ވަން އެވެނިއުގެ ހަތްވަނަ ފަންގިފިލާގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އެޕާޓްމެންޓުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަމަށެވެ.

އެ އެޕާޓްމެންޓުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ ކެއިންބުއިމާއި ވަގުތީ ބޯހިޔާވެހިކަން, ތިން ދުވަހުގެ މުއްދަތަށް ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޭ 23:00 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ނޭވާހިއްލާ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެންޑީއެމްއޭއިން ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ބުނެފައެވެ.

އެ އޮތޯރިޓީއާ ހަވާލާދީ ޕީއެސްއެމްއިން ބުނެފައިވާ ގޮތުގައި، އަލިފާނުގައި މުދަލަށް ލިބުނު ގެއްލުމުގެ ތަފުސީލު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް