ޚާއްސަ ސިއްހީ ބޭނުމަށް އެދޭ ޗުއްޓީއަށް ގޮތް ނިންމަން ލަސްވާތީ، ސީދާ ކޮމިޝަނަށް ހުށަހަޅަން އަންގައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުންތަކެއް -- ފޮޓޯ: ސީއެސްސީ

ޚާއްސަ ސިއްހީ ބޭނުންތަކަށް ސިވިލް ސާވިސް މުވައްޒަފުންނަށް ދޭ ޗުއްޓީއަށް ގޮތް ނިންމަން ލަސްވާތީ، ޗުއްޓީއަށް ސަރުކާރު އޮފީސްތަކުގައި ގޮތް ނިންމުން ލަސްވާތީ ސީދާ ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ހުށަހަޅަން މިއަދު އެ ކޮމިޝަނުން އަންގައިފިއެވެ.

ޚާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަކީ ސީއެސްސީން ދޭން ނިންމުމުން ލިބޭ ޗުއްޓީއެކެވެ.

މިހާރު އެ ޗުއްޓީއަށް ސިވިލް ސާވިސް މުވައްޒަފަކު އެދެން ބޭނުންނަމަ ކަމާ ގުޅޭ ލިޔުންތަކާއެކު ހުށަހަޅަންޖެހެނީ މަސައްކަތްކުރާ އޮފީހަށެވެ. އެއަށްފަހު ކޮމިޝަނަށް އެ ކަން ހުށަހަޅަނީ އެ އޮފީހަކުންނެވެ. ސީއެސްސީން ބުނީ އެގޮތަށް އޮތުމުން ޗުއްޓީ ދިނުމާމެދު ގޮތް ކަނޑައަޅަން ދިގު މުއްދަތެއް ހޭދަވާ ކަމަށެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވަނީ "ޚާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީ" އަށް މުވައްޒަފުން އެދޭ ޙާލަތުގައި، އިދާރާތަކުން މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން، ޗުއްޓީދިނުމާ މެދު ގޮތެއް ކަނޑައަޅައި، މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާ ކަމަށެވެ.

އެ ކަމަށް ހައްލު ހޯދަން، ޗުއްޓީއަށް އެދޭ ޙާލަތުގައި، އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށް ފަހު، ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި، އެ މުވައްޒަފަކު ސީދާ ކޮމިޝަނަށް ހުށަހަޅަން ސީއެސްސީން ވަނީ އަންގައިފައެވެ.

އަދި ކޮމިޝަނަށް ހުށަހަޅަންވާނީ ޗުއްޓީ ނަގަން ބޭނުންވާ ތާރީޚުގެ 15 ދުވަސްކުރިން ކަމާގުޅުންހުރި ލިޔެކިޔުންތަކާއެކު "ޚާއްޞަ ޞިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު" މެދުވެރިކޮށް ކަމަށް ކޮމިޝަނުން ބުންޏެވެ.

https://sun.mv/211333

ސިވިލް ސާވިސް ގަވައިދުގައިވާ ގޮތުން ދެ ހާލަތެއްގައި މުވައްޒަފަކަށް ސަލާމުގެ ޗުއްޓީގެ އިތުރަށް، މުސާރަ ލިބޭގޮތަށް، އަހަރަކު 60 (ފަސްދޮޅަސް) ދުވަސް "ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި ދެެވެއެވެ. އެއީ:

  • ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގުމުއްދަތަކަށް، ބޭސްފަރުވާ ކުރަންޖެހުން.
  • ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވުން.

ސީދާ މުވައްޒަފުގެ އިތުރުން، އޭނާ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކަށް މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ވެސް ޗުއްޓީ އަށް އެދި ހުށަހެޅޭނެއެވެ.

comment ކޮމެންޓް