"ވިޔަފާރީތަކަށް ދަރާފައިވާ ފައިސާ ރޯދައިގެ ކުރިން ދިނުމުގެ މަސައްކަތް އެބަކުރޭ"

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ކުދި އަދި އަމިއްލަ ވިޔަފާރިތަކަށް ދަރައިފައިވާ ފައިސާ ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނު ކުރެއްވި ތިންވަނަ ތާރީޚު ކަމަށްވާ، އަންނަ ރޯދައިގެ ކުރިއަަށް ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ގިނަ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމެވެ. މިދިޔަ މަހުގެ 17ވަނަ ދުވަހު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް ވަނީ ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ވެސް އެތައް ވިޔަފާރިވެރިއަކު އެ ކަންބޮޑުވުން ހިއްސާކުރިއެވެ.

ސަރުކާރުން ނުދައްކައިހުރި ފައިސާގެ ތެރޭ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް ވެސް ހިމެނެއެވެ. އެ ވިޔަފާރިވެރިން ވަނީ ލިބެންޖެހޭ ފައިސާއާއި އެ ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކުހާ ލާޖައްސައިގެން ނަމަވެސް އެ މައްސަލަ ހައްލުކޮށްދޭން އެދިފައެވެ.

https://sun.mv/214436

އެއާއެކު އެ ފައިސާ އަންނަ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ.

ރޯދަ މަސް އަންނަ މަހު ފެށޭއިރު، މިހާރު އެ މަސައްކަތް ގޮސްފައިވާ ހިސާބާއި، ޖުމްލަ ކިތައް ވިޔަފާރިއަށް ފައިސާ ދީފައިވޭތޯއާއި، ޕެންޑިންގައި ހުރީ ކިހާ ވަރެއްތޯ ބެލުމަށް "ސަން"އިން ފިނޭންސް މިނިސްޓްރީގައި ސުވާލުކުރުމުން، އެ މިނިސްޓްރީން ބުނީ ފައިސާ ދިނުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

"ޕޭމަންޓުތަކަށް ފައިސާ ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އިތުރު ތަފްސީލް ހިއްސާނުކޮށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އެހެން ބުނިއިރު، ރޯދައިގެ ކުރިން ފައިސާދީ ނިންމޭނެތޯ ނުވަތަ ނޫންތޯ ވެސް ޔަގީންކޮށްދީފައެއް ނުވެއެވެ.

ސަރުކާރުން ވިޔަފާރިތަކަށް ދެ ބިލިއަނެއްހާ ރުފިޔާ ދަރާފައިވާ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ.

އަންނަ ރޯދައިގެ ކުރިއަކީ މި ފައިސާ ދައްކަން ސަރުކާރުން ދިން ތިންވަނަ ތާރީޚެވެ. މީގެ ކުރިން މިދިޔަ ރޯދައިގެ ކުރިން އެ ފައިސާ ދައްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު އެކަމެއް ނުވެއެވެ. އެއަށްފަހު މިދިޔަ އަހަރު ނިމުމުގެ ކުރިން ފައިސާ ދީ ނިމޭނެކަމަށް މިދިޔަ 26 ނޮވެމްބަރުގައި ރައީސް ވިދާޅުވިއެވެ. އޭރު ވެސް އެ މަނިކުފާނު ވިދާޅުވީ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

https://sun.mv/215847

ކުދި އަދި މެދު ފަންތީގެ އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދަރައިފައިވާއިރު، އެ ވިޔަފާރިތައް ހިންގަން ދަތިވާގޮތަށް، ވާދަވެރި މާހައުލު ގެއްލޭހެން ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން އެކި އާ މަސައްކަތްތަކަށް ވަނުމާއި، ސިޔާސަތުތައް ރަނގަޅަށް ތަންފީޒު ނުވުމާއި، އިދާރާތަކުން ލިބެންޖެހޭ ޚިދުމަތް ލަސްވުމުގެ ޝަކުވާއާއި ކަންބޮޑުވުން ވިޔަފާރިވެރިން އަންނަނީ ފާޅުކުރަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އަަހަރު ވާނީ އެ ކަންކަމަށް ހައްލު ގެނެސްދީ، މިފަދަ ވިޔަފާރިތައް ކުރިއަރުވަން އިސްކަންދޭނެ އަހަރަކަށެވެ.

comment ކޮމެންޓް