މުސްލިމުންގެ ގޮތުގައި އުފަންވެ އެ ނަމުގެ މަތީ މަރުވެދާ ކޮންމެ މީހަކީ ސުވަރުގެވަންތަވެރިއެއް ކަމުގައި ވުމަށް އަޅުގަނޑުމެން އެދެމުއެވެ. ވަކީން ޚާއްޞަކޮށް ގާތްތިމާގެ މީހުންނާއި އެކުވެރިންނާމެދު މާ ބޮޑަށް އުންމީދުކޮށް އެ ކަން ހިތުގައި ޔަޤީން ވެސް ކުރަމުއެވެ.
އާންމު އުޞޫލަކީ މުސްލިމުން ސުވަރުގެވަންތަވެރިން ކަމުގައި ވުމެވެ. އޭގެތެރޭގައި އެއްވެސް ހިސާބަކައިނުލާ ސުވަރުގެއަށް ވައްދަވާނެ ހަތްދިހަ ހާސް މީހުން ވާ ކަމަށް ޞައްހަ ޙަދީޘްތަކުން އެނގެއެވެ. އަދި ﷲގެ ރަޙުމަތުން ފާފަފުއްސަވައިފައި ސުވަރުގެ ވައްދަވާނެ ބަޔަކު ތިބޭނެކަން ވެސް އެނގެއެވެ. ޤިޔާމާތްދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނީ ނަމާދާމެދުގައި ކަމާއި، އެ ކަން ރަނގަޅު ވެއްޖެއްޔާ އިތުރު ހިސާބަކައިނުލާ އޭނާ ސުވަރުގެ ވަންނާނެ ކަމަށް ވެސް ޙަދީޘްތަކުން އެނގެއެވެ.
މިފަދަ ހުރިހާ ހެޔޮ ގޮތެއް އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސަށް އެދުމާ އެކު ދުނިޔެ ދޫކުރާ މީހުންނާ ދޭތެރޭ ވެސް އެދެމުއެވެ. އެހެނަސް، އެ ސުވަރުގެ ލިބުމަށް ދުނިޔޭގައި މަގުފަހިވާ ކަންކަމާ ގާތްވެއުޅުމާއި އެހެން މީހުން އެ ކަންކަމަށް ގާތްކުރުމަށް ހިތްވަރު ލާތީ ނުފެނެއޭ ބުނުމަކީ މާ ބޮޑު ގޯހަކަށް ނުވާނެއެވެ.
ހޯދަން ބޭނުން ކޮންމެ އެއްޗަކާއި ކަމަކަށް އެދިގެން ގަދައަޅާ މަސައްކަތް ކުރަން ޖެހޭކަން މި ދުނިޔޭގައި އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. ތިމަތިމާމެންގެ ހުރިހާ ކަމެއް ދުނިޔޭގައި މިއަދު ބައްޓަންކުރަމުން މި އަންނަނީ، ހިތްވަރާ އެކު ގަދައަޅާ މަސައްކަތްކުރުމުން ނޫނީ ހާޞިލުނުވާނޭ ކަމަށް ޤަބޫލުކުރަމުންނެވެ. އެންމެ ކުޑަ މިނުން އަނގަޔަށް ލާ ސުވާކޮޅު ވެސް ހޯދަން ކުރަންޖެހޭ މަސައްކަތް ބުރަކަން ޤަބޫލުކުރަމުންނެވެ. ނަމަވެސް ސުވަރުގެއާ ޖެހުމުން، ބުނެވެނީ؛ އެއީ އޯގާވަންތަ އިލާހޭ!... މާތް ސުވަރުގެއޭ!... މުސްލިމުންނަށް ޓަކައޭ!...، މިފަދަ ޢިބާރާތްތަކެއް ބުނެފައި ނިންމައިލަނީއެވެ. ސުވަރުގެ ލިބޭތޯ ކުރަންހުރި މަސައްކަތްތައް ފަސްކުރެވެނީއެވެ.
ދުނިޔޭގެ މޮޅު ކަންކަން ބުރަ މަސައްކަތުން ނޫނީ ނުލިބޭނެކަން ޤަބޫލުކުރާ ފަދައިން އާޚިރަތުގައި ވެސް މޮޅު ލިބެން އޮންނާނީ ބުރަ މަސައްކަތްކުރާ މީހުންނަށް ކަން ޤަބޫލުކުރަން ވާނެއެވެ. މަސައްކަތްނުކޮށް ކަންނެތްވާ މީހުންނަށް ދުނިޔޭގައި ދެރަ ނިކަމެތި ދިރިއުޅުން ލިބޭނެކަން ޤަބޫލުކުރާ ބީދައިން އާޚިރަތަށް ޓަކައި މަސައްކަތްނުކުރާ މީހާއަށް ވެސް ދެރަކަމާ ނިކަމެތިކަން ކުރިމަތި ވާނެކަން ޤަބޫލުކުރަން ވާނެއެވެ.
އެހެންކަމުން ދުނިޔޭގައި އުޅޭއިރު އާޚިރަތް މަތިން ހަނދާން ނައްތައިނުލާށެވެ. ހަމައެކަނި ދުނިޔެއިން ލިބުން އެދިގެން މަސައްކަތް ކޮށްފައި އޭގެ އަގުގައި އާޚިރަތް ވެސް ލިބޭނެކަމަށް ހީނުކުރާށެވެ! ﷲ ޙަޟްރަތުގައި ވާ އެއްޗަކީ މާ އަގުހުރި އެއްޗެކެވެ. އެ އެއްޗެއް ލިބޭނީ ވެސް ބުރަ މަސައްކަތުންނެވެ. އަބޫހުރައިރާގެ އަރިހުން އިމާމް ތިރިމިޒީ ރިވާކުރެއްވިއެވެ. «ألا إن سلعةَ اللهِ غاليةٌ ألا إن سلعةَ اللهِ الجنةُ» (الترمذي: 2450) މާނައީ: "ދަންނާށެވެ! ﷲގެ ޙަޟްރަތުގައި ވާ މުދަލަކީ މާ އަގުހުރި އެއްޗެކެވެ. ދަންނާށެވެ! ﷲގެ ޙަޟްރަތުގައި ވާ މުދަލަކީ ސުވަރުގެއެވެ."
ﷲގެ ޙަޟްރަތުގައި ހުރި އަގުބޮޑު މުދާ، އެއިލާހުގެ ސުވަރުގެ ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ސުވަރުގެއަށް ދާނެޔޭ ބުނުމުން، ސުވަރުގެއަށް ދާނެހެއްޔެވެ؟ ނޫނެކެވެ! ޖެހޭނީ އެ ކަމަށް ގަދައަޅާ މަސައްކަތްކުރާށެވެ! އެ މަސައްކަތް ކުރެވޭނީ އީމާންކަމުގައި ސާބިތުވެ ހުރެގެންނެވެ. އެއީ ﷲގެ ފަޟުލަވަންތަވެރިކަމުން ނޫނީ ލިބޭނޭ ނަސީބެއް ވެސް ނޫނެވެ. ވީމާ އީމާންކަމުގައި ސާބިތުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި އަބަދު ދުޢާ ދަންނަވަން ވާނެއެވެ. އެ ކަމުގެ ސާބިތުކަން ދެއްވުން އެދި މި އުންމަތުގެ މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެންމެ ގިނައިން ކުރައްވާ ދުޢާފުޅަކީ "يَا مُقَلِّبَ الْقُلُوْبِ ثَبِّتْ قَلْبِيْ عَلَى دِيْنِكَ" މި ދުޢާފުޅެވެ. މާނައީ: "އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ! އިބަ اللهގެ ދީންމަތީ މި އަޅާގެ ހިތް ސާބިތުކުރައްވާނދޭވެ." آمين!
ސުވަރުގެއަށް ދާން އެދެންޏާ އެ ކަމަށް މަސައްކަތް ކުރާށެވެ! އެއީ އެ ތަނަށް ދާނެޔޭ ބުނުމުން ދާނެތަނެއް ނޫނެވެ.