އާލިއާގެ ދައްތަ ޝާހީން ރާއްޖޭގައި؟

ފިލްމު ޕްރޮޑިއުސަރު ޝާހީން ބަޓް--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ދައްތަ އަދި ފިލްމު ޕްރޮޑިއުސަރު ޝާހީން ބަޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޝާހީން ވަނީ މީގެ އެއްދުވަސްކުރިން ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފޮޓޯތަކުގެތެރޭގައި ޝާހީން ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ ގިނަ މަންޒަރުތައް ދައްކާލި ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޝާހީން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މަންމަ ސޯނީ ރަޒްދާން އަދި ކޮއްކޮ އާލިއާއާ އެކު ވީޑިއޯ ކޯލެއްގައި އިންނަ މަންޒަރު ވެސް ފެނެއެވެ. ބެލެވޭ ގޮތުގައި ޝާހީންއާ އެކު އާލިއާގެ ދެމަފިރިން ވެސް ވަނީ ރާއްޖެ އައިސްފައެވެ.

ޝާހީން ބަޓް ކޮއްކޮ އާލިއާ އަދި މަންމަ ސޯނީއާ އެކު ވީޑިއޯ ކޯލްއެއްގައި--ފޮޓޯ/ އިންސްޓަގްރާމް

ބަތަލާ އާލިއާ ބަޓް, އާ އަހަރު މުނަސަބަތާ ގުޅުވައިގެން އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯގައި ފެންނަނީ އިރުއޮއްސޭ ހިތްގައިމު ވަގުތުގައި މޫދު ކައިރީގައި ފިރިމީހާ, އެކްޓަރު ރަންބީރު ކަޕޫރު ދެ މީހުންގެ ދަރިފުޅު ރަހާ އުރާލައިގެން ހުންނަ މަންޒަރެވެ.

އެ މަންޒަރަކީ ރާއްޖޭގެ އިރު އޮއްސާ ހިތްގައިމު މަންޒަރު ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނެފައިވާއިރު ދެ ތަރިން އާ އަހަރުގެ ޗުއްޓީ ހޭދަކުރީ ކޮން ޤައުމެއްގައިކަން ހާމަކޮށްފައެއް ނުވެއެވެ.

ޝާހީން ވަނީ މީގެކުރިންވެސް އެކިފަހަރު މަތިން ޗުއްޓީއަށް ރާއްޖެއަށް އައިސްފައެވެ. އޭގެތެރޭގައި އާލިއާއާ އަދި ދެ މީހުންގެ ރަހްމަތްތެރިންނާ އެކު ކޮށްފައިވާ ދަތުރުތައް ހިމެނޭއިރު ބަތަލާ އާލިއާގެ 29 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ވެސް ޝާހީން ވަނީ ރާއްޖެ އައިސްފައެވެ.

މީގެއިތުރުން އާލިއާގެ ދެމަފިރިން ވަނީ 2024 ވަނަ އަހަރު ފެށުން ފާހަގަ ކުރުމަށް ވެސް ފިރިމީހާ ރަންބީރާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

comment ކޮމެންޓް