ރިތޭޝް ޑައިރެކްޓްކޮށްފައިވާ ފިލްމު 'ރާޖާ ޝިވާޖީ'ގެ ޓީޒާ އާއްމުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ތަރި ރިތޭޝް ޑޭޝްމުކް ޑައިރެކްޓްކޮށް، ޕްރޮޑިއުސްކޮށް އަދި ލީޑް ރޯލު ކުޅެފައިވާ ފިލްމު 'ރާޖާ ޝިވާޖީ'ގެ ޓީޒާ ވަނީ އާއްމުކޮށްފައެވެ. އިންޑިއާގެ ތާރީޚީ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ މަރާތީ ސިނަމާގައި މިހާތަނަށް އުފައްދާ އެންމެ ބޮޑު ބަޖެޓުގެ ފިލްމެވެ. މި ފިލްމުގައި ހިންދީ އަދި މަރާތީ ސިނަމާގެ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ މި ފިލްމު ރިލީޒްކުރާނީ މަރާތީ، ހިންދީ އަދި ތެލުގޫ ބަހުންނެވެ.

  • ރިތޭޝް ޑޭޝްމުކް ޑައިރެކްޓްކޮށް ލީޑް ރޯލު ކުޅޭ ފިލްމެކެވެ.
  • މިއީ ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
  • މަރާތީ ސިނަމާގެ ތާރީޚުގައި އުފައްދާ އެންމެ ބޮޑު ބަޖެޓުގެ ފިލްމެވެ.
  • ސަންޖޭ ދަތު އަދި އަބީޝެކް ބައްޗަން ފަދަ ގިނަ ތަރިންތަކެއް ހިމެނެއެވެ.
  • އަންނަ މަހުގެ އެއްވަނަ ދުވަހު ތިން ބަހަކުން ފިލްމު ރިލީޒްކުރާނެއެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތޭޝް ދޭޝްމުކް ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ފިލްމު "ރާޖާ ޝިވާޖީ"ގެ ޓީޒާ އާއްމުކޮށްފިއެވެ.

މި ފިލްމުގެ ޓީޒާ އެންމެ ފުރަތަމަ ބެލުންތެރިންނަށް ދައްކައިލީ ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ޑައިރެކްޓަރު އަދިތިޔަ ދާރްގެ "ދުރަންދަރު: ދަ ރިވެންޖް"އާ އެކު ސިނަމާތަކުގައި އެކަންޏެވެ.

މި ފިލްމުގެ ޓީޒާ ސިނަމާތަކުގައި ދެއްކުމާ އެކު އާއްމުންގެ ބޮޑު ތަރުހީބެއް ފިލްމުގެ ޓީޒާއަށް ވަނީ ލިބިފައެވެ. އެހެންވެ ގިނަބަޔަކަށް ފެންނާނެހެން "ރާޖާ ޝިވާޖީ"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލާނެ ދުވަހަކަށް ވަރަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ.

މި ފިލްމުގެ ވާހަކަ ރިތޭޝް ލިޔެފައިވާއިރު ޓައިޓްލް ރޯލްއިން ވެސް ފެންނާނީ ޚުދު ރިތޭޝްއެވެ. އިންޑިއާގެ ކުރީގެ ވަރުގަދަ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ މިއަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުތަކުގެތެރެއިން ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.

މަރާތީ ސިނަމާގައި މިހާތަނަށް ނުފެންނަ ފަދަ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމަކީ މުޅި އިންޑިއާއަށް އަމާޒުކޮށްގެން ތައްޔާރުކުރާ އުފެއްދުމެކެވެ. ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ އަމިއްލަ ވެރިކަން ގާއިމުކުރުމަށް ކުރި މަސައްކަތާއި، ޖަޒުބާތީ އަދި ހިތްވަރުގަދަ ވާހަކަތަކެއް މި ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެއެވެ.

ފިލްމު "ރާޖާ ޝިވާޖީ"ގެ ޓީޒާގެ ބައެއް މަންޒަރުތައް--ފޮޓޯ/އެމްއެސްއެން

ހިންދީ އަދި މަރާތީ ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ކާސްޓުގައި ހިމެނޭ "ރާޖާ ޝިވާޖީ"ގެ މުހިއްމު ތަރިންގެތެރޭ، ސަންޖޭ ދަތު، އަބީޝެކް ބައްޗަން، ވިދްޔާ ބާލަން، މަހޭޝް މަންޖްރޭކަރު، ސަޗިން ކޭދޭކަރް، ބާގްޔާޝްރީ، ފަރުދީން ޚާން، ޖިތެންދްރަ ޖޯޝީ، ބޯމަން އިރާނީ، އަމޯލް ގުޕްތޭ އަދި ޖެނީލިއާ ދޭޝްމުކް ހިމެނެއެވެ.

މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުއެވެ. ފިލްމު "ރާޖާ ޝިވާޖީ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ މަރާތީ، ހިންދީ އަދި ތެލުގޫ ބަހުންނެވެ.

comment ކޮމެންޓް