މާލޭގައި އިމާރާތް ކުރަމުން އަންނަ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ ގަލޮޅު ސައިރިކްސް ކޮލެޖު ކައިރީ ހުރި، އިމާރާތް ކުރަމުން އަންނަ ގެއެއްގައި ކަމަށެވެ.
ސިފައިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ 23:22 ހާއިރު ކަމަށާއި، މައުލޫމާތު ލިބުމާއެކު މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ފަޔާފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވެފައި ހުރި އަލިފާންގަނޑު 23:56 ހާއިރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ސިފައިން ބުންޏެވެ.

ރޯވި އިމާރާތުގެ އެތެރެ: އެއީ ހަދަމުން އަންނަ ގެއެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވޭ -- ފޮޓޯ/ އެމްއެންޑީއެފް
މާލޭގައި ބޭނުންނުކޮށް ހުންނަ އިމާރާތްތަކަށް މީހުން ވަދެ އުޅުމުގެ ތެރޭގައި، ކުނީގައި ރޯވެގެން ގިނަ އަދަދަކަށް އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އާންމުކޮށް އެފަދަ އަލިފާންގަނޑުތައް އަވަހަށް ކޮންޓްރޯލް ކުރެވޭ ނަމަވެސް، ބައެއް ފަހަރު އަލިފާންގަނޑު ފެތުރި، ކައިރީ ހުރި ގެތަކަށް ވެސް ގެއްލުންވެފައި އެބަހުއްޓެވެ.