މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ މި ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން ކުރި ޕޯސްޓެއްގައި ވަނީ، ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިރޭ 01:30އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.
އެ ސަރަހައްދުތަކަށް މެޓުން ސަމާލު ނެރެފައި ވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.
މެޓުން ބުނީ، ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރިޔަސް، އާންމުކޮށް ރާއްޖޭގެ މޫސުން މިރޭ ރަނގަޅު ވާނެ ކަމަށެވެ.

ވިއްސާރަވެ ކަނޑުގަދަވުން: ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ، އިރު އުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވާއިރު، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރިއެވެ.
އެއާއެކު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ދިހަ މޭލާއި 20 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މެޓުން ލަފާކުރި ގޮތުގައި، މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވެފައި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަން މެޓުން ފާހަގަކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ދުވަސްވަރު ބޮޑު ޗުއްޓީއަށް ސުކޫލު ބަންދުވެފައި ވާތީ، ގިނަ ބަޔަކު އަންނަނީ އެކި ތަންތަނަށް ދަތުރުކުރަމުންނެވެ. އެފަދަ ދަތުރުތައް ކުރާއިރު، މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.