ދުބާއީ ޕޯޓްސްއަށް ބަނދަރު ވިއްކަން އުޅޭ ކަމުގެ ތުހުމަތަށް އެމްޕީއެލް: "ކޮމެންޓެއް ނެތް"

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާން، ރައީސް ޑރ. މުޙައްމަދު މުއިއްޒާ ސަލާމް ކުރައްވަނީ: ބަނދަރު ވިއްކަން އުޅޭ ކަމަށް ކުރާ ތުހުމަތަށް އެމްޕީއެލްއިން ވާހަކައެއް ނުދެއްކި-- ފޮޓޯ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށް ވިއްކަން އުޅޭ ކަމަށް, ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފިއެވެ.

ވިޔަފާރި ބަނދަރު ހިންގުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން އެކި ލެވަލްގައި މަޝްވަރާތައް ކުރަމުން ދިޔަ ވާހަކަ މީގެ ކުރިން ވެސް ފެންމަތިވިއެވެ.

https://www.sun.mv/216280

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވެސް މި ވަނީ މި ތުހުމަތުކުރައްވައި، އެކަން ހުއްޓުވަން ގޮވާލައްވައިފައެވެ. ޔާމީން ވިދާޅުވީ ބަނދަރު ވިއްކާލާ ވާހަކަ ސަރުކާރުން ނުދެއްކި ނަމަވެސް އެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. ޑީޕީ ވޯލްޑަކީ ޔޫއޭއީގައި މަރުކަޒުކޮށްފައިވާ ކުންފުންޏެއް ކަމަށްވާއިރު، ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި އަބޫދާބީގެ އިސް ބޭފުޅުންނާއި ސީދާ އެ ކުންފުނިން ވެސް އެ މަނިކުފާނުގެ އަރިހަށް އައި ކަމަށެވެ.

އޭރު ވެސް އެ މީހުން އެދުނީ ބަނދަރު ހޯދަން ކަމަށާއި ނަމަވެސް އެކަމަށް ދެކޮޅު ހެއްދެވީ ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ބޮޑު ތުހުމަތުތަކާ ގުޅޭގޮތުން, ޕޯޓް ހިންގާ, އެމްޕީއެލްގެ ބަހެއް ހޯދާލުމަށް "ސަން" އިން ގުޅުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކަމާ ގުޅުވައިގެން, މިވަގުތު އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

ޔާމީން ރޭ ފާހަގަކުރެއްވީ، ރާއްޖެ މި އޮތް ސަރަހައްދާއި، މިހާރު މި ސަރަހައްދަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޯޓު ދަތުރުފަތުރަށް ރާއްޖޭގެ ބަނދަރު މުހިންމު ވާނެ ސަބަބެވެ. އެގޮތުން، ތޮއްޖެހި، ބާރު ބޮޑުވެފައިވާ މަލާކާ ސްޓްރެއިޓްގެ ބަދަލުގައި ބޭނުންކުރުމަށް، ތައިލެންޑުން ބޯޓު ދަތުރުތަކަށް ކެނަލްއެއް ހަދަން އުޅޭކަން ޔާމީން ފާހަގަކުރެއްވިއެވެ.

އެ ކެނަލް ހެދުމުން، މުޅި މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ބަނދަރަކަށް ރާއްޖޭގެ ބަނދަރު ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ތިލަފުށީ ބަނދަރު ޑީޕީ ވޯލްޑަށް ދިނުމަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް އިންޑިއާގެ ޖީއެމްއާރަށް ދިނުން ފަދަ ކަމެއް ކަމަށެވެ. އަދި އެއީ، ސިފައިންގެ ބަޑި ގުދަން ތަޅުލުމަށް ތަޅުދަނޑި ޑީޕީ ވޯލްޑަށް ދިނުމުގެ ގޮތުގައި ވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

"މިއީ ބޮޑުބަނޑޭރިގޭ ތަޅުލާއި ތަޅުދަނޑި އެ މީހުންނަށް ދިނުން ކަހަލަ ކަމެއް ނޫންތޯ، ސިފައިންގެ އާމަރީ، އެހެންވީމަ މިއީ ގައުމީ ސަލާމަތަށްޓަކައި ސިފައިންނާއި ފުލުހުން ވެސް ވިސްނަން ޖެހޭ ކަމެއް،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ބޭރު ބަޔަކާ ބަނދަރު ހަވާލުކުރުމުން އެ މީހުން ރާއްޖެ ގެނެސް ބޭރުކުރާ އެއްޗެއް ވެސް ދިވެހީންނަކަށް ނޭނގޭނެ ކަމަށެވެ. އަދި އެމްޕީއެލްގައި މަސައްކަތް ކުރާ އެތައް ދިވެހީންނެއްގެ ވަޒީފާ ވެސް ގެއްލޭނެ ކަމަށް ޔާމީން ލަފާކުރެއްވިއެވެ.

ތިލަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެމްޕީއެލްއިން ވަނީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމޭނީ އަންނަ އަހަރު ކަމަށް ލަފާކޮށްފައެވެ. އެ ފިޔަވައްސަށް އެކަނިވެސް 60 މިލިއަން ޑޮލަރު ޚަރަދު ވާނެއިރު، ހުރިހާ މަސައްކަތެއް ނިންނަން 10 އަހަރު ނަގާނެ ކަމަށް އެ ކުންފުނިން، ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެެއެވެ.

comment ކޮމެންޓް