މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފައިވާއިރު، އެކަމުން ނަތީޖާ ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޗުއްޓީގައި މިހާރު އޮތް މަޖިލީހުން ވަނީ ޖަލްސާއެއް އެޖެންޑާއެއްކޮށްފައެވެ. އެ ޖަލްސާގެ އެޖެންޑާގައި ގާނޫނުއަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރު ފަރާތުން ތިން ބިލެއް ހުށަހަޅާނެ ކަމަށް އޮތެވެ.
އޭގެ ތެރެއިން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.
އެއާއެކު، އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހަޅުއްވާފައިވެއެވެ.
އެ ބަދަލާއެކު 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، 21ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ އެ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހެވެ. އަދި މިހާރު ހިނގާ 20ވަނަ މަޖިލިސް އެ ދުވަހު އުވޭނެއެވެ.
އެ ބިލާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ، ބައެއް ސިޔާސީ ލީޑަރުން އެކަމަށް އަތް ޖަހާ ނަމަވެސް، އެ ބަދަލު ގެނައުމުގެ ހިކުމަތެއް އެ މަނިކުފާނަށް ނުވިސްނޭ ކަމަށެވެ. އެގޮތުން ރައީސާއި މަޖިލީހަކީ އެކަކު އަނެކަކު މައްޗަށް ފާރަވެރިވާ ދެ ބާރުކަން ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް ޔާމީން އިންތިޚާބެއްގައި ވޯޓު ދެއްވުން: އެ މަނިކުފާނު ވަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް ވާހަކަ ދައްކަވައިފައި --- ފޮޓޯ/ ރައީސް އޮފީސް
"ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވުމަަށް، އެ މީހުންގެ މައިގަނޑު މެންޑޭޓަކީ. ދެން ބަޖެޓް ފާސްކޮށްދިނުމާއި ގާނޫނު ހެދުމާ އޮވެދާނެ އެކަމަކު އެ މީހުންގެ އެންމެ ބޮޑު ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސް ހޮވުމަށް ފަހު، ތިން ހަތަރު މަސް ފަހުން މަޖިލިސް އިންތިޚާބު ބާއްވާއިރު، ރައީސްގެ މަސައްކަތްތަަކަށް ބަލައި އެ ޕާޓީއަކަށް ވޯޓު ދޭން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.
"އެކަމަކު މި ދެ ކަންތައް އެއްކޮށްލާފަ، ދެ ކަންތައް އެއް ފަހަރާ ކުރީމަ ރައީސް ކަންތައް ކުރާ ގޮތެއް ބަލައި، ފާރަވެރިވާނެ މަޖިލީހެއް ނޫން މި ހޮވެނީކީ، އެހެންވީމަ އަޅުގަނޑަކަށް ނުވިސްނޭ މީގައި ހިކުމަތެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ދެ އިންތިޚާބު އެއްކުރަނީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބަދަލާއެކު ރައްޔިތުންގެ މާ ބޮޑު މަސްލަހަތެއް ގެއްލޭ ކަމަށެވެ.
"އެހެންވީމަ ޚަރަަދަށް ބެލުމަށް ވުރެ، އެއަށް ވުރެ މާ ބޮޑު މަސްލަހަަތެއް މި ފުށޫއަރައިގެން ގެއްލިގެން މިދަނީ، އެހެންވީމަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރައިސޫލްޖުމްހރިއްޔާ އިންތިޚާބާ އެއްކޮށްލުމުގައި އަޅުގަނޑަށް ހަމަ ބޮޑެތި ގޯސްތައް ފެނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ދެ އިންތިޚާބު އެއްކޮށްލައި، އެކީގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަަމަވެސް، ނަޝީދު ވެސް ނިސްބަތްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ، ސަރުކާރުން ގެންނަ ބަދަލާ ގުޅޭ ގޮތުން ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ފައްޔާޒު ހުށަހެޅުއްވީ، ދެ އިންތިޚާބު އެއްކުރުމުގެ ބަދަލުގައި، މަޖިލިސް އިންތިޚާބު ދެ ބަޔަކަށް ބަހައިގެން ބޭއްވުމަށެވެ. އެއީ ބައެއް މެންބަރުން ރިޔާސީ އިންތިޚާބު ބާއްވާއިރު ހޮވުމަށްފަހު، އެހެން މެންބަރުން ފަހުން ހޮވާ ގޮތަށެވެ.