ފައްޔާޒު ހުށަހެޅުއްވީ މަޖިލިސް އިންތިޚާބު ދެ ބަޔަކަށް ބަހަން: ރިޔާސީ އިންތިޚާބާއެކީގައި އާއި ދައުރު މެދުން

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: ފައްޔާޒު ހުށަހެޅުއްވީ މަޖިލިސް އިންތިޚާބު ދެ ބަޔަކަށް ބަހާލަން، އެއީ ރިޔާސީ އިންތިޚާބާއެކީގައި އާއި ދައުރު މެދުން ބާއްވަން -- ފޮޓޯ/ އެމްޑީޕީ

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފައިވާއިރު، މަޖިލިސް އިންތިޚާބު ބާއްވަން ތަފާތު ގޮތެއް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ހުށަހަޅުއްވައިފިއެވެ.

ޗުއްޓީގައި މިހާރު އޮތް މަޖިލީހުން ވަނީ މާދަމާއަށް ޖަލްސާއެއް އެޖެންޑާއެއްކޮށްފައެވެ. އެ ޖަލްސާގެ އެޖެންޑާގައި ގާނޫނުއަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރު ފަރާތުން ތިން ބިލެއް ހުށަހަޅާނެ ކަމަށް އޮތެވެ.

އޭގެ ތެރެއިން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.

https://sun.mv/216256

އެއާއެކު، އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހަޅުއްވާފައިވެއެވެ.

އެ ބަދަލާއެކު 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، 21ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ އެ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހެވެ. އަދި މިހާރު ހިނގާ 20ވަނަ މަޖިލިސް އެ ދުވަހު އުވޭނެއެވެ.

އެ ބިލާ ގުޅޭ ގޮތުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުމުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ޚަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތް. ވޯޓާ ގުޅުންހުރި ކަންކަމުގައި "ޚަރަދު ކުޑަކުރަން" ކުރަން މި އުޅޭ ކަންކަމާމެދު އެންމެހާ ދިވެހިން ވިސްނާލުން ބުއްދިވެރި،" ފައްޔާޒު ލިޔުއްވާފައިވެއެވެ.

އޭނާ ވިދާޅުވީ، މަޖިލިސް އިންތިޚާބަކީ ސަރުކާރަށް ފާރަވެރިވެ، ގާނޫނު ހަދާ އެންމެ މަތީ ބާރަށް މަންދޫބުން ހޮވާ އިންތިޚާބު ކަމަށެވެ. ސަރުކާރުން އެ ނިޒާމު ވަރުގަދަ ކުރުމުގެ ހެޔޮ ނިޔަތެއް އޮތް ނަަމަ މަޖިލިސް އިންތިޚާބު ބާއްވަންވީ ދެ ބަޔަކަށް ބަހާލައިގެން ކަަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއެކު ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުން އިންތިޚާބު ބޭއްވުން ރަނގަޅު ކަމަށް ފެނޭ. އެއީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ގޮތް ނިންމުމަށް ރައްޔިތުންނަށް ދެވޭނެ ފުރުސަތެއް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

އޭނާ ވިދާޅުވީ، ޚަރަދު ކުޑަކުރަން އިންތިޚާބުތައް އެއްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ސާފުވާ ކަމަށެވެ. އަދި ހެޔޮ ނިޔަތުގައި ޚަރަދު ކުޑަ ކުރާނަމަ ރިޔާސީ އިންތިޚާބާއި ކައުންސިލް އިންތިޚާބު އެއްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެ އިންތިޚާބަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަށް ގައުމާއި ރަށު ލެވެލްގައި ނެގޭ ވޯޓެއްކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. ކަން އެހެން އޮތްއިރު، މަޖިލިސް ޗުއްޓީގައި ކުއްލިއަކަށް މެންބަރުން އެއްކޮށް، ދައުރުން ބޭރުން ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމާ މެދު ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދޭން ވާނެ. އަދި ބަހުސްގައި މަތީގައި ލިޔެވިދިޔަފަދަ އިތުރު އޮޕްޝަންތައް ރައްޔިތުންނާ ހިސާބަށް ގެންދަން ރައީސް މުއިޒުއަށް ކެރިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރަން،" ފައްޔާޒު ވިދާޅުވިއެވެ.

https://sun.mv/194050

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ޖުލައި 7، 2024ގައެވެ.

އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް