ޚިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ބައްސާމްގެ މައްޗަށް ސާބިތުވެއްޖެ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް: ޚިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ބައްސާމްގެ މައްޗަށް ސާބިތުވެއްޖެ --

އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތުހުމަތު ކުރެވޭ ޚިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް އަނެއްކާވެސް އޭނާގެ މައްޗަށް ސާބިތުވެއްޖެއެވެ.

މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައެވެ.

މި 1.2 މިލިއަން ޑޮލަރަކީ ކޮވިޑް-19ގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާއިން ނެގި 'ކޮވިޑް ރިލީފް ލޯނު'ގެ ފައިސާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ ފައިސާ، ބައްސާމް ބޭނުންކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނުން ދެ ޕެންޓްހައުސް ގަތުމަށް ކަމަށް ވެސް ދައުވާގައި ވެއެވެ.

މިއަދު އޮތް އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވި ގޮތުގައި އެއް މިލިއަން ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން އެ ފައިސާ ވަނީ ނެރެފައެވެ. އަދި ޗެކެއް މެދުވެރިކޮށް އެ ފައިސާ އަނބުރާ މާރުކުރުމަށްފަހު އެފްއޭއެމްއަށް ވެއްދި ނަމަވެސް އެއީ ސައްހަ ޗެކެއް ނޫން ކަމަށާއި، އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން ވެސް އެނގެން ނެތް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ގާޒީ ނިންމަވާފައި ވަނީ، ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް އެ ފައިސާއަށް ބައްސާމް ޚިޔާނާތްތެރިވިކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ބައްސާމްގެ މައްޗަށް ދެ ދައުވާ ސާބިތުވިއިރު، އެކަމުގެ އަދަބު ކަނޑައެޅުމުގެ އަޑުއެހުމެއް ފަހަށް ވަނީ ތާވަލުކޮށްފައެވެ.

https://www.sun.mv/214969

ފާހަގަކޮށްލެވޭ ގޮތުގައި ފީފާގެ ބަހެއް ނެތި މި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ބައްސާމުގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރުގެ ހުކުމް ތަންފީޒު ކުރުމަށެވެ.

ފީފާގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ, މި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންނާއި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް