ރޭޕް މައްސަލައެއްގެ 15 އަހަރުގެ ހުކުމަކާ މެދު ފަނޑިޔާރުންގެ މެދުގައި ޚިޔާލު ތަފާތުވެއްޖެ

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މީހަކު ރޭޕްކުރި ކަމަށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެއް އިސްތިއުނާފުކުރުމުން، އެ މައްސަލައިގައި ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވޭތޯ ބެލުމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިއްޖެއެވެ.

މިއީ ތިނެއް އޮކްޓޫބަރު 2018 ގައި ރަށެއްގެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ގދ. ވާދޫ، ޞަބާހީމަންޒިލް، އިޒާމް ޒާހިރުގެ މައްޗަށް ދައުލަތުން އުފުލި ރޭޕްކުރުމުގެ ކުށުގެ ދައުވާއެކެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން 30 ޑިސެމްބަރު 2025 ގައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

އިޒާމްގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެއްލެވީ ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އެވެ.

މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގައި ފާހަގަކުރައްވާފައި ވަނީ، ޖިންސީ ކުށުގެ ގާނޫނުގައި ރޭޕް މާނަކޮށްފައިވާ ގޮތުން ނުރުހުމުގައި ޖިންސީ ގުނަވަން ވެއްދުމުގެ އަމަލެއް (ޕެނެޓްރޭޝަން) ހިނގިކަން ދައުލަތަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

ފަނޑިޔާރު މަޒީދު ފާހަގަކުރެއްވި މުހިންމު ނުކުތާތައް:

ޑީއެންއޭ ހެކި: އަނިޔާލިބުނު މީހާގެ ފަރުޖުން ނެގި ސާމްޕަލުން (ވެޖައިނަލް ސްވޮބުން) އިޒާމްގެ ޑީއެންއޭ ފެނިފައެއް ނުވެއެވެ. އޭނާގެ ޑީއެންއޭ ފެނިފައި ވަނީ އަނިޔާލިބުނު މީހާގެ އުރަމައްޗާއި ކަރާއި ކަންފަތުން ނެގި ސާމްޕަލްތަކުން ކަމަށްވުމުން، އެއީ ޖިންސީ ގޯނާގެ އަމަލަކަށް ބާރުލިބުނު ނަމަވެސް ރޭޕްގެ އަމަލެއް ނުވަތަ ގުނަވަން ވެއްދިކަން ސާބިތުވާ ހެއްކެއް ނޫނެވެ.

ހެކިންގެ ހެކިބަސް: ހާދިސާ ހިނގި ތަނަށް ދިޔަ ކަމަށް ބުނާ އަނިޔާ ލިބުނު މީހާގެ ދެބެއިންގެ ދެދަރި ކޮއްކޮއާއި އެއްބަނޑުއެއްބަފާ ކޮއްކޮގެ ތެރެއިން އެކަކު ދިޔައިރު އަޑެއް ނީވޭ ކަމަށް ބުނެފައިވާއިރު، އެއްވެސް މީހެއްގެ ބަހުން ޖިންސީ ގުޅުން ހިންގަނިކޮށް ނުވަތަ ގުނަވަން ވައްދަނިކޮށް ފެނިފައިވާ ކަމަށް ބުނެފައެއް ނުވެއެވެ.

ރުހުން ނެތްކަން: ހާދިސާ ހިނގުމުގެ ކުޑައިރުކޮޅެއް ކުރިން އަނިޔާލިބުނު މީހާ އަމިއްލަ ރުހުމުގައި އެހެން ދެ ފިރިހެނަކާއެކު އެ ކޮޓަރީގައި ޖިންސީ ގުޅުން ހިންގާފައިވާކަން އޭނާގެ ބަހުން އެނގެން އޮތުމާއި، އެވަގުތު އާއިލާގެ ދެ ފިރިހެނުން އައުމުން ކޮށްޕުމާއި ހަޅޭއްލެވުން ފަދަ ކަމެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ރުހުން ނެތްކަމާމެދު ސުވާލު އުފެދެއެވެ.

އެހެންކަމުން ދަށު ކޯޓުން ރޭޕް ސާބިތުވާ ކަމަށް ކަނޑައެޅީ ގާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ދެކެވަޑައިގެން، ފަނޑިޔާރު މަޒީދު ނިންމެވީ ކްރިމިނަލް ކޯޓުގެ 15 އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމަށެވެ.

ނަމަވެސް ރިޔާސަތުގެ ނިންމެވުމާ މުޅިން ޚިލާފަށް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގައި ވަނީ އިޒާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި ދަށު ކޯޓުގެ ހުކުމް ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު ޙުޒައިފާ ފާހަގަކުރެއްވި ގޮތުގައި:

ރޭޕް މައްސަލަތަކުގެ ޚާއްސަ މިންގަނޑު: ޖިންސީ ކުށުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަޟިއްޔާތަކުން (މުޙައްމަދު ނިޔާޒު އަދި އަޙްމަދު މުޚްތާރުގެ މައްސަލަ) ކަނޑައަޅާފައިވާ ގޮތުގައި، މިފަދަ ކުށްތަކަކީ ސިއްރިއްޔާތުގައި ހިންގާ ކަންކަމަށް ވާތީ، އަނިޔާލިބުނު އަންހެނާގެ ހެކިބަހަކީ އެންމެ މައިގަނޑު އަސާސެވެ. އެ ބަހަށް އިތުރު ހެކި ޤަރީނާއިން ބާރުލިބޭނަމަ ކުށް ސާބިތުވާނެއެވެ.

އަނިޔާލިބުނު މީހާގެ ބަސް: އޭނާގެ ކުރިމަތިފަރާތަށް އިޒާމްގެ ގުނަވަން ވެއްދި ކަމަށާއި، ދެކޮޅުހަދައި ދޫކޮށްލުމަށް އެދުނު ކަމަށް ތަހުގީގަށާއި، އިޖުތިމާއީ ހާލަތު ވަޒަންކުރި ފަރާތަށާއި، ޝަރީއަތަށް އެއްވެސް ފުށުއެރުމެއް ނެތި އޭނާ ވަނީ ކިޔައިދީފައެވެ.

ފޮރެންސިކް އަދި ސައިންޓިފިކް ހެކި: އިޒާމްގެ ބޮކްސާއިން މަނީގެ އަސަރު ފެނިފައިވުމާއި، އަނިޔާލިބުނު މީހާގެ އުރަމައްޗާއި ކަރާއި ކަންފަތުން އިޒާމްގެ ޑީއެންއޭ ފެނުމަކީ އޭނާ ދެއްކި ވާހަކަތަކަށް ލިބޭ ސައިންޓިފިކް ބާރެކެވެ. އަދި ހާދިސާއަށްފަހު ވަގުތު ފާއިތުވުމާއި ދޮވުން ފަދަ ސަބަބުތަކާ ހުރެ ފަރުޖުން ޑީއެންއޭ ނުފެނުމަކީ ރޭޕް ނުހިނގާ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ތަހުލީލުކުރި ފަރާތުން ބަޔާންކޮށްފައިވެއެވެ.

މަންޒަރު ދުށް ހެކިންނާއި ރުހުމުގެ މައްސަލަ: ދޮރު ހުޅުވި ވަގުތު އަނިޔާލިބުނު މީހާ ރޯން އޮތް ކަމަށާއި، އިޒާމް އޮތީ އޭނާގެ ގައިމަތީގައި ކަމަށާއި، އަނިޔާލިބުނު މީހާ އޭނާ ކޮށްޕަން އުޅުނު ކަމަށް ދެ ހެކިންގެ ބަހުން އެނގޭތީ، އޭނާގެ ރުހުމެއް ނެތްކަން ސާބިތުވެއެވެ. އަދި އޭގެ ކުރިން އެހެން ބަޔަކާއެކު ރުހުމުގައި ގުޅުން ހިންގާފައި އޮތުމަކީ، އިޒާމަށް އެ ރުހުން އޮތް ކަމަށް ނުވަތަ ދާއިމީ ރުހުމެއް އޮތް ކަމަށް ބެލެވޭނެ ހަމައެއް ނޫން ކަމަށް ވެސް ފާހަގަކުރިއެވެ.

މި މައްސަލައިގައި ދެ ފަނޑިޔާރުންގެ މެދުގައި މިފަދަ ބޮޑު ގާނޫނީ ޚިޔާލު ތަފާތުވުމެއް އުފެދިފައިވާއިރު، މިއީ ރޭޕްގެ މައްސަލަތަކުގައި "ޕެނެޓްރޭޝަން" ސާބިތުކުރުމަށް ފަރުޖުން ސީދާ ޑީއެންއޭ ފެންނަންޖެހޭނެތޯ ނުވަތަ ވާހަކަތަކަށް ބާރުދޭ އެހެނިހެން ހެކި ޤަރީނާއިން އެކަން ނެރެވިދާނެތޯ ކަނޑައެޅުމުގައި އުފެދުނު މުހިންމު ބަހުސެކެވެ.

މި މައްސަލަ ނިންމާފައި ވަނީ ހުޒައިފާގެ ރައުޔަށް، ފަނޑިޔާރު ރައޫފު ތާއީދުކޮށް، ދަށު ކޯޓުން އިއްވި 15 އަހަރުގެ ހުކުމް ދަމަހައްޓައިގެންނެވެ.

comment ކޮމެންޓް