ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ވާގިވެރިޔާ "ސަދަން ޓްރާންސިޝަނަލް ކައުންސިލް" (އެސްޓީސީ) އިން ޔަމަނުގެ އަލް މަހްރާ ޕްރޮވިންސާއި ހަޟްރަމައުތު ޕްރޮވިންސުގެ ސަރަހައްދުތަކެއް ހިފުމާއެކު ސައުދީ އަރަބިއްޔާއާއެކު ނުތަނަވަސްކަމެއް އުފެދިފައިވަނިކޮށް ރާއްޖެއިން އޮތީ، ސައުދީން ވާގިވެރިވާ، ބައިނަލްއަގްވާމީ ދުނިޔެ ބަލައިގަންނަ ސަރުކާރާއެކު ކަމަށް ރާއްޖޭގެ ޚާރިޖިއްޔާއިން މިއަދު ބުނެފިއެވެ.
ހަޟްރަމައުތު ޕްރޮވިންސާއި، އަލް މަހްރާ ޕްރޮވިންސަކީ ސައުދީ އަރަބިއްޔާއާ ބޯޑަރު ހިއްސާކުރާ ދެ ޕްރޮވިންސެވެ. ސައުދީން ބުނެފައިވާ ގޮތުގައި އެސްޓީސީގެ ބާރު އެ ސަރަހައްދުތަކުގައި އިތުރުވުމަކީ އެ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެކެެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޔަމަނުގެ މަސްރަހު ރާއްޖެއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ޔަމަނުގައި އޮތް ގާނޫނީ ސަރުކާރާއެކު ރާއްޖެއިން ދެމިއޮތްކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުން ދޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ރާއްޖޭން ވަނީ، ސައުދީން ބަލައިގަންނަ، ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލް (ޕީއެލްސީ)ގެ ފަރާތުން މަޝްވަރާތަކަށް ދައުވަތު ދިނުމުން މަރުހަބާ ކިޔައިފައެވެ. އަދި ސައުދީ އަރަބިޔާއިން، އެ ގައުމުގެ ވެރިރަށް ރިޔާދުގައި އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހުށަހެޅުމުން އެ ކަމަށް ވެސް މަރުހަބާ ކިޔައިފައެވެ. އަދި އެއީ މަޝްވަރާގެ އުސޫލު އިސްކޮށް، ސައުދީން ޔަމަނުގެ ސަލާމަތާއި ހަމަޖެހުން ކަަށަވަރުކުރުމަށް ދޭ އިސްކަން ހާމަވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
ޔަމަނުގެ އެކި ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ އެކި ޖަމާއަތްތަކުންނެވެ. އެގޮތުން ޔަމަނުގެ ވެރިރަށް ސަނާ ހިމެނޭހެން އުތުރުގެ ސަރަހައްދަކީ 1990ގެ ތެރޭ އުފެދުނު ހަތިޔާރު އެޅި ޖަމާއަތެއްކަމަށްވާ ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ. ސައުދީ އަރަބިއްޔާއާ ހިއްސާކުރާ ޔަމަނުގެ ބޯޑަރު ސަރަހައްދުގެ ބޮޑު ކޮންޓްރޯލެއް ވެސް އޮންނަނީ ހޫތީންގެ އަތްދަށުގައެވެ.
ދެހާސް ސާދަވަނަ އަހަރު ހޫތީން ސަނާ ހިފުމާއެކު އެއިރުގެ ރައީސް އަބްދުރައްބޫ މަންސޫރު ހާދީ ޔަމަނުން ފިއްލަވައިވަޑައިގަތެވެ. އެއާއެކު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ވެއްޓުނެވެ. ހޫތީންނަކީ އިރާނުން ވާގިވެރިވާ ޖަމާއަތެކެވެ. ސައުދީން ވާގިވެރިވާ ޖަމާއަތްތަކާ ހަނގުރާމަކުރަމުން އަންނަތާ އެތައް އަހަރެއްވީ ނަމަވެސް އަދިވެސް ޔަމަނުގެ އުތުރުގެ ބޮޑު ސަރަހައްދެއް އޮތީ ހޫތީންގެ ބާރުގެ ދަށުގައެވެ.
ދުނިޔެ ބަލައިގަންނަ ޔަމަނުގެ ސަރުކާރަކީ 2022ވަނަ އަހަރު އުފެދުނު "ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލް" (ޕީއެލްސީ) އެވެ. ނަމަވެސް ޕީއެލްސީގެ ބާރުގެ ދަށުގައި އޮތީ ޔަމަނުގެ ވަރަށް ކުޑަ ސަރަހައްދެކެވެ. މިއީ ސައުދީ އަރަބިއްޔާއާއި ވާގިވެރިވާ، ދުނިޔެ ބަލައިގަންނަ ސަރުކާރެވެ. ޕީއެލްސީން ބުނާ ގޮތުންނަމަ އެ ޖަމާއަތުގެ ބޭނުމަކީ ސުލްހަ ގާއިމްކޮށް އަލުން ޔަމަނު އާރާސްތުކުރުމެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ތިންވަނަ ޖަމާއަތަކީ "ސަދަން ޓްރާންސިޝަނަލް ކައުންސިލް" (އެސްޓީސީ) އެވެ. އެސްޓީސީއަކީ 2017ވަނަ އަހަރު އުފެދުނު ވަކިވެގަތުމުގެ ހަރަކާތެކެވެ. އެސްޓީސީގެ މައިގަނޑު ބޭނުމަކީ ޔަމަނުގެ ދެކުނުގައި، އަމިއްލަ މިނިވަން ވަކި ދައުލަތެއް ގާއިމްކުރުމެވެ. އެއް ގައުމެއްގެ ގޮތުގައި 1990ގައި ކަނޑައެޅުމުގެ ކުރިން ޔަމަނަކީ ދެ ގައުމެކެވެ. އެއީ އުތުރު ޔަމަނާއި، ދެކުނު ޔަމެނެވެ.
އެސްޓީސީއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ވާގިވެރިވާ ޖަމާއަތެކެވެ. އެސްޓީސީއާއި، އެ ޖަމާއަތަށް ވާގިވެރިވާ ފަރާތްތަކުން ބޭނުންވަނީ ޔަމަނުގެ މައި ބަނދަރުކަމަށްވާ އާދެންއާއި، އެ ބަނދަރު ވަށައިގެން ހުރި ޕްރޮވިންސްތަކާއި، ޔަމަންގެ އިރުމަތީ ސަރަހައްދުގެ ބާރުވެރިކަން ހޯދާށެވެ. އެ ކަމަށް ޓަކައި އެ ޖަމާއަތަށް ބޭނުންވާ ފައިސާއާއި، އަސްކަރީ ތަމްރީންތައް ޔޫއޭއީން ފޯރުކޮށްދެއެވެ.