އެމެރިކާއިން މުލައްދަނޑީގެ ބާރު ބޭނުންކޮށްގެން ވެނެޒުއެލާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަނެ، އެ ގައުމަށް ހަމަލާދީ، ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ވަގަށް ނެގުމުން ދޭހަވަނީ އެމަރިކާއަކީ ގާނޫނަށް ބޯނުލަނބާ، ޖަންގަލީގެ އުސޫލު ގެންގުޅޭ ރޯގް ސްޓޭޓެއް ނުވަތަ ނާތަހުޒީބު ގައުމެއް ކަމަށް ދުނިޔޭގެ މީޑިއާތަކުންނާއި ބައެއް ގައުމުތަކުން ބުނެފިއެވެ.
ލެޓިން އެމެރިކާގެ ބައެއް ގައުމުތަކާއި އެފްރިކާގެ ގިނަ ގައުމުތަކާއި ޗައިނާ، ރަޝިއާ، އުތުރުކޮރެއާ އަދި އީރާން ފަދަ އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމުތަކުގެ މީޑިއާތަކުން އެމެރިކާ ސިފަކޮށްފައި ވަނީ، 18 ވަނަ ގަރުނާއި 19 ވަނަ ގަރުނުގައި ހުޅަނގުގެ އިސްތިއުމާރީ ބާރުތައް އުޅުނު އަނިޔާވެރި ގޮތަށް އުޅެމުންދާ ގައުމެއްގެ ގޮތުގައެވެ. އަދި ގަވައިދާއި ގާނޫނުގެ ބަދަލުގައި މުލައްދަނޑީގެ ބާރު ބޭނުންކޮށްގެން ކަންކަން ކުރުމުގެ އާދަ ހިފާފައިވާ ޖަންގަލީގެ އުސޫލު ގެންގުޅޭ ގައުމެއްގެ ގޮތުގައެވެ.
މި ގައުމުތަކުގެ ބައެއް ނޫސްތަކުގައި އެމެރިކާ ސިފަކޮށްފައި ވަނީ ދުނިޔޭގެ އަމަނާއި ސުލްހައަށް އޮތް އެންމެ ބޮޑު ބިރުކަމުގައެވެ.
އެމެރިކާ ގޮތަށް މުލައްދަނޑީގެ ބާރުން މީގެކުރިން ކަންކަންކުރި ކުރީގެ ޔޫރަޕްގެ އިސްތިއުމާރީ ބާރުތައް ނުވަތަ އެންޕަޔާތައް ބަލިކަށިވެގެން ދިޔަ ގޮތަށް އެމެރިކާ ވެސް ބަލިކަށިވެގެން ދާނެކަމަށާއި، މިއީ ދުނިޔޭގެ ހަމަކަމަށް ގައުމުތަކުން ބުނެފައިވެއެވެ.
އަނިޔާވެރިކަން ކުރިޔަށްނެރެ، މުލައްދަނޑީގެ ބާރު ބޭނުންކޮށްގެން މިއަދު ކަންކަން ހާސިލް ކުރެވުނު ނަމަވެސް މާދަމާ އެ ހާލަތު ގެއްލިގެން ދާނެކަން އެމެރިކާ ހަނދާންކުރަން ޖެހޭނެ ކަމަށް އީރާނާއި އުތުރުކޮރެއާ އަދި ކިޔުބާފަދަ ގައުމުތަކުގެ ނޫސްތަކުން ބުނެފައިވެއެވެ.
ވެނެޒުއެލާ ފަދަ އެމެރިކާއާ އަޅާބަލާއިރު އަސްކަރީ ބާރުވެރިކަން ކުޑަ ގައުމުތަކާ ދެކޮޅަށް އެމެރިކާ މިގޮތަށް އެކި ބަހަނާތައް ދައްކައި, މުލައްދަނޑީގެ ބާރު ބޭނުންކުރި ނަމަވެސް އެމެރިކާއަކީ އެ ގައުމަށް ރައްދު ދެވޭފަދަ އެއްވެސް ގައުމަކާ ދެކޮޅަށް ކަމެއް ކުރަން ނުކެރޭ ވަރަށް ފިނޑި ގައުމެއްކަން ވެސް މި ނޫސްތަކުގައި ބަޔާން ކޮށްފައިވެއެވެ.
އުތުރު ކޮރެއާގެ ރަސްމީ މީޑިއާއިން ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައި ވަނީ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން ބޭނުންވާނަމަ އަދި އެމެރިކާގެ ބާރާއި ނުފޫޒުން ސަލާމަތްވެފައިވާ މިނިވަން މުސްތަގިއްލު ސިޔާސަތެއް ގެންގުޅެން ބޭނުންނަމަ ނިއުކްލިޔާ ހަތިޔާރު ފަދަ އަސްކަރީ ޑިޓަރެންސެއް ގާއިމް ކުރުމަށެވެ.
ހަމައެއާއެކު އުތުރުކޮރެއާގައި ނިއުކްލިޔާ ޑިޓަރެންސް ނެތްނަމަ ކޮލަންބިއާއަށް ޖެހުނު ހާލު އެ ގައުމަށް ޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް އެ ގައުމުގެ ރަސްމީ މިޑިއާއިން ބުނެފައިވެއެވެ.
އެމެރިކާއިން އިއްޔެ ވެނެޒުއެލާއަށް ހަމަލާދީ، އަސްކަރީ ގޮތުން އަރައިގަނެ، އެ ގައުމުގެ އެތައް ތަނަކަށް ބޮންއަޅައި ބޮޑެތި ގެއްލުންތަކެއްދީ، އެތަށް ބަޔަކު މަރާލުމަށްފަހު އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ވަނީ ކިޑްނެޕްކޮށްގެން އެމެރިކާގެ އަސްކަރީ މަނަވަރަކަށް ގެންގޮސްފައެވެ.
ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ވެނެޒުއެލާގެ ސިޔާދަތަށް އެމެރިކާ އަރައިގަތް މައްސަލަ ކުށްވެރިކޮށްފައި ވަނީ ލެޓިން އެމެރިކާގެ ބައެއް ގައުމުތަކާއި އެފްރިކާގެ ގިނަ ގައުމުތަކާއި ޗައިނާ، ރަޝިއާ، އުތުރު ކޮރެއާ އަދި އީރާން ފަދަ ގައުމުތަކުންނެވެ.
ނަމަވެސް ބައިނަލްއަގްވާމީ ގާނޫނާއި ގަވާއިދަށް އިހުތިރާމް ކުރުމަށް އެހެން ގައުމުތަކަށް ގޮވާލައި، ޔޫރަޕްގެ ގައުމުތަކުން އެމެރިކާގެ މި ޣައިރު ގާނޫނީ އަމަލު ކުށްވެރި ކުރުމަށް ވަނީ ފަސްޖެހިފައެވެ.
ޔޫރަޕްގެ އެއްވެސް ގައުމަކުން އެމެރިކާގެ މި އަމަލު ކުށްވެރިކޮށްފައި ނުވާއިރު ޔޫރަޕްގެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ހަމައެކަނި ބުނެފައިވަނީ ހުރިހާ ގައުމަކުން ވެސް ބައިނަލްއަގްވާމީ ގާނޫނުގެ އުސޫލުތައް ދަމަހައްޓަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ދުނިޔޭގައި އަމަން އަމާންކަން ގާއިމް ނުކުރެވޭނެ ކަމަށެވެ.
އެމެރިކާއިން ދުނިޔޭގައި ހިންގާ ޖަންގަލީގެ އަމަލުތަކުގައި އާންމުކޮށް ބައިވެރިވާ ކުރީގެ އިސްތިއުމާރީ ބާރުކަމަށްވާ އިނގިރޭސިވިލާތުން ބުނެފައިވަނީ އެމެރިކާގެ މި އަމަލުގައި އެގައުމުގެ އެއްވެސް ދައުރެއް މިފަހަރު ނޯންނާނެ ކަމަށެވެ. އަދި ފަރަންސޭސީވިލާތުން ބުނެފަ އިވަނީ ވެނެޒުއެލާގެ ކަންކަން ނިންމަންޖެހޭނީ އެގައުމުގެ ރައްޔިތުންކަމަށާއި ބޭރުގެ ފަރާތްތަކުން ނޫން ކަމަށެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާއިން ވެނެޒުއެލާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަން ހަރުކަށި ގޮތެއްގައި ކުށްވެރިކުރާ ކަމަށެވެ. ޗައިނާއާއި އުތުރުކޮރެއާ، އީރާނާއި، ކެމްބޯޑިޔާއާއި ލެޓިން އެމެރިކާގެ އެތަށް ގައުމަކުން ވަނީ އެމެރިކާގެ މި ނާތަހުޒީބު އަމަލު ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ.
އެމެރިކާއިން ވެނެޒުއެލާގެ މިނިވަންކަމާއި އިސްތިގްލާލާއި ސިޔާދަތަށް އަރައިގަނެ އެ ގައުމުގެ ރައީސް ވަގަށް ނެގުމަކީ ތަހުޒީބު ދުނިޔޭގެ ހަމަތަކާއި އދ ގެ ޗާޓަރާ ޚިލާފު އަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އަވަހަށް ބޭއްވުމަށް ވެސް މީގެ ތެރެއިން ބައެއް ގައުމުތަކުން ވަނީ ގޮވާލައިފައެވެ.
އެމެރިކާގެ ބޭނުމަކީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ވެނެޒުއެލާގައި އުފައްދައިގެން އެމެރިކާގެ ކުންފުނިތަކުގެ އަތްދަށަށް ވެނެޒުއެލާގެ ތެލާއި ގުދުރަތީ މައުދަންތައް ގެނައުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ. އަދި އެމެރިކާއިން ވެނެޒުއެލާއާ ޖައްސާލައި، އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ 2007 ވަނަ އަހަރު ވެނެޒުއެލާގެ އޭރުގެ ސަރުކާރުން އެގައުމުގެ ތެލުގެ އިންޑަސްޓްރީ ނެޝަނަލައިޒް ކުރުމާއެކު އެމެރިކާގެ ކުންފުނިތަކުގެ ބާރު އެ ގައުމުން ކެނޑުމާ ގުޅިގެންނެވެ. ނެޝަނަލައިޒް ކުރުމުގެ ކުރިން ވެނެޒުއެލާގެ ތެލުގެ އާމްދަނީގެ 70 އިންސައްތަ ލިބެނީ އެމެރިކާގެ ކުންފުނިތަކަަށެވެ. ވެނެޒުއެލާގެ ސަރުކާރަށް ލިބެނީ ތެލުގެ އާމްދަނީގެ އެންމެ 30 އިންސައްތައެވެ.
ތެލުގެ މުއްސަނދިކަމާއެކު ވެސް ވެނެޒުއެލާގެ އިގްތިސާދު ދަށަށް ދިޔައީ އެމެރިކާއިން އެ ގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ އަދި ވެނެޒުއެލާގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އެމެރިކާ ޒަމާންތަކެއް ވަންދެން ހުރަސްއެޅުމުންނެވެ. އަދި އެމެރިކާގައިވާ ވެނެޒުއެލާގެ މުދާތައް ހިފެހެއްޓުމާއެކު ސްވިފްޓް މާލީ ނިޒާމުން ވެނެޒުއެލާ ބޭރުކޮށްލުމާ ގުޅިގެންނެވެ.