އެމެރިކާއިން ބޭނުންވާ ގޮތަށް ވެނެޒުއެލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ކަންކުރާނަމަ، އެމެރިކާ ސިފައިން ވެނެޒުއެލާގައި ނުބައިތިއްބާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް އެގޮތަށް ވިދާޅުވީ ވެނެޒުއޭލާ ހިންގުމަށް އެމެރިކާ ސިފައިން އެ ގައުމުގައި ހަރަކާތްތެރިވާނެތޯ ނިއު އޯކު ޕޯސްޓުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އަހަރެމެން ރޮޑްރިގޭޒްއާ އެތައް ފަހަރަކު ވާހަކަ ދައްކާފައި ވާނެ، އަދި އޭނާއަށް އެކަން ވިސްނޭ،" މީޑިއާ އަށް ޓްރަމްޕް ވިދާޅުވިއެވެ.
ވެނެޒުއޭލާގައި ސިޔާސީ ހަމަޖެހުން ގާއިމުވެ، ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ރައްކާތެރިކަމާ އެކު ފުރިހަމަކުރެވެންދެން އެ ގައުމު ހިންގާނީ އެމެރިކާއިން ކަމަށް، ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ވެނެޒުއެލާގެ ވަގުތީ ލީޑަރުގެ މަގާމަށް ރޮޑްރިގޭޒް ހުވާ ކުރައްވާފައިވާ ކަމަށް ވެސް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހަމަލާއަށް ފަހު ޓީވީން ދެއްކެވި ޚިޠާބުގައި ރޮޑްރިގޭޒް ވަނީ މަދޫރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޮރެސް ވަގުތުން މިނިވަން ކުރުމަށް ގޮވާލައި، މަދޫރޯ އަކީ ވެނެޒުއެލާގެ ހަމައެކަނި ރައީސްކަމަށް ވިދާޅުވެފައެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަޕޯޓަރަކު އޭނާ އާއި ވެނެޒުއެލާގެ ކުރީގެ ރައީސް ހޫގޯ ޗާވޭޒްގެ ފޮޓޯއެއް ހިފައިގެން. ފޮޓޯ/އޭއެފްޕީ
"މިތަނުގައި ސަރުކާރެއް އެބައޮތް، އަދި އަޅުގަނޑު ތަކުރާރު ކުރަން އަޅުގަނޑުމެން މިތިބީ އިހުތިރާމްގެ ގުޅުންތަކެއް ބާއްވަން ތައްޔާރަށް."
ޓްރަމްޕްގެ ވެރިކަމަށް އިޝާރާތް ކުރައްވައި ރޮޑްރިގޭޒް ވިދާޅުވިއެވެ. އެއީ ވެނެޒުއެލާއަށް ހަމަލާދިނުމަށްފަހު އަޅުގަނޑުމެން ގަބޫލުކުރާނެ ހަމައެކަނި ގުޅުން." ރޮޑްރިގޭޒް ވިދާޅުވިއެވެ.
ޓްރަމްޕް އަމުރު ކުރައްވައިގެން އެމެރިކާއިން މަދޫރޯއާއި އަނބަކަނބަލުން ހިފަހައްޓައި ގައުމުން ބޭރަށް ގެންދިޔައީ އިއްޔެ ރޭ ދަންވަރެވެ. އެ މިޝަން ކުރިއަށް ގެންދިޔުމަށް 150 އަށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓު ހިމެނޭ ގޮތަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއިން ހަމަލާ ދީފައި ވަނީ ވެނެޒުއޭލާއަށް ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހުއެވެ. އިންޒާރުދީފައި ވަނީ ވެނެޒުއޭލާއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގޭންގު މެންބަރުން އެމެރިކާއަށް ފޮނުވާ ކަމަށް ތުހުމަތު ކުރައްވައެވެ. އަދި އެކަމުގައި މަދޫރޯ ޝާމިލުވާ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވައެވެ.