ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އިސްކަމެއް ދެއްވައިގެން އެއްވެސް ރައީސަކު މަސައްކަތްނުކުރައްވާ: ސައީދު

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އިސްކަމެއް ދެއްވައިގެން އެއްވެސް ރައީސަކު މަސައްކަތްނުކުރައްވާ ކަމަށް ސައީދު ވިދާޅުވ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކުރިން އެއްވެސް ވެރިކަމެއްގައި، ކުދި ވިޔަފާރިތަކަށް މިހާރު އިސްކަންދޭ ވަރަށް އިސްކަންދީގެން މަސައްކަތް ނުކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު، 'ތަރުޖަމާނާއެކު'ގެ ނަމުގައި މިއަދު ޕޮޑްކާސްޓެއް ފައްޓަވައިފައިވާއިރު، ފުރަތަމަ މެހުމާނަކަށް ވަޑައިގަތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދެވެ.

އެ ޕޮޑްކާސްޓުގައި ސައީދު ވިދާޅުވީ، މިދިޔަ ޑިސެންބަރު މަހުގެ 17ގައި ރައީސް ކުދި ވިޔަފާރިތަކާ ބައްދަލުކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އެ ކަންބޮޑުވުންތަކުގެ ތެރޭގައި، މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކުންފުނިތަކާއި ކައުންސިލްތަކާ ވެސް ބައެއް ހާލަތްތަކުގައި ގުޅުންހުރި މައްސަލަތައް ހިމެނުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، ވިޔަފާރިވެރިން އެދުނު ގޮތަށް އެންމެ ލުއި ގޮތް ހަމަޖައްސަން ސީދާ ރައީސް އޮފީހުން ވެސް އެ ކަންކަމުގައި އިރުޝާދުތައް ދީފައިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"މީގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި މިހާ ފޯކަސްޑްކޮށް، މިހާ ނަތީޖާ ނެރެވޭ ގޮތަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ހަމަ އެއްވެސް ޒަމާނެއްގައި ހަމަޖެހިފައި އޮތް ކަމަކަށް، މިހާރު މިދަނީ މީގެ ނަތީޖާތައް ފެންނަމުން،" ސައީދު ވިދާޅުވިއެވެ.

ހީނާއާއި މިނިސްޓަރު ސައީދު: ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އިސްކަމެއް ދެއްވައިގެން އެއްވެސް ރައީސަކު މަސައްކަތްނުކުރައްވާ ކަމަށް ސައީދު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ވިޔަފާރިތަކަށް ލުއި ގޮތްތައް ހޯދައި ދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި، ކުދި ވިޔަފާރިތަކަށް ޓެކްސްގެ ލުއިތައް ދޭން މަސައްކަތް ކުރަން މީގެ ކުރިން ފިނޭންސް މިނިސްޓްރީން އިއުލާންކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ކަންތައްތަކުގައި ވެސް ގެންދަވަނީ މީރާއާ ވާހަކަދައްކައިގެން ވެސް ސީދާ ފިނޭންސް މިނިސްޓްރީން އެކަންކަމުގައި ހޯދޭނެ ލުއިތަކެއް ވަރަށް އަވަހަށް ތަންފީޒު ކުރަން ކަމަށް އެ އޮތީ ވިދާޅުވެފައި އެހެންވީމަ އިންތިޒާރު ކުރަމާ ހިނގާ އިރާދަކުރެއްވިއްޔާ އެކަމުގައި ވެސް ވަރަށް އަވަހަށް ގޮތްތަކެއް ހަމަޖެހިގެން އަންނާނެ،" ސައީދު ވިދާޅުވިއެވެ.

https://sun.mv/215492

ރާއްޖޭގައި ދަރަނި ބޮޑުވެފައިވާއިރު، މި ސަރުކާރުން މި އަހަރު ޚަރަދު ކުޑަ ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތަކާއެވެ. އޭގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް މަސައްކަތް ނުލިބި، ގެއްލުން ލިބުނުކަން ގިނަ ބަޔަކު ފާހަގަކުރިއެވެ.

މީގެ އިތުރުން، ސަރުކާރުން ވިޔަފާރިތަކަށް އެތައް ބިލިއަން ރުފިޔާއިން އޮތީ ދަރައިފައެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް ރައީސް މިދިޔަ އަހަރު ތެރޭ ދެ ތާރީޚެއް ދެއްވި ނަމަވެސް ފައިސާ ދެއްކިފައި ނުވެއެވެ. އެންމެ ފަހުން ރައީސް ވިދާޅުވެފައިވަނީ، އަންނަ ރޯދަމަހުގެ ކުރިން ފައިސާ ޚަލާސްކޮށް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް