އިމްރާން ޚާން ޖަލަށްލުމުން ކުރި މުޒާހަރާތަކާ ގުޅިގެން ޕާކިސްތާނު ނޫސްވެރިންތަކަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލަށް ލުމުން ހިނގި ހަމަނުޖެހުންތައް: އެ މުޒާހަރާތަކާ ގުޅިގެން ޕާކިސްތާނުގެ ނޫސްވެރިންތަކެއް އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި -- ފޮޓޯ/ އޭޕީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން 2023 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވެރިކަމަށް ބާރުއެޅި ކަމަށް ސާބިތުވުމުން ގިނަ އަދަދެއްގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ބައެއް މީހުންގެ މައްޗަށް އުމުރަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ހުކުމް އިއްވީ އެންޓި ޓެރަރިޒަމް ކޯޓުގެ ފަނޑިޔާރެއް ކަމަށްވާ ތާހިރު އައްބާސް ސިޕްރާއެވެ.

ކުށް ސާބިތުވި މީހުންގެ ތެރޭގައި މިހާރު ޔޫޓިއުބަރުންގެ ގޮތުގައި މަސައްކަތްކުރާ ސިފައިންގެ ކުރީގެ ދެ އޮފިސަރުން ކަމަށްވާ، އަދީލް ރާޖާއާއި ސައީދު އަކްބަރު ހުސައިންއާއި، ނޫސްވެރިން ކަމަށްވާ ވަޖަހަތު ސައީދު ޚާންއާއި ސާބިރު ޝާކިރު އަދި ޝާހީން ސެހްބައިއާއި ސޯޝަލް މީޑިއާ ކޮމެންޓޭޓަރުން ކަމަށްވާ ހައިދަރު ރަޒާ މެހްދީއާއި އެނަލިސްޓް މުއީދު ޕިރްޒާދާ ހިމެނެއެވެ.

ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުން ބޭރުގައި ދިރިއުޅެމުން އަންނަ ކަމަށް ބުނެ ދައުވާ ލިބޭ މީހުންގެ ތެރެއިން އެއްވެސް މީހަކު ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ.

އިއްޔެ ކުރި ހުކުމްގެ ދަށުން ކުށް ސާބިތުވާ ފަރާތްތަކަށް ހަތް ދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

ދައުވާ ލިބޭ އެއްވެސް މީހަކު ޕާކިސްތާނަށް އެނބުރި އައިސްފިނަމަ، އެމީހުން ހައްޔަރުކޮށް ޖަލަށް ލުމަށް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ.

ހުކުމް ކޮށްފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި އިމްރާން ޚާން ކުރު މުއްދަތަކަށް ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ބައެއް ސަޕޯޓަރުން އަސްކަރީ ވަސީލަތްތަކަށާއި ސަރުކާރުގެ މުދަލަށް ގެއްލުން ދީގެން ކޯޓަށް ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ.

އިމްރާން ޚާނަށް ތާއީދުކުރާ އާންމުން -- ފޮޓޯ/ ރޮއިޓާސް

އެ ހަމަނުޖެހުންތަކަށްފަހު، ޕާކިސްތާނުގެ ސަރުކާރާއި އަސްކަރިއްޔާއިން ވަނީ އިމްރާން ޚާންގެ ޕާޓީއާއި ޚިޔާލުތަފާތުވާ އަޑުތަކާ ދެކޮޅަށް ފިޔަވަޅު އަޅައި، އެންޓި ޓެރަރިޒަމް ގާނޫނުތަކާއި އަސްކަރީ ޝަރީއަތްތައް ބޭނުންކޮށްގެން ދައުލަތުގެ މުއައްސަސާތަކަށް ބާރުއެޅުމާއި ހަމަލާދިނުމުގެ ތުހުމަތު ކުރެވޭ އެތައް ސަތޭކަ ބަޔަކަށް ދައުވާކޮށްފައެވެ.

ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން ބުނާ ގޮތުގައި އެ ތަހުގީގުތަކަކީ ފާޑުކިޔައި ރިޕޯޓުތައް އާންމުކުރުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުން ކުރި ތަހުގީގުތަކެކެވެ.

"ކަމާބެހޭ ފަރާތްތަކުން ވަގުތުން މި ތަހުގީގުތައް ހުއްޓާލައި، މީޑިއާއަށް ބިރުދެއްކުމާއި ސެންސަރުކުރުން ހުއްޓާލަން ޖެހޭ،" ސީޕީޖޭ އޭޝިއާގެ ޕްރޮގްރާމް ކޯޑިނޭޓަރު ބެހް ލިހް ޔީ ވިދާޅުވިއެވެ.

ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ, ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ތެހްރީކް އިންސާފް (ޕީޓީއައި) ޕާޓީގެ 108 މެންބަރުން ޖަލަށް ލުމަށްވެސް މިދިޔަ އޮގަސްޓް މަހު ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ދެހާސް ތޭވީސްވަނަ އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން ސަލާމަތީ ބާރުތަކާއި ސަޕޯޓަރުންގެ މެދުގައި އަނިޔާވެރި ހަމަނުޖެހުންތަކެއް ހިނގައި، ސަޕޯޓަރުންގެ އެތައް ހާސް ބަޔަކު ސަރުކާރުގެ އިމާރާތްތަކަށާއި އަސްކަރީ އިންސްޓޯލޭޝަންތަކަށް ވަދެގަތެވެ. އެ މުޒާހަރާތަކުގައި ގާތްގަޑަކަށް ދިހަ މީހުން މަރުވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ އިމްރާން ޚާންގެ ޕާޓީއާ ދެކޮޅަށް އެކި ވަރުގެ ފިޔަވަޅުތައް އަޅާފައެވެ.

comment ކޮމެންޓް