ޕާކިސްތާނުން އަފްޣާނިސްތާން ހޮސްޕިޓަލަކަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފި

ޕާކިސްތާނުން ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނާ ކާބުލްގެ ހޮސްޕޓަލުން މަރުވި މީހުންގެ ހަށިތައް ނެރެނީ. ފޮޓޯ/އޭއެފްޕީ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުރި މަސްތުވާތަކެއްޗަށް ފަރުވާދޭ ހޮސްޕިޓަލަކަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވައިގެ ހަމަލާއެއް ދިން ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ތުހުމަތުކޮށްފިއެވެ. މި ހަމަލާގައި 400 މީހުން މަރުވެ، 250 މީހުން ޒަޚަމްވެފައިވާ ކަމަށް އަފްޣާން އޮފިޝަލުން ބުނެއެވެ. ނަމަވެސް، ޕާކިސްތާނުން މި ތުހުމަތުތައް މުޅިން ދޮގުކޮށް، އެ ގައުމުން ބުނާ ގޮތުގައި ހަމަލާތައް އަމާޒުކުރީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަށާއި ޓެރަރިސްޓް އިންފްރާސްޓްރަކްޗާތަކަށެވެ. މި ހާދިސާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބޯޑަރުގެ ނުތަނަވަސްކަމާއި، އެކަކު އަނެކަކަށް ކުރާ ތުހުމަތުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިނގި ހިތާމަވެރި ހާދިސާއެކެވެ.

  • ކާބުލްގެ ހޮސްޕިޓަލަކަށް ޕާކިސްތާނުން ހަމަލާދިން ކަމަށް އަފްޣާނިސްތާނުން ތުހުމަތު ކުރުން
  • މި ހަމަލާގައި 400 މީހުން މަރުވެ 250 މީހުން ޒަޚަމްވި ކަމަށް އަފްޣާނިސްތާނުން ބުނުން
  • ހޮސްޕިޓަލަކަށް ހަމަލާ ނުދޭ ކަމަށާއި އަމާޒުކުރީ އަސްކަރީ ތަންތަނަށް ކަމަށް ޕާކިސްތާނުން ދޮގުކުރުން
  • ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ އަދި އަސްކަރީ ނުތަނަވަސްކަން ބޮޑުވުން

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުރި, މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި ގާތްގަނޑަކަށް 400 މީހުން މަރުވެފައިވާ ކަމަށް އަފްޣާނިސްތަނުން ތުހުމަތުކޮށްފިއެވެ.

ޕާކިސްތާނުން ވަނީ އެކަން ދޮގުކޮށްފައެވެ. އެ ގައުމުން ބުނީ ހަމަލާ އަމާޒުކުރީ ކާބުލްއާއި ނަންގަހާރު ޕްރޮވިންސްގައި ހުރި އަސްކަރީ ތަންތަނަށް ކަމަށެވެ.

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ޑެޕިއުޓީ ތަރުޖަމާނު ހަމްދުالله ފިތުރާތު ވިދާޅުވި ގޮތުގައި ކާބުލްގެ އުމަރު އެޑިކްޝަން ޓްރީޓްމަންޓް ހޮސްޕިޓަލަށް ހަމަލާދީފައިވަނީ އަފްޣާނިސްތާނު ގަޑިން ރޭ ގާތްގަނޑަކަށް 9:30 ހާއިރުއެވެ.

އެ ހޮސްޕިޓަލަކީ 2،000 އެނދުގެ ހޮސްޕިޓަލެއް ކަމަށާއި، އެ ހަމަލާގައި އިމާރާތުގެ ބޮޑެތި ބައިތައް ހަލާކުވެފައިވާ ކަމަށް އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

"މިހާތަނަށް މަރުވި މީހުންގެ އަދަދު 400 އަށް އަރާފައިވާއިރު، ގާތްގަނޑަކަށް 250 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ. ރެސްކިއު ޓީމުތައް މިވަގުތު ދަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށް ބާކީ ތިބި މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަމުން." އޭނާ އިތުރަށް ވިދާޅުވިއެވެ.

އަފްޣާން ޓީވީ ސްޓޭޝަންތަކުން އާންމުކުރި ފޫޓޭޖްތަކުން ފެންނަ ގޮތުގައި އިމާރާތެއްގެ ތެރޭގައި އަލިފާން ނިއްވަން ފަޔާ ފައިޓަރުން މަސައްކަތް ކުރަމުންދާ މަންޒަރު ފެނެއެވެ.

މި ހަމަލާ ދީފައިވަނީ ބޯޑަރު ސަރަަހައްދުގައި ދެ ފަރާތުން ބަދަލު ކުރި ހަމަލާތަކުގައި އަފްޣާނިސްތާނުގެ ދެ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފައިވަނިކޮށެވެ.

އަފްޣާން ސަރުކާރުގެ އެހެން ތަރުޖަމާނެއް ކަމަށްވާ ޒަބީހުالله މުޖާހިދު ވަނީ ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރިކުރައްވައި، ޕާކިސްތާނުން އަނެއްކާވެސް އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދާއި ހިލާފުވެ، ކާބުލްގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ހޮސްޕިޓަލަކަށް ހަމަަލާ އަމާޒުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަފްޣާނިސްތާން ސަރުކާރުން ދެކޭ ގޮތުގައި އެފަދަ އަމަލުތަކަކީ ގަބޫލުކުރެވޭ ހުރިހާ އުސޫލުތަކާ ހިލާފު އަމަލުތަކެއް ކަމަށާއި އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ތަރުޖަމާނު މުޝައްރަފް ޒައިދީ ވަނީ ކާބުލްގެ އެއްވެސް ހޮސްޕިޓަލަކަށް ހަމަލާ އަމާޒުކޮށްފައި ނުވާނެ ކަމަށާއި އެ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށް ވިދާޅުވެ އެކަން ދޮގު ކުރައްވާފައެވެ.

އެކްސްގައި ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހަމަލާ އަމާޒުކުރީ އަފްޣާނިސްތާނުގެ ތާލިބާނުންގެ ޓެކްނިކަލް އިކުއިޕްމަންޓް ރައްކާކުރުމާއި ވަޒަން ރައްކާކުރުން ހިމެނޭ ގޮތަށް އަސްކަރީ ތަންތަނަށާއި ޓެރަރިސްޓް ސަޕޯޓް އިންފްރާސްޓްރަކްޗާތަކަށް ކަމަށެވެ. އަދި އެ ފެސިލިޓީތައް ބޭނުން ކުރަމުންދަނީ ޕާކިސްތާނުގެ މައުސޫމް އާންމުންނާ ދެކޮޅަށް ކަމަށް ވެސް ބުނެފައިވެއެވެ.

ޕާކިސްތާނުން ހަމަލާ އަމާޒުކޮށްފައި ވަނީ "ކޮލެޓަރަލް ގެއްލުމެއް ނުލިބޭނެ ގޮތަށް ސީދާ އަދި ފަރުވާތެރިކަމާއެކު" ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެެއެވެ.

އަފްޣާނިސްތާނުގެ ތާލިބާނުންގެ ވެރިކަމުން ޕާކިސްތާނުގެ ސަލާމަތީ ފަރާތްތަކާއި ގައުމުގެ އާންމުންނަށް އަމާޒުކޮށް ހަމަލާ ދޭ، ޕާކިސްތާން ތާލިބާނުން ކަމަށްވާ، ތެހްރީކޭ ތާލިބާނުންނަށާއި ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޫޗް ޖަމާއަތްތަކާއި އެހެނިހެން ޖަމާއަތްތަކަށް ހިމާޔަތް ދޭ ކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ. ނަމަވެސް އަފްޣާނިސްތާނުން އެކަން ދޮގުކުރެއެވެ.

ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ފެށިފައިވަނީ މިދިޔަ މަހު ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ޕާކިސްތާނުން ބުނި ގޮތުގައި އެ ހަމަލާ ދިނީ ހަތިޔާރުއެޅި ޖަމާއަތްތަަކަށް އަމާޒުކޮށެވެ. ⁠އަފްޣާނިސްތާނުން ވަނީ އެ ހަމަލާތަކަކީ އެގައުމުގެ އިސްތިޤްލާލާ ޚިލާފު ކަމެއް ކަމަށް ބުނެ ⁠ރައްދުގައި ހަމަލާ ދޭން ފަށާފައެވެ.

comment ކޮމެންޓް