މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު މަރުހަބާ ކިޔައިފިއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި، މި އަހަރުގެ ފުރަތަމަ ފަސިންޖަރުގެ ލަގަބު ހޯދައިފައިވަނީ އެތިހާދު އެއާވޭސްއިން ރާއްޖެ އައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާއެވެ.
އުމުރުން 54 އަހަރުގެ އެ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ އަންހެނުންނާއެކު ކަމަށްވާއިރު، މިއީ އެ ދެމަފިރިން ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށް އެ ކުންފުނިން ބުންޏެވެ.
ތޯމަސްއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް އޭރިއާގައި ވަނީ ޚާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި ތޯމަސްއަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގުއެވެ.

މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއާއި އޭނާގެ އަންހެނުންނަށް މަރުހަބާ ކިޔުން -- ފޮޓޯ/ އެމްއޭސީއެލް
މި ހަފުލާގައި ތޯމަސްއަށް އެމްއޭސީއެލްގެ ފަރާތުން ޚާއްސަ ހަދިޔާއެއް ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލްގެ އަބަދުވެސް އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކާއި، އެއާޕޯޓްތަކުން ޚިދުމަތް ހޯދާ ހުރިހާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން، މިދިޔަ އަންގާރަ ދުވަހާ ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މުޅި އަހަރު ތެރޭ، އެހާތަނަށް ރާއްޖެއަށް 2.24 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އޭގެ ތެރެއިން އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިން ކަމަށްވާއިރު، ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖަރުމަނުންނެވެ.