މި އަހަރު ވާނީ، ރައްޔިތުންގެ އެދޭ އަމާޒަށް ވާސިލުވުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބު ހާސިލުކުރާނެ އަހަރަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އައު އަހަރުގެ ތަހުނިޔާ ފޮނުއްވައި، އެ މަނިކުފާނު ފޮނުއްވި ޚިތާބުގައި ވިދާޅުވީ، އައު އަހަރެއްގެ ފެށުމަކީ، ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތު ކަމަށެވެ.
މި އަހަރު ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭނެ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚު ކަމަށެވެ.
މިގޮތުން، އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ، އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ނިންމާފައިވާކަން ރައީސް ކުރިން ވަނީ ހާމަކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހަންޏާމީދޫގައި: ވިދާޅުވީ، މި އަހަރު ވާނީ ރައްޔިތުން އެދޭ އަމާޒަށް ގެންގޮސް ދިނުމުގައި އިތުރު ކާމިޔާބީ ހާސިލުކުރާނެ އަހަރަކަށް ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
"މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށެވެ" ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުން، އެއް އަހަރަށް ވުރެ ގިނަ ކުރިއެރުންތައް އަނެއް އަހަރު ހޯދޭތޯ ގަދައަޅާ މަސައްކަތް ކުރުމަކީ، އެންމެ ކުރިން ފެށިގެން މިއަދާ ހަމައަށް ފެންނަ އޮތް ހަގީގަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިގޮތުން، ޤައުމުގެ ތަމައްދުނާއި ތަރައްޤީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް، ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކު ދިވެހީން ހިތްވަރުކުރާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
އިތުރަށް އެ މަނިކުފާނު ވިދާޅުވީ، ދިވެހީން އަބަދުސް ދެމިތިބޭނީ، އެ ރޫޙާއި ވިސްނުމުގައި ކަމަށެވެ.
ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ޤައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ޤާބިލް ދިވެހި ދަރީންތަކެއްވެސް ބިނާކޮށްދިނުން ކަމަށާއި ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ނުކުމެ، ކަނޑައަޅައިފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ،
ރައީސްގެ ޚިތާބު ނިންމަވާލެއްވީ، ގައުމަށްޓަކައި ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުމަށާއި އަހަރަކަށް ވުރެ އަހަރެއް، އުފާވެރިކަމުގައި ރާއްޖެ ދެމެހެއްޓުން އެދި ދުއާކުރައްވަމުންނެވެ.
ނިމިދިޔަ އަހަރު ފެށުމުގެ ކުރިން ރައީސް ވިދާޅުވީ އެ އަހަރު ވެގެން ދާނީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގާނެ އަހަރަށް ކަމަށެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ އެކަމަށް ޚާއްސަ ކުރި ބަޖެޓުން ބޮޑު ބައެއް ހަރަދު ނުކޮށް, މާ ބޮޑެތި މަޝްރޫއުތަކެއް ނުފެށިއެވެ. ނަމަވެސް މުސާރައާއި އެހެނިހެން ރިކަރަންޓް ހަރަދުތައް ވީ ބޮޑެވެ.