ބިދޭސީންނަށް ދާއިމީ ކޯޓާ ދޭ އުސޫލު ބަދަލުކޮށްފި

ބިދޭސީންތަކެއް: ވިޔަފާރިތަކުގައި ބިދޭސީން އަތްގަދަކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައި --- ފޮޓޯ/ އިމިގްރޭޝަންސް

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދިވެރިކޮށް ހޯމް މިނިސްޓްރީއިން, ދާއިމީ ކޯޓާ ދޫކުރާ އުސޫލުތަކަށް ބަދަލުތަކެއް މިއަދު ގެނެސްފައެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ މާދަމާއިން ފެށިގެން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ވޯކް ސައިޓް ރަޖިސްޓްރީ ކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިގުރާރު ހުށަހެޅުމުން ކަމަށެވެ.

އެ ފޯމު އަދި އިގުރާރު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖުގައި ވަނީ ހިމަނައިފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ ވޯކް ސައިޓް ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ލިޔެކިއުންތަކުގެ އިތުރުން މިނިސްޓްރީން އިތުރަށް ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި އިތުރު ކަންތައްތައް ބަލާނެ ކަމަށެވެ. އޭގެ ތެރޭގައި ސައިޓް ރަޖިސްޓްރީ ކުރަނީ ކުއްޔަށް ހިފާތަނެއްގައި ކަމުގައިވާ ނަމަ، ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ މިހާރު ދާއިމީ ކޯޓާ ދޫކުރެވި ރަޖިސްޓަރީކޮށްފައިވާ ސައިޓްތަކުގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން، އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިގުރާރު، ރަޖިސްޓަރީކޮށްފައިވާ ސައިޓުގެ "ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް" ނުވަތަ "ސައިޓް ޕާމިޓް އަޕްޑޭޓް" މެދުވެރިކޮށް ހުށަހެޅުމަށް ވަޒީފާ ދޭ ފަރާތްތަކަށް އަންގައިފައެވެ. އެ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގަވާއިދަށް ފެއްތުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް