އަވައްޓެރި އިންޑިއާއަށް ނިސްބަތްވާ ޚާލިދު ރާއްޖެއަށް ޓީޗަރެއްގެ ވަޒީފާއަށް އައީ ކޮވިޑުގެ ދުވަސްވަރު 2020ވަނަ އަހަރެވެ. ލ. މާމެންދޫ ސްކޫލަށް އަރަބި ޓީޗަރެއްގެ ވަޒީފާއަށް އޭނާ އައީ، އޭނާގެ ދިރިއުޅުމަށް ޓަކައި އަމިއްލަ ގައުމުގައި ކުރަން ރޭވި ފޮނި ހުވަފެންތަކެއްގައި ކުލަ ވެސް ޖެއްސުމުގެ އުންމީދުގައެވެ.
އަމިއްލަ ގައުމުގައި ރަނގަޅު ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ފަހިކުރުމަށްފަހު، މީގެ ތިން މަސް ކުރިން ސްކޫލުން ވަކިވާން އޭނާ އެދުނެވެ. އިއްޔެއަކީ އެ ތިން މަސް ހަމަވެ، ރަށުން ފުރަން ޖެހުނު ދުވަހެެވެ. ނަމަވެސް އިއްޔެ، އޭނާ މާމެންދޫއިން ފުރައިގެން ދިޔައީ، ޔަގީނުން ވެސް ދާ ހިތަކުން ނޫނެވެ. ރަށުން ފުރީ އުފަލާއި ހިތްދަތިކަމުގެ ކަރުނަ ދޫކުރަމުންނެވެ.
ޚާލިދު ސްކޫލުން ވަކިވެ، އިންޑިއާއަށް އެނބުރި ދާން އުޅޭކަމުގެ ޚަބަރު ލިބުމާއެކު އޭނާ ކިޔަވައިދޭ ކްލާހުގައި ތިބި ދަރިވަރުންގެ ފަރާތުން ވެސް ފެނުނީ މަޑުމޮޅިކަމެވެ. ބައެއް ދަރިވަރުންނަށް ރޮވެން ވެސް ރޮވުނެވެ.
އެއާއެކު ހުރިހާ ދަރިވަރުންނާއި، ސްކޫލުގެ މުދައްރިސުން އެކުވެ، ޚާލިދަށް ވަދާއީ ސަލާމް ކުރަން ރަށު ބަނދަރަށް ވެސް އެއްވިއެވެ. ބަނދަރުމަތީ، ދަރިވަރުންނާ ސަލާންކުރަމުންދިޔައިރު، ބައެއް ދަރިވަރުން ދިޔައީ އޭނާގެ "އޮޓޯގްރާފް"އަކަށް އެދި ކަރުދާސްކޮޅުކޮޅާއި ގަލަން ވެސް ދިއްކުރަމުންނެވެ.
އެއާއެކު އޭނާ ކިޔަވައިދިން ދަރިވަރުން އޭނާ ވަށައިލައި، ކުރި ވަދާއީ ސަލާމާއި، "އޮއްސައިލި" ލޯތްބާއެކު ދެން ފެނުނީ ޚާލިދަށް ވެސް ރޮވުނު މަންޒަރެވެ. ޚާލިދު އިއްޔެވަނީ އެ ރަށުން ފުރައިފައެވެ.

ބަނދަރުމަތީ ދަރިވަރުންތަކެއް ޚާލިދުގެ އޮޓޯގްރާފް ހޯދަނީ. އަދި ދަރިވަރުން ޚާލިދު ވަށައިލުމާއެކު، އޭނާއަށް ވެސް ވަނީ ރޮވިފައި --
"ސަން"އާ ވާހަކަދައްކަވަމުން މާމެންދޫ ސްކޫލުގެ ޕްރިންސިޕަލް އަސްލަމް މުހުތާދު ވިދާޅުވި ގޮތުގައި ޚާލިދަކީ ނަމޫނާ ޓީޗަރެކެވެ. އޭނާއަކީ މިސްކިތުން އަބަދުވެސް ފެންނަ، ދީނީ ކަންކަމަށް ކަމޭހިތާ އަޚްލާގު ރަނގަޅު ޓީޗަރެކެވެ.
ހަމައެއާއެކު ޚާލިދަކީ އުނގަންނައިދިނުމުގައި ވެސް ނަމޫނާ އުކުޅުތަކެއް ގެންގުޅުނު ޓީޗަރެއް ކަމަށް އަަސްލަމް ވިދާޅުވިއެވެ.
"އޭނާގެ އެންމެ ރަނގަޅު ކަމަކީ، ހަމަ ކިޔަވައިދިނުމުގައި ވަރަށް ކުދިންނާ ގުޅޭ. އެންޓަޓައިންކޮށް، ކުދިން ބައިވެރިކޮށްގެން، ސްޓޫޑަންޓް ސެންޓާޑް ލާނިން ސްޓައިލެއް ގެންގުޅޭނީ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ފާހަގަކުރެއްވި ގޮތުގައި، ޚާލިދުގެ ވަކިވުމަކީ ސްކޫލަށާއި ދަރިވަރުންނަށް ފާހަގަވާނެ އުނިކަމެކެވެ.
ބިދޭސީ ޓީޗަރުންނާ މެދު އިހާނެތިކޮށް ހިތަމުން އަންނަކަމުގެ މަދު ޚަބަރުތަކެއް ނަމަވެސް ފެންމަތިވަމުން އަންނަ މި ދަނޑިވަޅުގައި، ދިވެހި ދަރިވަރުންގެ ފަރާތުން ފެނުނު މި މަންޒަރަކީ މުޅި މުޖުތަމައުއަށް ވެސް ތަސައްލީއެކެވެ.
މިއީ އަދިވެސް ދިވެހި ދަރިވަރުން ބިދޭސީ ޓީޗަރުންގެ މަސައްކަތް އަގުވަޒަންކުރާކަމުގެ ހެއްކެކެވެ. އެ މީހުން ފޯރުކޮށްދޭ އިލްމަށް ޓަކައި ޝުކުރުވެރިވާ ކަން ވެސް ހާމަވާ ކަމެކެވެ. އަދި މުދައްރިސުންނަށް އޮތް އިހުތިރާމް ފެންނަ މިސާލެއް ވެސް މެއެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މުދައްރިސުން ކިޔަވައިދެމުން އަންނައިރު، ކޮންމެ ދިވެހި ދަރިވަރެއްގެ ތައުލީމީ ހަޔާތުގައި ވެސް އެ ޓީޗަރުން މުހިންމު ދައުރެއް އަދާކުރެއެވެ. ރާއްޖޭގައި މަސައްކަތްކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ބިދޭސީ ޓީޗަރުން ވެސް އުޅެއެވެ.