ވަޅިން ހަމަލާދިނީ ނަފްސާނީ ބަލި ހުންނަ ކޮއްކޮއަށް، ބުނީ ގަސްދުގައި ނޫން ކަމަށް

ކުރިން މާރާމާރީ ހިންގި ހިސާބެއް ފުލުހުން ބަންދުކޮށްފައި ---- ސަން ފޮޓޯ: މުހައްމަދު ސިމާއު

މާލޭގައި މިދިޔަ ހޯމަ ދުވަހު, ދެބެންގެ ދެމެދުގައި ހިންގި މާރާމާރީގައި ބޭބެ ވަޅިން ހަމަލާދިނީ ނަފްސާނީ ބަލި ހުންނަ ކޮއްކޮއަށް ކަމަށް ކޯޓުގައި ބުނެފިއެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ, މާލޭ ގެއެއްގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު 18:42 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އެ ހަމަލާގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހައިފައެވެ.

ފުލުހުން ކޯޓުގައި ބުނީ އޭނާ ވަޅިން ހަމަލާދީ ޒަހަމުކޮށްލާފައިވަނީ އޭނާގެ ކޮއްކޮ ކަމަށެވެ. މި ބާވަތުގެ މައްސަލައެއް މިއަހަރުގެ އޮކްޓޫބަރު މަހު ވެސް ހިންގާފައިވާއިރު އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ވަނީ ބުނެފައެވެ.

ތުހުމަތު ކުރެވޭ މީހާ ކޯޓުގައި ބުނީ އޭނާގެ ކޮއްކޮއަކީ ނަފްސާނީ ބަލި ހުންނަ ކުއްޖެއް ކަމަށެވެ. ކޮއްކޮ އަމިއްލަ ނަފްސަށް ވެސް އަނިޔާ ދޭ ކަމަށް އޭނާ ބުންޏެވެ. ގަސްދުގައި ކޮއްކޮއަށް އަނިޔާ ނުކުރާ ކަމަށާއި އޭނާއަށް އެކަނިވަރުގެ އަނިޔާ ލިބުމުން ވެސް އެކަން ފުލުހުން ނުބަލާ ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

އަމުރުން އެނގޭ ގޮތުގައި މި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ޒުވާނާއަކީ ބަންދުގެ ރެކޯޑު އޮތް މީހެކެވެ.

comment ކޮމެންޓް