މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ހިމެނޭ ދެ މީހަކު، ރޯދަ މަސް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެއީ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުރިން ހައްޔަރުކޮށްފައި ތިބި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ނެރުނު ދެ އަމުރެވެ.
ދެ މީހުންވެސް ބަންދު ކުރަން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ނިންމެވީ 30 ދުވަހުގެ މުއްދަތަށެވެ. އެހެންކަމުން ރޯދަ މަސް ނިމެންދެން ދެ މީހުންވެސް ތިބޭނީ ބަންދުގައެވެ.
ކްރިމިނަލް ކޯޓުން، 30 ދުވަހަށް ބަންދު ކުރަން ނިންމި ދެ މީހުންނަކީ، ހ.ފްލޯރާ / މާލެ، ޙަސަން ރިޔާން ޢާމިރު (25އ) އަދި ހ. ބްރައުންހައުސް / މާލެ، މުޙައްމަދު ނަދީމް (41އ) އެވެ.
މި ދެ މީހުންގެ ތެރެއިން، މުޙައްމަދު ނަދީމް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭން މިދިޔަ ޑިސެމްބަރު މަހުއެވެ.
ނަދީމް ހައްޔަރުކޮށް، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޙަސަން ރިޔާން ޢާމިރު ހައްޔަރުކޮށްފައިވަނީ މި ހިނގާ ފެބްރުއަރީ މަހުއެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 73.91 ގުރާމް ކަމަށް ފުލުހުން ބުނެފައިވެއެވެ.