ޕޭޕަލްގެ ދިވެހި ވާޝަން ކަމަށް ރައީސް ވިދާޅުވި ސްވައިޕްގެ ބީޓާ ޓެސްޓިން ފަށައިފި

ސްވައިޕް އިފުތިތާހުކުރުން: ސްވައިޕްގެ ބީޓާ ޓެސްޓިން ވަނީ ފަށައިފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް ސްވައިޕްގެ ބީޓާ ޓެސްޓިން މަރުހަލާ ފަށައިފިއެވެ.

ބީއެމްއެލް ސްވައިޕްއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ވޮލެޓް އިފުތިތާހުކޮށްދެއްވީ މިދިޔަ އޮކްޓޫބަރު 29ގައެވެ. އަދި މި މަހުގެ 17 ވަނަ ދުވަހު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ސްވައިޕްއަކީ ޕޭޕަލްގެ ދިވެހި ވާޝަން ކަމަށް ވިދާޅުވެފައެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ސްވައިޕްގެ ބީޓާ މަރުހަލާގައި ބޭންކުން ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފައިވާ ކަމަށެވެ. މިއީ ސްވައިޕްގެ ޚިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށްޓަކައި ހިންގާ މުހިންމު ޓެސްޓިން މަރުހަލާއެއް ކަމަށް އެ ބެންކުން ބުންޏެވެ.

https://sun.mv/215485

މީގެ އިތުރުން ބީއެމްއެލްއިން ބުނީ، އަންނަ ޖަނަވަރީން ފެށިގެން ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ފަށާނެ ކަމަށެވެ. އޭގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް، ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އެ ބެންކުން ބުންޏެވެ.

ހަމަ އެ މަހުގެ ތެރޭގައި، ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލައި، ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި ފައިސާ ލިބުމުގެ ޚިދުމަތްވެސް ފެށޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުން މިހާރު އަންނަނީ ސްވައިޕް އާންމުންނަށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށެވެ. އެގޮތުން، އޮކްޓޫބަރު މަހު ކާމިޔާބުކަމާއެކު އެ ޚިދުމަތް ތައާރަފުކުރުމަށްފަހު، ބީޓާ ޓެސްޓިން މަރުހަލާ ފަށައި، އަންނަ އަހަރުގެ ކުރީކޮޅު ޕޭމަންޓްތަކާއި ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ޚިދުމަތް ފެށުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ކުއާޓަރުގައި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކާއެކު ސްވައިޕްގެ ޚިދުމަތް ފުޅާވެގެންދާއިރު، ސްވައިޕް މެދުވެރިކޮށް ރާއްޖެ ދުނިޔޭގެ މާކެޓާ ގުޅުވައިދީ، ޑިޖިޓަލް މާލީ ޚިދުމަތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދަމަހައްޓަމުންދާ ކުރިއެރުން އިތުރަށް ހަރުދަނާވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސްވައިޕްގެ ޚިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމެވެ. މިގޮތުން އެ ކުއާޓަރުގައި، ބީއެމްއެލްއިން ދުނިޔޭގެ މަގުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ސްވައިޕް މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހޭނެ ކަމަށް ބެންކުން ބުންޏެވެ.

އެއާއެކު، ސްވައިޕް ވާނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރުގެ މުއާމާލާތްކުރާ ދިވެހިންނަށާއި ދިވެހިރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޭރުގެ ވިޔަފާރިތަކަށްވެސް ކޮންމެހެން ބޭނުންތެރި ވަސީލަތަކަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެ ބެންކުން ބުނީ، އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި، ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕްއަކީ، ދުނިޔޭގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެއް ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެ މީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބެލޭނެ ކަމަށް އެ ބެންކުން ބުންޏެވެ.

ހަމައެއާއެކު، ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށާއި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ޕޭޕަލް ޚިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ސަރުކާރާއި އުރީދޫން ގުޅިގެން އެ ޚިދުމަތް ތައާރަފު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް