ގައުމީ ބޭންކް، ބީއެމްއެލް އިން ވަރަށް ފަހުން އިފުތިތާހުކުރި 'ސްވައިޕް"އަކީ ޕޭޕާލްގެ ދިވެހި ވާޝަން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ އޮކްޓޫބަރު 29 ގައި ރައީސް އިފުތިތާހުކޮށްދެއްވި، ބީއެމްއެލް 'ސްވައިޕް"އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާ އެކު، އަވަހަށް އަދި ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި، އެއީ 100 އިންސައްތަ ދިވެހީންގެ އުފެއްދުމެކެވެ. އަދި، އެ ވޮލެޓް ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ބައްދަލުކުރައްވައި ރޭ ރައީސް ވަނީ އެ ވޮލެޓާ ގުޅުވައި ވާހަކަދައްކަވާފައެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ވޮލެޓަކީ ޕޭޕާލްގެ ދިވެހި "ވާޝަން"އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އަމިއްލައަށް ތައްޔާރުކުރި މޯލްޑިވިއަން ޕްރޮޑަކްޓު، އެހެން ގޮތަކަށް ދަންނަވާ ކަމަށްވަންޏާ ޕޭޕަލްގެ މޯލްޑިވިއަން ވާޝަން ސްވައިޕްގެ [ޚިދުމަތް ފަށަން] ވަނީ އެ ބޭފުޅުން ތައްޔާރުވެފައިރައީސް ޑރ. މުޙައްމަދު މުއިއްޒު
މި މަހުގެ ތެރޭގައި ސްވައިޕްގެ ބީޓާ ވާޝަން ހުޅުވާލައި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރުގެ ނެޓުވޯކުތަކަށް ފުޅާކޮށް، އިތުރު ޗާޖަކާ ނުލައި ވަގުތުން ބޭރުން ފައިސާ ގެނެވޭނެ ގޮތް ފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، ގިނަ ބަޔަކަށް ލިބޭނެ ފަހި ފުރުސަތެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
ބީއެމްއެލްއިން ބުނީ ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ.
ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލައިލުމުގެ ފުރުސަތު ސްވައިޕްއިން ފަހިކޮށްދޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދީފައިވެއެވެ.
އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ، ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ.
ސްޕައިވަކީ ޕޭޕާލްގެ ދިވެހި ވާޝަން ކަމަށް ރައީސް ވިދާޅުވިއިރު، ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭނެ ޕޭޕަލް ޚިދުމަތް، ސަރުކާރުން ރާއްޖޭގައި ފަށަނީ އުރީދޫއާ ގުޅިގެނެވެ.
ޕޭޕާލްއާ ގުޅިގެން އަންނަ އަހަރު ރާއްޖެއަށް ތައާރަފުކުރާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އެ ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވާނެކަން އުރީދޫން ފާހަގަކުރެއެވެ.