މުހިންމު ތިން ދާއިރާއަކަށް އަޅަން ނިންމި ވަކިވަކި ހޮސްޕިޓަލްތައް އަދި އަޅައި ނުނިމުނު ނަމަވެސް, އެ ދާއިރާތަކުން ދޭ ފަރުވާގެ ފެންވަރު މިހާރު ރަނގަޅު ކޮށްފައިވާ ކަމަށް, ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.
ތުއްތު ކުދިންނާއި މައިންނަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމާއި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ އިތުރުން ކެންސަރު ބައްޔަށް ފަރުވާ ދޭ ހޮސްޕިޓަލެއް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް, އަވައްޓެރި އިންޑިއާގެ އެހީގައި އެޅުމަށް ނިންމާފައިވާކަން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް އިއުލާން ކުރިއެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ. އަދި މި ސަރުކާރުން ވަނީ ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް, މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު މެލޭޝިއާ ކުންފުންޏަކާ ހަވާލު ކޮށްފައެވެ. ނަމަވެސް އެ ޕްރޮޖެކްޓްގެ ވެސް މާ ބޮޑު އަމަލީ މަސައްކަތެއް އަދި ފެށިފައެއް ނުވެއެވެ.
https://sun.mv/185897
އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ދާއިރާތަކަށް ޚާއްސަ ހޮސްޕިޓަލްތަކެއް އަޅަން ޖެހެނީ ރާއްޖޭގެ ބަލިމަޑުކަން ހުރިގޮތަށް ބަލާއިރު އެ ދާއިރާތަކަކީ ޚާއްސަ އިސްކަމެއް ދޭން ޖެހޭ ދާއިރާތައް ކަމަށްވުމުން ކަމަށެވެ.
ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީގައި އެ ހޮސްޕިޓަލްތައް އިމާރާތް ކުރުމުގެ މަސައްކަތް ފަށަން ވަރަށް ބާރަށް މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ބައެއް ކަންކަމުގައި އެއްބަސް ނުވެވޭތީ އިތުރު މަޝްވަރާތައް އަންނަނީ ކުރައްވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ހޮސްޕިޓަލްތައް އިމާރާތްކޮށް ޚިދުމަތް ދެވުމުގެ މަސައްކަތް ނުފެށުނު ކަމަކު މި ދެންނެވި ތިން އޭރިއާ ދިވެހި ރާއްޖޭގެ ސިއްހީ ނިޒާމުގައި ތަރައްގީކޮށް ކުރިއެރުވުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން," މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް --- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން ކެންސަރު ބަލި ދެނެގަނެވޭނެ ގޮތްތައް ގާއިމުކުރުމާއި އިތުރު ފަރުވާތައް މާލެ އާއި އަތޮޅުތެރޭގައި ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކެންސަރަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ކުރިން ނެތް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި މިހާރު ގާއިމު ކުރައްވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ ތެލަސީމިއާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރަމުންދިޔަ 30 އަހަރުވީ އިމާރާތް ދޫކޮށްލައި, ހުޅުމާލޭގައި އަލަށް ގާއިމު ކުރި ސެންޓަރާއެކު އެ ދާއިރާގެ ފަރުވާގެ ފެންވަރު ރަނގަޅު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ސްޕެޝިއަލިސްޓް ޑޮކްޓަރުންނަށް ފަސޭހައިން ދެއްކޭނެ އިންތިޒާމާއި ކުރިން ނުހެދޭ ޓެސްޓްތައް ހެދުމުގެ އިންތިޒާމު ތެލަސީމިއާ ޕޭޝެންޓުންނަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ މައިންނާއި ކުދިންގެ ފަރުވާގެ ކަންކަން ވެސް އަތޮޅުތެރެއާއި މާލޭގައި އިތުރަށް ފުޅާ ކުރަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދަރިމައިވުމުގައި ހުރި މައްސަލަތަކަށް ކުރިން އާސަންދައިން ނުލިބޭ ފަރުވާ މިހާރު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދަރުމަވަންތަ ހޮސްޕިޓަލުގައި ޕާޓިލިޓީ ސެންޓަރު ގާއިމު ކުރުމުން އެތައް ސަތޭކަ ބަޔަކު އެތަނުން ޚިދުމަތް އަންނަނީ ހޯދަމުން. އަދި އިތުބާރު ވަރަށް ބޮޑަށް ލިބެމުން އެބަދޭ," މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެ ތިން ދާއިރާގެ ފަރުވާ އިތުރަށް ހަރުދަނާ ކުރުމަށް ތިން ހޮސްޕިޓަލް ނިންމުމުގެ މަސައްކަތްތައް ގާނޫނީ ހަމަތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމަށެވެ.