ތެލަސީމިއާ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުވުމަށާއި ކުރިއަށް އޮތް އަހަރު ތެރޭ ފަސް ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ކެބިނެޓުން ބޭއްވި ބައްދަލުވުމުގައި އެކަން ނިންމާފައިވާކަން އިއުލާން ކުރެއްވީ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފިރުޒުލް ވިދާޅުވީ ތެލަސީމިއާ ހުންނަ މީހުންނަށް މިހާރު ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމާއި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ މަގުފަހިކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެއީ ރައީސްގެ މެނިފެސްޓޯ އާއި ވެރިކަމުގެ 14 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެކަމާ ގުޅިގެން ކެބިނެޓުން ނިންމާފައިވާ ނިންމުންތައް ދެ ދިމާލަކަށް ބެހިފައިވާ ކަމަށާއި އެއީ ކުރު ރާސްތާއަށާއި ދުރު ރާސްތާއަށް ވިސްނައި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.
އެއްކަމަކަށް މިއަދުގެ ހާލަތުގައި ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދާ ބޭހާއި ކޮންޒިއުމަބުލްސް އޭގެ ޒާތުގައި ދައުލަތުން ކަވަރު ކުރާ ކަމަށެވެ. ނަމަވެސް މިކަމުގެ އިޖުރާއަތްތައް ތަރުތީބުވެފައި ހުރި ގޮތުން އެފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ފަރުވާއަށް ޑައިގްނޯޒް ކުރެވިގެން ފޯރުކޮށްދެވޭ ބޭސް ފަރުވާ ފޯރުކޮށްދެވެނީ މޯލްޑިވްސް ބްލަޑް ސާވިސްގެ ޚިދުމަތްތަކުގެ ތެރެއިން ކަމަށްވާތީވެ އެފަރާތްތައް އެ ޚިދުމަތް ހޯދުމަށް އޮތް ހަމައެކަނި މަގަކީ މޯލްޑިވްސް ބްލަޑް ސާވިސް ކަމަށްވީތީވެ ހޯދުމުގައި ބައެއް ކަހަލަ ދަތިތައް ދިމާވޭ. އޭގެ ސަބަބުން ލިބިފައި ހުންނަ ބޭސް ސިޓީއަށް ބޭސް ހޯދުމުގައި ދުވަހެއް ނުވަތަ ދެ ދުވަހެއްގެ ލަސްކަމެއް، މިހެން ހުރި މައްސަލަތައް ދިމާވެގެންދޭ،" ފިރުޒުލް ވިދާޅުވިއެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ނިންމަވާފައި ވަނީ، ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބްލްސް އެސްޓީއޯ މެދުވެރިކޮށް އާސާންދައިގެ ތެރެއިން ލިބޭނެ ގޮތް ހަދަން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބަދަލާއެކު، އެހެނިހެން ބޭސް ސިޓީއެކޭ އެއްގޮތަށް، ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބްލްސްގެ ބޭސް ސިޓީ ހިފައިގެން ފާމަސީއަށް ދިޔުމުން އެ ތަކެތި ލިބޭނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓުގެ ޚިދުމަތް ފަހިކޮށް ދިނުމާ ގުޅޭ ގޮތުން ތިން ކަމެއް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ކަމަކަށް، ކުރިއަށް އޮތް އަހަރު ތެރޭގައި ދައުލަތުގެ ޚަރަދުގައި ފަސް ކުއްޖަކަށް ޓްރާންސްޕްލާންޓް ހަދައިދިނުމަށާއި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ފުރަތަމަ ކުއްޖާ ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ބޯންމެރޯ ޓްރާންސްޕާލަންޓް ހެދުމަށް ދައުލަތުގައި ގިނަ ބަޔަކު އެދިފައިވުމުން، ކުރިއަށް އޮތް އަހަރުތަކުގައި، ޓްރާންސްޕްލާންޓަށް ޝަރުތު ހަމަވާ ކުދިންނަށް އެ އޮޕަރޭޝަން ހެދޭނެ ގޮތް މަގުފަހިކޮށްދިނުމަށާއި އެކަމަށް ޚާއްޞަ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރު ނިންމުމަކަށް ތެލަސީމިއާ ފަރުވާއަށް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމުގެ ޚަރަދާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވަނީ 25 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު ކުރިއަށްދާން ކަމަށާއި އެ ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ ކަމަށެވެ.
އެ ހޮސްޕިޓަލް އަޅާނީ މާލެ ސަރަހައްދުގައި ކަމަށާއި ނަމަވެސް ހޮސްޕިޓަލް އަޅާނެ ވަކި ތަނެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހޮސްޕިޓަލުގެ ތެރެއިން ބޯން މެރޯ ހެދުމުގެ ޚިދުމަތްތައް އޭގެ ކުރިއަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކާއި ހަމަ އެހެންމެ އޭގެ ފަހަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ގާއިމުކުރުމަށް ނިންމާފައިވޭ އަދި ހަމަ އެހެންމެ އެ ފަރުވާ ހޯދުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މާލެއަށް އަންނަން ޖެހޭ ފަރާތްތަކަށް އެ އިންފްރާސްޓްރަކްޗާގެ ތެރޭގައި ހުރުމުގެ އިންތިޒާމް ހަމަޖެހޭ ގޮތަށް އެ ހޮސްޕިޓަލް ފަރުމާ ކުރުމަށް ނިންމާފައިވޭ،" އޭނާ ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެދި 40 ކުއްޖަކު ލިސްޓުކޮށްފައިވާ ކަމަށާއި ސިއްހީ ގޮތުން އެ އޮޕަރޭޝަނަށް ޝަރުތު ހަމަވަނީ އޭގެ ތެރެއިން 35 ކުދިން ކަމަށެވެ.
"އަމާޒަކީ ކުރިއަށް އޮފް ފަސް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި އަދަދަށް ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މަގުފަހިކޮށްދިނުން ސަރުކާރުގެ ޚަރަދުގެ ތެރެއިން،" ފިރުޒުލް ވިދާޅުވިއެވެ.
ތެލަސީމިއާ ވާރުވޭތޯ ބެލުމަށް ހަދާ ޑީއެންއޭ ޓެސްޓަށް އާސަންދަ ކަވަރޭޖް
ތެލަސީމީއާ ވާރުތަވޭތޯ ޓެސްޓު ކުރާ މީހުންގެ ތެރެއިން 30 ޕަސެންޓް ވަރަކަށް މީހުން، އެކަން ޔަގީން ކުރުމަށް ޑީއެންއޭ ޓެސްޓެއް ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ޚިދުމަތަށް އާސަންދަ ނުލިބޭ ކަމަށާއި އެހެންވެ، އެ ޓެސްޓަށް އާސަން ކަވަރޭޖް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެވަނަ ކަމަކަށް މެދު ރާސްތާގައި ނުވަތަ ދުރު ރާސްތާގައި ޑީއެންއޭ ޓެސްޓު އޭގެ ޒާތުގައި ސަރުކާރުގެ ރަސްމީ ސިއްހީ ނިޒާމުގެ ތެރެއިން ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ،" ފިރުޒުލް ވިދާޅުވިއެވެ.
ހަމައެއާއެކު ތެލަސީމިއާ ހުންނަ މީހުން ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ދަގަނޑުގެ ބައި ހަރުލާފައި ހުންނަ މިންވަރު ދެނެގަަތުމަށް އެވަރެޖުކޮށް ދެއަހަރަކުން އެއް އަހަރު ހަދާ ޓީ2 ސްޓާ ޓެސްޓަށް ވެސް، އާސަންދަ ކަވަރޭޖް ދޭން ކެބިނެޓުން މިއަދު ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.