ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ދެބަސްވުންތަކާ ގުޅިގެން ދެ ބޭފުޅުން ދުރުވުމަށްފަހު، އަލުން ދެ ބޭފުޅުން އެކުގައި އެމްޑީޕީއަށް އާ ދިރުމެއް ލިބި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ އުއްމީދު ލިބިއްޖެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޝާހިދު އިޝާރާތް ކުރެއްވީ، މިދިޔަ ބުދަ ދުވަހު ނަޝީދާއި ޞާލިޙް ބައްދަލުކުރެއްވުމަށެވެ. އެއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ބޭއްވި ޕްރައިމަރީއާ ގުޅިގެން ޞާލިޙާއި ނަޝީދުގެ ފެކްޝަނެއް އެމްޑީޕީގައި އުފެދި، ޕާޓީ ބައިބައިވެ، ނަޝީދު އެމްޑީޕީ ދޫކުރެއްވި ފަހުން އެ ބޭފުޅުން އެގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
އެ ބައްދަލުވުމުގައި ނަޝީދާއި ޞާލިޙް ވަނީ ކުރިން ދެއްކެވި ވާހަކަތައް އެއްފަރާތް ކުރައްވާފައިވާ ކަމަށާއި، ކައުންސިލް އިންތިޚާބަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ހިނގި ކަންތައްތަކާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ތަފާތު ޚިޔާލަށް ޖާގަ އޮންނަ ޕާޓީއެއް ކަމަށާއި އެކަމާ މެދު ފަޚުރުވެރިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް 2023ގައި މިދިމާވި ހިތްދަތިކަން އެއީ މި ދެންނެވި ޖާގައިގެ ތެރެއިން ބޭއްވުނު ޕްރައިމަރީއަށް ފަހު ކުރީގެ ދެ ރައީސުންގެ ދޭތެރޭގައި އެއްބަސްވުމަކަށް ވަޑައިނުގެންނެވިގެން، އޭގެ ސަބަބުން ނުކުތް ހިތި ނަތީޖާ،" ޝާހިދު ވިދާޅުވިއެވެ.
"އެކަންވީ ޕާޓީގެ ހުރިހާ މެންބަރުންނަށް ވެސް، އޭގެ ތެރޭގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ވަރަށް، ބޮޑު މާޔޫސްކަމެއް ގެނުވި ކަމަކަށް."
ޝާހިދު ވިދާޅުވީ އެ ދެ ބޭފުޅުން އަލުން އެކުގައި ފެނުން ވީ ޕާޓީގެ މެންބަރުންގެ ހިތްތަކަށް ދިރުން ގެނުވި ކަމަކަށް ކަމަށާއި، ޚާއްސަކޮށް ކުރިމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އެ މަންޒަރު ފެނުން އެއީ އޭގެ ޒާތުގައި އެ ހިސާބުން ޕާޓީއަށް އާ ދިރުމަކާއި އާ ޖޯޝެއް ގެނުވި ކަމެއް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ: --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް
"އަޅުގަނޑު އުއްމީދު ކުރަނީ އަޅުގަނޑުމެންގެ ރަށްރަށާއި އަތޮޅުތަކާއި އަދި ސިޓީތަކުގައި ވެސް ޚިޔާލު ތަފާތުވެފައި ތިއްބެވި ހުރިހާ ބޭފުޅުން، މި ފެނުނު މަންޒަރާ އެކުގައި އަލުން އެކަތިގަނޑަކަށް ވެގެން އަޅުގަނޑުމެން ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ތަނުން މި ސަރުކާރު ބަލި ކުރަން ޖެހޭކަން، ބަލި ކުރެވޭނެކަމަށް،" އޭނާ ވިދާޅުވިއެވެ.
ޝާހިދު ވަނީ، ރާއްޖެ މިހާރު އޮތީ ވަރަށް ދަތި ހާލަތުގައި ކަމަށާއި ނަމަވެސް އަންނަ އަހަރަކީ އެކަން ބަދަލުކޮށްލާނެ އަހަރު ކަމުގެ ވަރަށް ބޮޑު ޔަގީންކަމާއި އުއްމީދެއް އޮތް ކަމަށް ވިދާޅުވެފައެވެ.
ޞާލިހުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު، ޞާލިޙްގެ ސަރުކާރަށް ފާޑު ވިދާޅުވެ ތުހުމަތުތައް ފާޅުގައި އަމާޒުކުރެއްވިއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވުމުންނާއި، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބުނު ފަހުން ދެ ބޭފުޅުންގެ ގުޅުން އިތުރަށް ގޯސްވިއެވެ.
އޭރު ނަޝީދު ވަނީ ޞާލިޙާއި އެ ސަރުކާރަށް ބޮޑެތި ތުހުމަތުތައް ވެސް ކުރައްވައިފައެވެ. އެއަށްފަހު ނަޝީދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއެކު އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފެއްދެވީއެވެ. އެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގައި ޞާލިޙްގެ ވާދަކުރިއެވެ. ނަމަވެސް ނާކާމިޔާބުވުމުން، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ނިންމެވިއެވެ.
ޞާލިޙަށް އެ އިންތިޚާބު ނާކާމިޔާބުވީ އޭގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭގެ ފަހުން، މި ސަރުކާރަށް ވެސް ތާއިދުކުރައްވައި ވާހަކަ ދެއްކެވުމަށް ފަހު، މިދިޔަ ޖޫން މަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.